ސިޔާސީ ޕާޓީތަކާ ސަރުކާރާ ދެމެދު މަޝްވަރާތައް ބާއްވަންޖެހޭ ފަދަ ހާލަތެއް (ސިޔާސީ ހަމަނުޖެހުންތަކެއް) ރާއްޖޭގައި މިހާރު އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
އިންޑިއާއިން އިސް ނަގައިގެން ބާއްވާ އިގުތިސޯދީ ފޯރަމް، ރައިޒިނާ ޑަޔަލޮގް ގެ ހަވާސާގައި "ދަ ވަޔާ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝައިނީ ވިދާޅުވެފައި ވަނީ "ދިވެހި ރާއްޖެ އޮތީ އާއްމު ހާލަތުގައި" ކަމަށެވެ.
ސިޔާސީ ޕާޓީތަކާ ސަރުކާރާ ދެމެދު ބާއްވަން މަސައްކަތް ކުރި މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިސްކޮށް އުޅުއްވީ ޝައިނީ އެވެ.
" ... ތެދަށް ބުނާ ނަމަ ، ރާއްޖޭގައި އޮތް ހާލަތަކީ [އިދިކޮޅު ފަރާތްތަކާ] އެ ފެންވަރަށް މަޝްވަރާ ކުރަން ޖެހޭ ފަދަ ހާލަތެއް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އަޅުގަނޑުމެންނަށް ރާއްޖޭގައި އޮތީ އާއްމު ހާލަތެއް. ވާހަކަ ދައްކައިގެން ކަމެއް ނެރެންޖެހޭ ފަދަ ހާލަތެއް އޮތް ނަމަ އާއްމު އުސޫލާ ހިލާފަށް [ދެބައިމީހުންގެ ދެމެދުގައި] އަންޑަސްޓޭންޑިން އަކަށް އަންނަން ޖެހޭ ނަމަ، އަޅުގަނޑަށް ޔަގީން އެމީހުން [އިދިކޮޅު ފަރާތްތައް] އަޅުގަނޑުމެންގެ ގާތަށް އަންނާނެކަން،" މަޝްވަރާތައް ބޭއްވުމަށް އަދިވެސް މަސައްކަތް އެބަ ކުރައްވަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައި ވެއެވެ. -- މަޝްވަރާތައް ކުރިޔަށް ނުގެންދާނެ ކަމަށް ވެސް ވިދާޅެއް ނުވެއެވެ.
މިނިސްޓަރުގެ ޖަވާބާ ގުޅިގެން "ވާހަކަތައް ބޭއްވޭނީ އިދިކޮޅު މީހުން [މަގުމަތީ] ހަރަކާތަށް ނުކުތުމުން ކަމަށް" ތޯ ސަުވާލު ކުރުމުން މިނިސްޓަރު ވިދާޅުވެފައި ވަނީ "މަގުތަކަށް ނުކުންނަށް ޖެހޭ ސަބަބެއް ރައްޔިތުންނަކަށް މިހާރު ނެތް،" ކަމަށެވެ.
"ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ވެސް ތަރައްގީ އެބަ އޮތް. ރައްޔިތުންނަށް އެކަންކަން އެބަ ފެނޭ. ރައީސް އަބްދުﷲ ޔާމީނު ގައުމަށް ގެނެސް ދެއްވާ ތަރައްގީއަށް ހުރަސް އަޅާކަށް ރައްޔިތުން މިހާރު ބޭނުމެއް ނުވޭ. އެހެންވެ ރައްޔިތުން ހުއްޓާލައިފި މަގުތަކަށް [މުޒާހަރާއަށް] ނުކުތުން،" ޝައިނީ ވިދާޅުވެފައި ވެއެވެ.
ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ އިރު އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އެ އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތެއް ހަމަޖެއްސުމާ މެދު މަޝްވަރާ ކުރުން އަވަސް ކުރަން ނުޖެހޭތޯ ވެސް އެ ނޫހުން ސުވާލު ކުރި އެވެ. އެ ސުވާލަށް ޝައިނީ ސާފު ޖަވާބެއް ނުދެއްވާ މިނިސްޓަރު ވެސް ވަނީ ސުވާލެއް ކުރައްވާފަ އެވެ. އެއްސެވީ "އެމްޑީޕީން ބޭނުންވާ ކަމެއް ނަމަ އެކަމާ ވާހަކަ ދައްކަން ނާންނާނެތޯ؟" އެވެ.
"... އެކަން އެގޮތަށް ވާން [ނަޝީދަށް ކުރިމަތި ލެއްވެން] ބޭނުން ނުވާ ފެކްޝަންތަކެއް އެމްޑީޕީގައި އުޅެނީތަ؟" މިނިސްޓަރު އިތުރަށް އެއްސެވި އެވެ.
ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތް ހެދުމަކީ ސިޔާސީ ވާހަކަތައް ފެށުމުގެ ޝަރުތެއްގެ ގޮތުގައި ކޮމަންވެލްތުން ކަނޑައެޅި އެޅުމާއި މެދު ޝައިނީ ވިދާޅުވެފައި ވަނީ އެއީ އެންމެން ވާހަކަ ދައްކައިގެން ނިންމަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގެ ބޭރުން ރައީސުލް ޖުމްހޫރިއްޔާއަށް ނިންމެވޭނެ ކަމެއް ނޫން ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ބާއްވަން ގާނޫނީ ހައިސިއްޔަތު އޮތް މަންދޫބުންގެ ނަންތަކެއް ފޮނުވަން ޕާޓީތަކަށް ދައުވަތު ދީފައިވާ ކަމަށާއި އެގޮތުން އެޕާޓީތަކުގެ ކައުންސިލްތަކުން ނިންމައިގެން ނަންތައް ފޮނުވާނެ ކަމަށް ސަރުކާރުން އުއްމީދުކުރާ ކަމަށް ވެސް ޝައިނީ ވިދާޅުވެފައި ވެއެވެ.