ހަބަރު

މޯދީގެ ދަތުރު ކެންސަލް ކުރުމަކީ ރާއްޖެ އިން ހިތާމަކުރާ ކަމެއް: ފޮރިން މިނިސްޓްރީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރައްވަން ހަމަޖެއްސެވި ދަތުރު ކެންސަލް ކުރުމުން ރާއްޖެ އިން ހިތާމަކުރާ ކަމަށް ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު އިނާޔާ ވިދާޅުވެއްޖެ އެވެ.

އިނާޔާއާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ބުނީ މޯދީގެ ދަތުރާ ބެހޭ ގޮތުން ދެ ގައުމުގެ މެދުގައި ވަރަށް ބޮޑަށް މަޝްވަރާކުރި ކަމަށާއި އެކަމަކު ދަތުރު ކެންސަލްކުރީ މި ވަގުތު ރާއްޖޭގެ މަސްރަހު އޮތް ގޮތުން ކަމަށް ބުނެފައި ކަމަށެވެ.

"އިންޑިއާގެ ކަންބޮޑުވުންތައް ދިވެހިރާއްޖެ އަށް ވެސް އެނގޭ. އަވަށްޓެރިންގެ ތެރޭގައި ކަމެއް ހިނގާ ނަމަ ކަންބޮޑުވުމަކީ އެކަން ވާނެ ގޮތް ...،" އިންޑިއާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނާޔާ ވިދާޅުވި ކަމަށް ޕީޓީއައި ގައި ބުނެފައިވެ އެވެ.

އިންޑިއާގެ މީޑިއާ އިން ވެސް ބައިވެރިވި ޕްރެސްގައި އިނާޔާ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވުމުން ޖަލަށް ލާފައި ވާތީ އިންޑިއާގެ ކަންބޮޑުވުންތައް ހުރި ނަމަވެސް ނަޝީދުގެ މައްޗަށް ހުުކުމް އިއްވާފައި ވަނީ ގާނޫނީ އިމުތެރެއިން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ދާހިލީ މައްސަލައެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"މިކަމުގެ ތެރެއަށް އެއްވެސް ގައުމަކުން ނުފޫޒެއް ނުފޯރުވާ. ސަރުކާރުން ދެކެނީ ޖުޑިޝަރީގެ ކަންކަމަކީ ދާޚިލީ ކަމެއްގެ ގޮތުގައި. އެހެންވެ ރާއްޖެ އިން ދެކެނީ ރާއްޖޭގެ ދާޚިލީ ކަމެއްގެ ތެރެއަށް އެހެން ގައުމަކުން ކުރިއަށް އޮތް ތަނުގައި ވެސް ނުވަންނާނެ ކަމަށް،" އިނާޔާ ވިދާޅުވި އެވެ.

މޯދީގެ ދަތުރާއި ނަޝީދުގެ ހުކުމާ ބެހޭ ގޮތުން އިނާޔާ އިންޑިއާގައި ނޫސްވެރިންނާ ބައްދަލު ކުރައްވާފައި ވާއިރު ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިއްޔެ ވަނީ ސްރީ ލަންކާގައި ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. ދުންޔާ ވިދާޅުވެފައި ވަނީ ނަޝީދުގެ މައްސަލާގައި އިންޑިއާ އިން ކަންބޮޑުވިޔަސް އިންޑިއާ އަކީ ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހޭނެ ގަައުމެއް ނޫން ކަމަށާއި އެއީ އެކުވެރި މުހިންމު ގައުމެއް ކަމަށެވެ.