ވިޔަފާރި

އުރީދޫ "އޮލަ ވާހަކަ" ބޭނުންކުރި އަދަދު ދެ މިލިއަނަށް!

Jan 22, 2017

އުރީދޫ އިން ނެރުނު، ދިވެހި ވައިބަރު ސްޓިކާ ސެޓް "އޮލަ ވާހަކަ" ބޭނުންކުރި އަދަދު ދެ މިލިއަނަށް އަރައިފި އެވެ. އަދި މި ސްޓިކާ ސެޓު ނެރުނުތާ ވީ އެންމެ ދެ މަސް ދުވަހެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ދިވެހި ބަހާއި، ދިވެހިންގެ ހާއްސަ އާދަކާދަތައް ހިމަނައިގެން އުރީދޫ އިން ފަރުމާކޮށްފައިވާ "އޮލަ ވާހަކަ" ވައިބަރ ސްޓިކާ ސެޓް އަށް ހޫނު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

އެ ކުންފުނީގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ މި ވައިބާ ސްޓިކާ ސެޓު ފަރުމާކޮށްފައިވާނީ މަގުބޫލުކަން ލިބޭ ގޮތް ބަލައިގެން ކަމަށެވެ.

""މަގުބޫލު ޑިޖިޓަލް ޕްލެޓްފޯމް ތަކުގައި ދިވެހިބަސް ބޭނުންކުރުމުގެ ފުރުސަތު ފުޅާކޮށްދިނުމުގެ މަގްސަދުގައި އުރީދޫ އިން ދިވެހި ވައިބަރު ސްޓިކާތައް ފަރުމާކޮށްފައިވާއިރު، މި ސްޓިކާތައް މެދުވެރިކޮށް ދިވެހީންގެ އަމިއްލަވަންތަކަމާއި އެކު، އަމިއްލަ ބަހުން މުއާމަލާތު ކުރުމުގެ ފަހުރު ލިބިގެން ދޭ. މިފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ތަރުޙީބަށް ޝުކުރު އަދާކުރަމުން، މިފަދަ ދިވެހިވަންތަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން،" ނޫރާ ވިދާޅުވި އެވެ.

ދިވެހި ވައިބްސް ސްޓިކާ ޕެކް، ކޮންމެ ބޭފުޅަކަށްވެސް ވައިބާ ސްޓިކާ މާކެޓް އިން ހިލޭ ޑައުންލޯޑުކޮށް، ބޭނުންކުރެވޭނެ އެވެ. އަދި ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހި ކުރުމުގައި ރާއްޖޭގެ ގިނަބައެއް ވައިބާ ބޭނުން ކުރަމުންދާއިރު، އުރީދޫ އިން ވަނީ ވަރަށް އަގުހެޔޮކޮށް ވައިބާ ބޭނުންކުރެވޭ ޗެޓް ޕެކްތަކެއް ތައާރަފްކޮށްފަ އެވެ. އެއް ދުވަހު ވައިބާ ބޭނުންކުރެވޭ ގޮތަށް ތައާރަފްކޮށްފައި ވާ "ވައިބާ5" އިން ފަސް ރުފިޔާއަށް 30 އެމްބީއާ ހަމައަށް ވައިބާ ބޭނުން ކުރެވެއެވެ. އަދި "ވައިބާ11" ޕެކޭޖުން 11 ރުފިޔާއަށް ފަސް ދުވަހުގެ ތެރޭގައި 80 އެމްބީއާ ހަމަ އަށް ވައިބާ ބޭނުންކުރެވެ އެވެ.