ވިޔަފާރި

ރިސޯޓު ހަދަން ގެނައި މުދަލުން 378 މިލިއަން ރުފިޔާ މައާފުކޮށްދީފި

ނުހެދި ހުރި ރިސޯޓްތައް ހަދައި ވީހާ ވެސް އަވަހަކަށް ހުޅުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރިސޯޓު ތަރައްގީ ކުރަން މިދިޔަ އަހަރު ރާއްޖެ އަށް ގެނައި މުދަލުގެ ތެރެއިން 378 މިލިއަން ރުފިޔާ މައާފުކޮށްދީފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން "އަވަސް" އާ ހިއްސާ ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި ރިސޯޓު ތަރައްގީ ކުރަން މިދިޔަ އަހަރު ރާއްޖެ ގެނައި މުދަލުގެ އަގު ތިން ބިލިއަން ރުފިޔާ އަށް އަރާއިރު، މީގެ ތެރެއިން 378 މިލިއަން ރުފިޔާ ވަނީ ޑިއުޓީ މައާފުކޮށްދީފަ އެވެ.

ރިސޯޓު ހަދަން ގެންނަ މުދަލުގެ ޑިއުޓީން ބައެއް މައާފުކޮށްދޭން ސަރުކާރުން ނިންމާފައިވަނީ ނުހެދި ހުރި ރިސޯޓުތައް ހުޅުވައި، އަދި އަލަށް ރިސޯޓު ތަރައްގީ ކުރުން އަވަސް ކުރުމުގެ ގޮތުންނެވެ. މިގޮތުން މިދިޔަ އަހަރު މުޅިން އަލަށް 11 ރިސޯޓެއް ވަނީ ހުޅުވާފަ އެވެ. މިދިޔަ އަހަރު އަލަށް ހުޅުވި ރިސޯޓުތަކުގެ ތެރޭގައި ދުނިޔޭގެ މަޝްރޫއު ބްރޭންޑުތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ވަނީ ހުއްޓިފައި ހުރި ގިނަ ރިސޯޓުތަކެއްގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރުގައި 50 ރިސޯޓެއް ހުޅުވުމެވެ. މިގޮތުން މި އަހަރު އިތުރު 20 ރިސޯޓެއް ހުޅުވާނެ ކަމަށް ބުނެފައިވެ އެވެ.