ކުޅިވަރު

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބު ލައިސެންސް

Jan 22, 2017

ރާއްޖޭގެ ފުޓްބޯޅައިގައި ފުރަތަމަ ފަހަރަށް ކުލަބު ލައިސެންސް، އަންނަ އޭޕްރީލް މަހު ތައާރަފު ކުރުމަށް ހަަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެ އެވެ.

އަވަސް އާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ކުލަބު ލައިސެންސްގެ ބޭސިކް ޝަރުތު ހަމަވާ ކުލަބުތަކަށް އޭޕްރީލް މަހު ލައިސެންސް ދޫކުރާނެ ކަަމަ ށެވެ.

ކުލަބު ލައިސެންސާ ބެހޭގޮތުން އޭއެފްސީގެ މެންބަރު އެސޯސިއޭޝަން ޑިޕަޓްމެންޓްގެ ޓީމެއް މިއަންނަ މަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

މި ދިޔަ އަހަރުވެސް އޭއެފްސީގެ ޓީމެއް ރާއްޖެ އައިސް ކުލަބު ލައިސެންސް ދިނުމާ ބެހޭގޮތުން ކުލަބުތަކާ އެކު ވަނީ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފަ އެވެ.

ކުލަބު ލައިސެންސް ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ކުލަބު ހިންގުމުގައި ރަނގަޅު މެނޭޖްމެންޓް ގެ އޮނިގަނޑެއް އޮތުމައި، ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި އޭ ލައިސެންސް ކޯޗުން ތިބުމުގެ އިތުރުން، މާލީ ރަނގަޅު އޮނިގަނޑެއް އޮތުމެވެ.

"މިހާރުވެސް ބައެއް ކުލަބު ތަކަކީ ބޭސިކް ޝަރުތުތައް ހަމަވާ ކުލަބުތައް، އެހެންވެ އެ ކުލަބުތަކަށް ލައިސެންސް ދިނުމުގެ ވިސްނުންތަކެއް އަޅުގަނޑުމެންގެ ހުރީ." ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަރުތު ހަމަ ނުވާ ކުލަބުތަކަށް، އެކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ ކުލަބުތަކަށްވެސް، އިތުރަށް ކަންކަން ހަރުދަނާ ކުރަން ޖެހޭނެ ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ.

ކުލަބު ލައިސެންސް ލިބުމުން ކުލަބުތައް ޕްރޮފެޝަނަލީ ހިންގުމަށް ދޮރު ހުޅުވިގެން ދާނެ އެވެ. އަދި ފުޓްބޯޅައިގެ ސްޓަރަކްޗާ އާއި މެނޭޖްމެންޓުވެސް ހަރުދަނާ ވުމަށް ބާރު އެޅިގެންދާނެ އެވެ. އަދި ކުލަބުތަކުގައި ވަކި ކްރައިޓީރިއާ ތަކެއް ފުރިހަމަ ވުމަކީ ފުޓްބޯޅަ އަށް ލިބޭނެ ކުރިއެރުމަކަށް ވާނެ އެވެ.