ދިވެހި ސިނަމާ

"ބީ" ބާއްވާފައި ނަހުލާ އެހެން ފިލްމެއްގެ މަސައްކަތަށް

ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމެންޓުން އެންމެ ފަހުން އިއުލާނު ކޮށްފައިވަނީ ލޯބީގެ އަސަރު ގަދަ ފިލްމު "ބީ" އެވެ. މި ފިލްމުވީ ބޮޑު ޑްރާމާ ގަނޑެއް ވެސް ކުޅެލި ފިލްމަކަށެވެ. ފިލްމުގެ މަސައްކަތް ނުފެށިގެން އުޅެނިކޮށް އެހެން ބަޔަކު އެ ފިލްމު "އަތުލައި" ވެސް ގަތެވެ. އެކަމަކު އެންމެ ފަހުން ފިލްމު އަނބުރާ ނަހުލާ އަށް ލިބުނީ އެވެ. އެހުރިހާ ސަކަރާތަކަށްފަހު ނަހުލާ މިވަނީ އެ ފިލްމުގެ މަސައްކަތް މަޑުޖައްސާލާފަ އެވެ.

"ބީ" މަޑުޖައްސާލާފައި ނަހުލާ މިފަހަރު މި އިއުލާނު ކުރަނީ "ބޮސް" ނަމަކަށް ކިޔާ ފިލްމެކެވެ. މި ފިލްމުގައި ނަހުލާ "ބޮސް" ސިފަ ކުރަނީ ބޮސް ދިނުމަށެވެ. ހަމައެކަނި ނަމަށް ބަލައިލާފައި ވެސް މިއީ ލޯބީގެ ފިލްމެއްކަން އެބަ އެނގެ އެވެ. ނަހުލާ ބުނަނީ މި ފިލްމު ވަރަށް ރޮމޭންޓިކް ވެފައި އަސަރު ގަދަ ވާނެ ކަމަށެވެ.

މި ފިލްމުގެ ލީޑް ރޯލަށް މަރިޔަމް އައްޒަ ނަގާފައިވާއިރު އައްޒަ އާއެކު ފެނިގެން ދާނީ އާ ތަރި އެކެވެ. އެ ތަރީގެ ނަން ހާމަ ކުރަން އަދި ނަހުލާ ބޭނުމެއް ނުވެ އެވެ. އެކަމަކު އެއީ ޒުވާނުންގެ މެދުގައި މިހާރުވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފަރާތެއް ކަމަށްވެ އެވެ.

"ބީ"ގެ މަސައްކަތް މަޑުޖައްސާލާފައި "ބޮސް"ގެ މަސައްކަތް ފެށުމުން ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ. "ބީ" ގެ ނަން ބަދަލުކޮށްލައިގެން އެހެން ފިލްމެއް ހަދަނީ ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ނަހުލާ ބުނެ އެވެ.

"ބޮސް" އަކީ މުޅިން އެހެން ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެއް ކަމަށެވެ. މި ފިލްމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާ ފިލްމު ޝޫޓިންގެ ހުރިހާ މަސައްކަތެއް މާޗްމަހު ނިންމާލާނެ އެވެ. ނަހުލާ ބުނީ ފިލްމު އަޅުވާނެ ވަކި ތާރީހެއް ބުނަން ނޭނގުނު ނަމަވެސް މި އަހަރުގެ ތެރޭގައި ފިލްމު އަޅުވާނެ ކަމަށެވެ.

"ބޮސް" ގެ ބޮޑުބައި ނަގަން ހަމަޖެހިފައިވަނީ ރިސޯޓެއްގަ އެވެ. މި ފިލްމު ޑައިރެކްޓް ކުރާނީ ވެސް އެހެން ޑައިރެކްޓަރެކެވެ. ނަހުލާ ހަމައެކަނި ކްރިސްޓަލް އެންޓަޓެއިންމެންޓްގެ ފަރާތުން ފިލްމު ޕްރޮޑިއުސް ކޮށް ފިލްމުގެ ސްކްރިޕްޓް ލިޔުނީ އެވެ. ޑައިރެކްޝަންގެ އެއްވެސް މަސައްކަތެއް ނަހުލާ ނުކުރާނެ އެވެ.

ބޮސްގެ މަސައްކަތް ނިންމާލުމަށްފަހު މި އަހަރުގެ ފަހުކޮޅު "ބީ" ގެ މަސައްކަތް ފަށަން ނަހުލާ ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރު ނަހުލާ ބެލުންތެރިންނާ ހަމައަށް ގެނެސްދިން މާސްޓާޕީސް "4426" ގެ އިތުރު ޝޯއެއް ފެބްރުއަރީ ދެ ވަނަ ދުވަހު އަޅުވަން ވަނީ ހަމަޖެހިފަ އެވެ. އެ ފިލްމުގެ 27 ޝޯ ހައުސް ފުލް ކޮށް ވަނީ ދައްކާފަ އެވެ.