ރާއްޖެ ކުޅިވަރު

ސެންޓްރަލް ޒޯން ކޮލިފައިން: ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމަ މުބާރާތް

Jan 23, 2017

އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށާ ވޯލްޑް ވިމެން ޗެމްޕިއަންޝިޕް ވޮލީބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވަ އެންމެ ފުރިހަމަ މުބާރާތަށް ވެގެންދާނެ ކަމަށް، މުބާރާތުގެ އިންތިޒާމު ކޮމިޓީގެ ޗެއާމަން މަޝްހޫރު ވޮލީ ކޯޗް މުހައްމަދު ޝަރަފު ބުނެފި އެވެ.

"އަވަސް" އާ ވާހަކަ ދައްކަވަމުން ޝަރަފު ވިދާޅުވީ މުބާރާތަށް ތައްޔާރުވާން ލިބުނު ވަގުތާއި ބަލާފައި، މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމަ މުބާރާތަށް ވެގެންދާނެ ކަމަށެވެ.

ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތް، އެންމެ ފުރަތަމަ ބާއްވަން ހަމަޖައްސާފައި ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގަ އެވެ. ނަމަވެސް އިންޑިއާގެ ވޮލީބޯޅަ ފެޑްރޭޝަންގެ އެތެރޭގެ ކޯޅުމާ ހެދި، މުބާރާތް ރާއްޖޭގައި ބޭއްވުމަށް އޭވީސީއިން ނިންމާފައި ވަނީ މިދިޔަ މަހު އެވެ.

މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަ ކުރަނީ ނޭޕާލާއި އިރާނެވެ.

ޝަރަފު ބުނީ ޓީމުތަކަށް ފޯރުކޮށް ދޭން ޖެހޭ ހޮސްޕިޓަލިޓީ އާއި ސަލާމަތީ ކަންކަމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

"ހޮސްޕިޓަލިޓީ ތެރޭގައި ހިމެނޭ އެކޮމަޑޭޝަން އާއި ޓްރާންސްޕޯޓާއި ޓީމުތަކަށް ފޯރު ކޮށްދޭން ޖެހޭ ސެކިއުރިޓީގެ ހުރިހާ ކަމެއް މިހާރު ހުރީ ހަމަޖެހިފަ. ތިން ތީމުގެ އެކޮމަޑޭޝަން ވެސް ވަނީ ބުކް ކޮށްފަ،"

ރާއްޖޭގެ އިތުރުން ނޭޕާލާއި އިރާން ޓީމު ވެސް ތިބުމަށް ހަަމަޖެހިފައި ވަނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގަ އެވެ.

ޝަރަފު ބުނީ ޓީމުތަކުގެ ޓްރާންސްޕޯޓް ކަންކަން ހަމަޖައްސާނީ އެމްއެންޑީއެފްގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓާ ގުޅިގެން ކަމަށާއި ސެކިއުރިޓީ ބަލަހައްޓާނީ ފުލުހުން ކަމަށެވެ.

"މާލެއިން ދެވޭނެ އެންމެ ރަނގަޅު ހޮސްޕިޓަލިޓީ ޓީމުތައް ރާއްޖެ އައުމަށް ފަހު ފުރުމާ ހަމަޔަށް އަޅަުގަނޑުމެން ފޯރު ކޮށްދޭނަން."

" މިހުރިހާ ކަންކަމަކާ އެކު މި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމަ މުބާރާތަށް ވެގެންދާނެއޭ އަޅުގަނޑު ދަންނަވާނީ." ޝަރަފު ވިދާޅުވި އެވެ.