ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގަދަކަމުން އެއްވެސް ތަނަކަށް ގެންދިޔުމަށް އަމުރެއް ކުރައްވާފައި ނުވާނެ ކަމަށް، އެ މައްސަލައިގައި 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ޝަރީއަތަށް ހުށަހެޅުއްވި ހުލާސާ ބަޔާން މިއަދު ނަޝީދުގެ އޮފީހުން އާންމު ކުރެއްވި އިރު، އެ ބަޔާނުގައި ނަޝީދު ވިދާޅުވެފައި ވަނީ އަބްދުﷲ މުހައްމަދާ ގުޅޭ ގޮތުން އެކި ފަރާތްތަކުގެ ޝަކުވާ އެމަނިކުފާނަށް ހުށަހެޅުނު ކަމަށެވެ. އަދި އެ ކަންތައްތައް ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް އެންގެވި ކަމަށާއި ނަމަވެސް އެމަނިކުފާނާ މެދު ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް އަންގާފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އެޅުމުގެ މައްސަލަ ވެސް ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ނޫން ގޮތަކަށް އިރުޝާދު ނުދެއްވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
"ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ، ކަމާބެހޭ ފަރާތުގައި ވަކި ކަމެއްކުރާން ބުނުމުން ދެން އެކަމެއްހިންގާ ވުޒާރާތަކާއި އިދާރާތަކުން އެކަން ހިންގަން ޖެހޭނީ ގާނޫނީ ހަމަތަކުގެ މަތިންނެވެ. 2008 ވަނައަހަރުގެ ފަހުކޮޅުގައި އަޅުގަނޑު މާލީ ވަޒީރު އަރިހު ދިވެހި ދައުލަތުގެ އާމްދަނީ 6 ބިލިއަން ރުފިޔާއިން 11 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް ދަންނަވާފައިވާނެއެވެ. އޭގެ މާނައަކީ އެ މަނިކުފާނު ސިފައިން ބޭނުން ކޮށްގެން ތަންތަން ލޫޓުވުމެއްނޫނެވެ،" ނަޝީދު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީގެ މައްސަލަ އިތުރަށް ތަފްސީލް ކޮށްދެއްވަމުން ނަޝީދު ވިދާޅުވެފައި ވަނީ މަރުގެ މައްސަލައެއްގައި ހުރި ކުށްވެރިއަކު ދޫކޮށްލަން އަބްދުﷲ ގާޒީ އަމުރު ކުރެއްވީ، ކޮންޓްރެކްޓަށް މީހަކު މެރުމުގެ މައްސަލައެއްގެ ތެރޭން އަބްދުﷲ ގާޒީއަށް ވެސް އޭގެން ބައެއް އެޅިގެން ކަމަށް ބުނެ ފުލުހުންގެ ރިޕޯޓެއް އެމަނިކުފާނަށް ލިބުނު ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ މައްސަލަ ޕޮލިހުން ތަހުގީގު ކުރިއިރު އަބްދުﷲ ގާޒީ އަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އެ ތަހުގީގަށް ހާމަވި ކަމަށެވެ. އެފަދަ ނުރައްކާތެރި މީހަކަށް އަބްދުﷲ ގާޒީ ވާތީ ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކަލަކުން ދިފާއުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހޯމް މިނިސްޓްރީއަށް އެންގެވި ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަމާ ގުޅިގެން ވަކި ފިޔަވަޅެއް އެޅުމަށް އަމުރެއް ނުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"މިވާހަކަ އަޅުގަނޑަށް އެންގުމުން އަޅުގަނޑު ދެންނެވީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކުން ސަލާމަތް ވުމަށް ކުރަން ހުރި ކަންކަން ކުރުމަށް އަޅުގަނޑު ހޯމް މިނިސްޓަރަށް އަންގާފައިވާނެއެވެ. އެއްވެސް އިރެއްގައި އެއްވެސް ބޭފުޅެއްގެ ގާތުގައި ވަކި ގޮތަކަށް ވަކިކަމެއްކޮށް، ވަކި ފިޔަވަޅެއް އެޅުމަށް އަޅުގަނޑު އަންގާފައެއް ނުވާނެއެވެ،" ބަޔާނުގައިވެ އެވެ. "ޤާޟީ ޢަބްދުﷲ މުޙައްމަދު ގަދަބާރުން ތަނަކަށް ގެންދާކަށް އަޅުގަނޑު ނިންމާފައެއް ނުވާނެއެވެ. އަދި އެފަދަ ކަމެއް ކުރުމަށް އަމުރެއްވެސް ކޮށްފައެއް ނުވާނެއެވެ. ޤާޟީ ޢަބްދުﷲ މުޙައްމަދުއާ ގުޅޭ މައްސަލަތައް އަޅުގަނޑާ ހިސާބަށް އައުމުން އަޅުގަނޑު އަބަދުވެސް ކަންކުރަމުން ގެންދިޔަ އުސޫލަކީ ގާނޫނުގައި ވާ ގޮތުގެ މަތީން ފިޔަވަޅު އަޅާން ދައުލަތުގެ ކަމާ ބެހޭ ފަރާތް ތަކަށް އެންގުމެވެ."
ޝަރީއަތުގެ މަޖިލީހުގައި ވެސް ނަޝީދު ތަކުރާރުކޮށް ވަކާލާތު ކުރެއްވި ގޮތަށް ބަޔާނުގައި ވެސް ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ލިބެން ޖެހޭ ވަރަށް ގިނަ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށެވެ. އަދި ޓެރަރިޒަމްގެ ދައުވާ ކުރުމަށް ފަހު، ކަމާ ގުޅޭ ލިޔުންތައް ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތު އެއްވެސް ވަރަކަށް ނުދޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ހެކިން ހުށަހެޅި ނަމަވެސް އެ ހެކިތައް ވެސް ބަލައި ނުގަތްކަން ފާހަގަ ކުރައްވާފައިވެ އެވެ. އެވާހަކަތައް ވިދާޅުވުމަށް ފަހު ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މައްޗަށް ތިން ފަނޑިޔާރަކު ވެގެން ހިންގީ ޝަރީއަތެއް ނޫން ކަމަށާއި ޗަރުކޭހެއް ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކިތަންމެ ވަރަކަށް ބޭއިންސާފު ވިޔަސް، ބޭރު ދުނިޔޭގައި ތިބި އެމަނިކުފާނަށް ލޯބިވާ ފަރާތްތަކާއި ދިވެހިންގެ ތެރެއިން އެމަނިކުފާނަށް ލޯބި ކުރާ ފަރާތްތަކުގެ މަސައްކަތުން އެކަމުގެ ތެރެއިން ނުކުތުމުގެ މަގުފަހިވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ނަޝީދުގެ ބަޔާނުގައި މިހެން ވިދާޅުވެފައި ވާއިރު މީގެ ދުވަސްކޮޅެއް ކުރިން ނަޝީދު ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީ އަކީ ވަރަށް ދުރުވިސްނޭ ބޭފުޅެއް ކަމަށާއި އެ ގާޒީ ހައްޔަރު ކުރުމަކީ އޭރު ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުން ވަރަށް ދެރަކޮށް ކުރެއްވި ކަމެއް ކަމަށެވެ.