ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) މެލޭޝިއާގެ ސްޕަ ލީގްގެ ޕާހެންގް އެފްސީ އަށް ބަދަލުވާން އުޅޭ ކަމަށް މެލޭޝިއާގެ ބައެއް މީޑިއާތަކާއި، ކުޅިވަރު ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފި އެވެ.
ދަގަނޑޭ، ކުރިން ކުޅުނު މެލޭޝިއާގެ ޕީޑީއާރްއެމް ގެ ކުރީގެ ކޯޗް ދޮލާހް ސޮލާހް މިހާރު ކޯޗް ކޮށް ދެމުން ގެންދަނީ ޕާހެންގް އަށެވެ.
ދެހާސް ސާދަ ވަނަ އަހަރު ދަގަނޑޭ، ޕީޑީއާރްއެމް އަށް ގެންދިޔައީ، ދޮލާހް ސޮލާހްގެ އިސްނެގުމަށެވެ. ސޮލާހްގެ އެންމެ ފޭވަރިޓް ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ހިމެނެ އެވެ.
މެލޭޝިއާގެ ގައުމީ ޓީމަށް ސޮލާހް ކޯޗް ކޮށްދިން އިރު، ޓޮޓަންހަމް ހޮސްޕާއާ ދެކޮޅަށް 2015 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ޓީމު ކުޅުނު އެކުވެރި ކަމުގެ މެޗުގައި، ބިދޭސީ ކުޅުންތެރިންނަށް ދިން ފުރުސަތުގައި ސޮލަހް ވަނީ ދަގަނޑޭ އަށް އެ މެޗުން ފުރުސަތު ދީފަ އެވެ.
މަޝްހޫރޫ ފުޓްބޯޅަ ހަބަރުތައް ގެނެސްދޭ، އީސްޕީއެން އިން ބުނެފައިވަނީ، "ޕާހެންގް އަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ހިމެނޭ ކަމަށް ބަލޭވޭ" ކަމަށެވެ.
ޕާހެންގް އެފްސީގެ ސަޕޯޓަރުން ހިންގާ ފޭސް ބުކް ޕޭޖެއް ކަމަށްވާ "ޕާހެންގް ފުޓްބޯލް ކުލަބު ސްޓޯރީ" ގައި ބުނެފައި ވަނީ، ދަގަނޑޭ، އެޓީމަށް ގެނައުމަށް، ކޯޗް ސޮލާހް އޭނާ (ދަގަނޑޭ) އާ ވާހަކަ ދައްކަފައިވާ ކަމަށެވެ. އަދި އެ ޕޭޖްގައިވާ އެހެން ޕޯސްޓެއްގައި ބުނެފައި ވަނީ ޕާހެންގް ސަޕޯޓަރުން ދަގަނޑޭ އަށް މަރުހަބާ ކިޔާ ކަމަށެވެ.
މިއަހަރު ސީޒަންގައި ދަގަނޑޭ ނިއު ރޭޑިއަންޓަށް ސޮއި ކުރާ ވާހަކަތައް ގަދަ ވެފައި ވަނިކޮށް، އެކުލަބުން ބުނެފައިވަނީ ދަގަނޑޭ އިންޖަރީގައި ހުރުމުން އޭނާގެ ގެ އެދުމަށް ސޮއި ކުރުމުގެ ކަންކަން މަޑު ޖައްސާލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކުލަބަކަށް ކުޅޭނަމަ، ނިއު އަށް ކުޅޭނެ ކަމުގެ ޔަގީންކަން، ދަގަނޑޭ ދީފައިވާ ކަމަށް ނިއުގެ ޗެއަމަން މުހައްމަދު ޒިޔާދު ވިދާޅުވި އެވެ.
މެލޭޝީއާގައި ކުޅުނު ދެ އަހަރު ދަގަނޑޭ، ވަނި މޮޅު ކުޅުމެއް ދައްކާފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު އޭނާ އަށް ވަނި މެލޭޝިއާގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ލިބިފަ އެވެ.
މިދިޔަ އަހަރު، ޕީޑީއާރްއެމް އަށް ކުޅެމުން ދަނިކޮށް، ދަގަނޑޭ އަށް ލިބުނު އަނިޔާ އެއްގެ ސަބަބުން، އޭނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އެޓީމުން އުވާލި އެވެ. އަނިޔާއިން ރަނގަޅުވެ އެނުބުރި ރާއްޖެ އައިސް އޭނާ ކުޅެފައި ވަނީ މާޒިޔާ އަށެވެ. އެޓީމު ދިވެހި ޕްރިމިއާ ލިގް ހޯދިއިރު، ދަގަނޑޭ ވަނި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.