ވިޔަފާރި

ކޮރެއާގެ ސޯޝަލް މީޑިޔާގައި ރާއްޖެ އިޝްތިހާރު ކުރުން ވަރުގަދަކޮށްފި

Jan 22, 2017

ރާއްޖެ އިޝްތިހާރު ކުރުން ކޮރެއާގެ ސޯޝަލް މީޑިޔާގައި ވަރުގަދަ ކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހާއްސަ ހަރަކާތެއް މިއަދު ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ ކޮރެއާގައި ހުންނަ ރާއްޖޭގެ ޕީއާރު ކުންފުންޏާ ގުޅިގެން އެ ގައުމުގައި ކުރިއަށް ގެންދާ މި ހަރަކާތް އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމަ އަށް ކުރިއަށްދާނެ އެވެ. އެގޮތުން ލޫނާ އާ އަހަރު ނުވަތަ ޗައިނީޒް އާ އަހަރާ ދިމާކޮށް ކުރިއަށް ގެންދާ މި ހަރަކާތް އެ ގައުމުގެ ހުރިހާ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކެއްގައި ކުރިއަށް އޮންނާނެ ކަމަށެވެ

އެމްއެމްޕީއާރުސީން ބުނީ މި ހަރަކާތުގައި ރާއްޖެއާ ބެހޭ ގޮތުން ކުރިއަށް ގެންދާ ކުއިޒެއް ބާއްވައި، ހޮވޭ ހަ މީހަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދޭނެ އެވެ. މިގޮތުން ހަތަރު ދުވަހުގެ ހުރުން ލިބޭއިރު، ޕެރަޑައިސް އައިލެންޑް ރިސޯޓާއި ލިލީބީޗް މޯލްޑިވްސް އަދި އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓުގެ އިތުރުން ކޮކޫން މޯލްޑިވްސް ރިސޯޓާއި ޝަންގްރިއްލާ ރިސޯޓު އެންޑް ސްޕާގެ އިތުރުން ޕާން ބީޗް ރިސޯޓުން ކުރެ ރިސޯޓެއްގައި ހުރެވޭނެ ކަމަށެވެ.

ކޮރެއާއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެ ގައުމުން މިދިޔަ އަހަރު 29،580 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.

އެމްއެމްޕީއާރުސީން ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިން ގެންގުޅެމުން އައި "މުސްކުޅި ގޮތް" ދޫކޮށްލާފަ އެވެ. އެގޮތުން އެ ކުންފުނީގެ ވެބްސައިޓު 15 ބަހުން ތަރުޖަމާ ކުރެވޭ ގޮތަށް އަލުން ޑިޒައިންކޮށް، ސޯޝަލް މީޑިޔާގައި އިޝްތިހާރު ކުރުން ވަނީ ވަރުގަދަ ކޮށްފަ އެވެ.