ޓްރެފިކް މައްސަލަތައް

ބެންތެޔޮ ގޯޅިއަކީ އަރަތެއްތަ؟ ނޫންތަ؟

Jan 24, 2017
13

ބެންތެޔޮ ގޯޅި އޭ ބުނުމުން ފަހަރުގައި ނޭނގިދާނެ އެވެ. އެކަމަކު އެއީ ވަރަށް މަޝްހޫރު ގޯޅިއެކެވެ. އެއީ ސަލްސާ ރޯޔަލް ގޯޅި އޭ ބުނުމުން ނަގައިގަންނަން ފަސޭހަވާނެ އެވެ. މިއީ ފާޑެއްގެ އަރަތެއް ކަހަލަ ގޯޅިއެކެވެ. ގިނަ މީހުންނަށް ބެންތެޔޮ އެނގެނީ ވެސް އަރަތެއްގެ ގޮތުގައިހެން ހީވެއެވެ. ބެންތެޔޮ ގޯޅި ސިފަ ކުރާނެ އިތުރު ގޮތެއްވެސް ނުވިސްނެ އެވެ.

އެ ހިސާބުން ދަތުރުކުރާ ކޮންމެ ފަހަރަކު އެ އަރަތާ މެދު ވިސްނާނުލައި ދެވޭނީ މަދު ފަހަރެއްގަ އެވެ. ވެހިކަލްތައް ފަރީދީ މަގުން އައިސް އަޅައިގެން އޯކިޑް މަގަށް ދެވޭ މި ގޯޅި، ކަމާބެހޭ މުއައްސަސާ އަކުން ނޫނީ މުއައްސަސާ ތަކަކުން ހަމަޖައްސާފައިވާ ގޮތަށް އެއްޗެއް ބުނަނީއެއް ނޫނެވެ. އެކަމަކު އެ ގޯޅިއަކީ ހަމަ އަރަތެކެވެ.

މާލޭގެ އެންމެ ބޮޑު މަގުތަކުގެ ތެރޭގައި މެނޭ ދެ މަގު ގުޅުވައިދޭ މި ގޯޅިން، އުތުރަށް، ލައިނޫފަރު މަގަށް ނޫނީ އާންމުކޮށް ކިޔާ ގޮތަށް ނަމަ "އަލިވާގެ ގޯޅިތެރެ" އަށް ދެވޭ ގޮތަށް އޮންނަ އޮތުމަކީ، އާންމުންގެ ވިސްނުމުގެ ބޭރުން ރޭވިފައިވާ ރޭވުމެކޭ ވިސްނާލީމާ ހީވެއެވެ.

އެންމެ ހައިރާން ކުރަނިވާ ކަމަކީ، ބެންތެޔޮ ގޯޅިން ލައިނޫފަރު މަގަށް ސީދާ ދެވޭކަށް ނޯވެ އެވެ. ކަސްޓަމްސް ނުވަތަ މާރުކޭޓް ސަރަހައްދަށް އަމާޒު ހިފާ ބޮޑެތި އަދި ބިޔަ އުޅަނދުތައް ބެންތެޔޮ ގޯޅިން އައިސް ލަިއިނޫފަރު މަގަށް ވަންނަންޖެހެނީ އޯކިޑް މަގުގެ އެއްބަޔަށް ވައްދާލައިގެންނެވެ.

ސްކޫލްތަކާއި އޮފީސްތައް ނިމޭ ގަޑީގައި، މުޅި ސަރަހައްދު ތޮއްޖެހި، އަތަކަށް ހިރިނުލެވޭ ވަރަށް އޮންނަނީ ވެހިކަލްތައް ފުނިޖެހިފަ އެވެ. ބެންތެޔޮ ގޯޅިން، ލައިނޫފަރު މަގަށް އަޅުވަލާ އުޅަނދުތަކަށް ޖާގަ ނުލިބުމުން، އޯކިޑު މަގު ހުރަސްކޮށް ވެހިކަލްތައް ތޮއްޖެހި، އެތަނުގައި ތާށިނުވާ މީހަކު މާލޭގައި މަދުވާނެ އެވެ.

އެ އަނގޮޅީގައި ޓްރެފިކް ލައިޓެއް ވެސް ބޭނުން ކުރި އެވެ. ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތި، ޕެޓްރޯލް އަންދާލަ އަންދާލަ ޓްރެފިކުގައި ތާށިވެފައި އިންނައިރު، ބޭނުން ނުކުރާ އެ ލައިޓްތައް ފެންނާން ހުރެ އެވެ.

މިހާރު، މާފަންނު ކޮޅުން މަޖީދީ މަގު ހެދުމުގެ މަސައްކަތް ކުރާތީ، އޯކިޑް މަގާއި ފަރީދީ މަގުގެ ދެ ފަރާތުގައި ޕާކު ކުރުން ހުއްދަ ކުރުމުން، އެ ސަރަހައްދުގެ ހަލަބޮލިކަން ވަނީ އެތަކެއް ގުނައެއް މައްޗަށް ޖެހިފަ އެވެ.

ޓްރެފިކް ފްލޯގެ މިނިޒާމް ވިސްނައިގަންނާކަށް ނޭނގެ އެވެ. ސަބަބަކީ ބެންތެޔޮ ގޯޅިން އުތުރަށް ދުއްވޭ ގޮތަށް އޮތުމުގެ ބަދަލުގައި، ދެކުނަށް ދުއްވޭ ގޮތަށް ނުވަތަ ކުޑަމިނުން ލައިނޫފަރު މަގަށް ނުވަދެވޭ ގޮތަށް ހަދައިފިނަމަ، މުޅި އެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހުމުގެ މަސައްލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އިރު އެ ބަދަލު ގެނެސްފައި ނުވާތީ އެވެ.

ކަސްޓަމްސް ނުވަތަ މާރުކޭޓު ސަރަހައްދަށް، ކިރިޔާ ދުވާ ވަރަށް މުދާ ބަރުކޮށްގެންދާ ބިޔަ ލޮރީތައް، ފަރީދީ މަގުން ހުރި ގޮތަށް ގޮސް، ކުރީގެ ގަޑިބުރު ވަށާލާފައި އޯކިޑް މަގަށް އަޅައިގެން އައިސް ލައިނޫފަރު މަގަށް އަންނަންޖެހޭ ގޮތަށް ހައިދިފިނަމަ، ހުރިހާ އެންމެންގެ ހައްޓަށް ލުއިވާނެ ކަމީ ކަމާބެހޭ މުއައްސަސާތަކުން ނުވިސްނާ ކަމެކޭ ބުނާކަށް އަޅުގަނޑަށް ލާހިކެއް ނޫނެވެ.

ހާއްސަކޮށް، ހިލާލީގެ ކުރިމަތިން އޮންނަ ފަރީދީ ގޯޅިއަށް ވެހިކަލްތަކަށް ނުވަދެވޭ ގޮތަށް ހެދުމުން، ފަރީދީ މަގަށް އެންމެ ކައިރިންވެސް ދެވެން އޮންނަނީ އާ ބުރުޒު މަގުން ކަމަށް ވުމުން، އޯކިޑް މަގުން ފަރީދީ މަގަށް އެޅޭ ގޮތަށް ބެންތެޔޮ ގޯޅިން އުތުރުން ދެކުނަށް ދުއްވޭ ގޮތަށް ނަހަދާ، މުޅި ޓްރެފިކް ފްލޯ "ސީދާ" ނުކޮށް އޮންނަނީ އަޅުގަނޑުމެންނަށް ނޭނގޭ ސަބަބެއް އެކަމުގެ ފަހަތުގައިވާތީ ކަމަށް ވެދާނެ އެވެ.

ކޮންމެ ގޮތަކަށް އޮތް ކަމުގައި ވީ ނަމަވެސް، މިފަދަ "އަޖައިބު" ން ފުރިފައިވާ މަގުތަކާއި ގޯޅިތައް މާލޭގައި މަދުނުވާނެ ކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް، ބެންތެޔޮ ގޯޅިއަކީ އަޖައިބެއް ކަހަލަ އަރަތަށެވެ.