ހަބަރު

ޓީޗަރުން ތަމްރީން ކުރަން އެޑިއުކޭޝަނާއި ކުއްލިއްޔާ އެއްބަސްވެއްޖެ

Mar 17, 2015
1

ޓީޗަރުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި ކުއްލިއްޔަތުއްދިރާސާތުލް އިސްލާމިއްޔާ އާއި އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. އަދި ކުއްލިއްޔާގެ ފަރާތުން ސޮއިކުރެއްވީ ކުއްލިއްޔާ މަޖިލީހުގެ ރައީސް ޑރ. އަހުމަދު ޝަރީފެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތްތަކުގައި ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޓީޗަރުން ތަމްރީން ކުރުމާއި އެކި ދިރާސާތައް ކުރުމުގައި ވެސް އެހީތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އެއްބަސްވުމުގެ ދަށުން ޒަމާނަށް އަންނަ ބަދަލާއެކު ޓީޗަރުންގެ ފެންވަރު މަތި ކުރުމަށް މަސައްކަތް ކުރެވޭނެ،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

ކުއްލިއްޔާ މަޖިލީހުގެ ރައީސް ޑރ. އަހުމަދު ޝަރީފު ވިދާޅުވީ އެއްބަސްވުމުގެ ދަށުން 10 އަހަރު ތެރޭގައި 5000 ޓީޗަރުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެޑިއުކޭޝަނާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ގޮސް ތަމްރީން ޕްރޮގްރާމްތައް ހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލު ކުރަން. އިސްލާމިކް ޔުނިވާސިޓީއަކަށް ބަދަލު ވުމުން އަރަބި ބަހާއި އިސްލާމް އަދި ދިވެހި ޓީޗަރުންގެ އިތުރުން އެހެނިގެން ދާއިރާތަކުން ވެސް ޓީޗަރުން ތަމްރީން ކުރުމުގެ މަގު ފަހި ވެގެންދާނެ،" ޝަރީފު ވިދާޅުވި އެވެ.