ހަބަރު

އަދާލަތާ ގުޅުމަށް އެމްޑީޕީ އިން ނިންމައިފި

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އަދާލަތު ޕާޓީ އިން އިސްވެ އޮވެ އުފައްދާ ކޯލިޝަން، ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގައި ބައިވެރިވުމަށް އެމްޑީޕީ އިން ނިންމައިފި އެވެ.

އަދާލަތު ޕާޓީއިން އެ ޕާޓީއަށް ފޮނުވި ދައުވަތާ މެދު މިއަދު ހަވީރު ސޯލްޓް ރެސްޓޯރަންޓްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު އެވަގުތު ޖަލްސާއަށް ހާޒިރުވި 55 މެންބަރުންގެ އިއްތިފާގުން ނިންމީ އެ ގުޅުމުގައި ބައިވެރިވެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ.

އެ ގަރާރު ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ، ޕީޖީ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ގަރާރަށް ބަހުސް ކުރަމުން ހުރިހާ މެންބަރުން ވެސް ވިދާޅުވީ އަދާލަތު ޕާޓީ އިން ފެށި މަސައްކަތުގައި ބައިވެރިވުން އެމްޑީޕީއަށް ވެސް މުހިންމު ކަމަށާއި އެ މަސައްކަތުގައި ބައިވެރިވެގެން އެ ޕާޓީއަށް ވެސް އޮތީ ފައިދާ ކަމަށެވެ. އަދި މިވަގުތު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެވެންއޮތީ އެންމެން ގުޅިގެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ ސަރުކާރާ ދެކޮޅަށް ކުރެވެން އޮތް ގޮތަކަށް މަސައްކަތް ކުރުމަށެވެ. އަދި އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެންމެން ގުޅިގެން އިއްތިހާދެއް އެކުލަވާލަން އަދާލަތުން ވަނީ ގޮވާލައިފި އެވެ.