ރިޕޯޓް

ދުނިޔޭގައި ހަލާލް ޓޫރިޒަމް މެކުހަށް! ރާއްޖެ "ނިދާފައި"

  • މި ޓޫރިޒަމްގެ އަގު ތިން ޓްރިއަލް ޑޮލަރު
  • ހަލާލް ޓޫރިޒަމަށް ދަތުރުކުރާ މީހުން އިތުރު
  • ތައިލެންޑު، ޖަޕާނަށް ގިނަ ބަޔަކު ދަތުރުކުރޭ

ރާއްޖޭގައި ހަލާލް ރިސޯޓެއް ހެދުމުގެ ވާހަކަ އަބަދު ވެސް ދައްކަ އެވެ. އަދި މި ފަދަ ބައެއް މަޝްރޫއުތައް ހިންގަން ބޭރުގެ ކުންފުނިތަކާއި ދިވެހި ކުންފުނި ތަކުން އެއްބަސްވުން ވެސް ގާއިމް ކޮށްފައިވެ އެވެ. ނަމަވެސް މިއަދާ ހަމަ އަށް ވެސް މި ފަދަ "ހަލާލް ޕްރޮޑަކްޓެއް" ނުވަތަ އިސްލާމިކް ރިސޯޓެއް ރާއްޖޭގައި ހެދިފައެއް ނުވެ އެވެ. ސުވާލަކީ ރާއްޖެ އަށް ހަލާލް ޓޫރިޒަމް މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟ އަދި ރާއްޖޭގައި މި ބާވަތުގެ ޓޫރިޒަމަށް އޮތީ ކިހާވަރެއްގެ ފުރުސަތެއް ހެއްޔެވެ؟

"ރާއްޖެއަކީ ދުނިޔެ ގަބޫލު ބްރޭންޑެއް. މިހާތަނަށް ރާއްޖެ ޕްރޮމޯޓް ކުރަނީ ވެސްޓަން ޔޫރަޕުގެ މާކެޓުތަކަށް. ނަމަވެސް ޔޫރަޕު އެ ދަނީ ދަށަށް. ޔޫރަޕު މާކެޓަށް ހަމައެކަނި ކޭޓަ ކުރަން ތިއްބައި، މުޅި މާކެޓު ބަދަލުވަމުން އެބަދޭ. ކުރިން ގިނައިން ޓްރެވަލްކޮށް ޓްރެވަލް އަށް ހޭދަކުރި މީހުންނެއް ނޫން މިހާރު ސްޕެންޑް ކުރަނީ. އެހެންވެ ހަލާލް ޓޫރިޒަމް ރާއްޖެ އަށް މުހިންމު ވަނީ،" މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ (ޑީޑީ) "އަވަސް" އަށް ވިދާޅުވި އެވެ.

އިސްލާމް ދީނަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު މިހާރު ކުރިއަރަމުންދާ ދީނެވެ. ހާއްސަކޮށް ޔޫރަޕުގައި މި ޓްރެޑް ދަނީ މަތިވަމުންނެވެ. އެހެންވެ، ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ "މުސްލިކް ޓްރެވަލާސް" ނުވަތަ މުސްލިމުންނާ ރަހުމަތްތެރި މާހައުލެއް ގާއިމް ކޮށްދޭ ހޮޓާ/ ރިސޯޓުތައް ފައްކާ ކުރަމުންނެވެ. މި ކަމުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ހަލުވި ފިޔަވަޅު ތަކެއް އަޅަމުންނެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

މި ކަން އެނގެނީ ތަފާސް ހިސާބުތަކުންނެވެ؛ ހަލާލް ޓޫރިޒަމަށް އޮތް ފުރުސަތު އަންގައިދޭން ގްލޯބަލް މުސްލިމް ޓްރެވަލް އިންޑެކްސް (ޖީއެމްޓީއައި) ދިރާސާ ދައްކާ ގޮތުން 2015 ވަނަ އަހަރު 117 މިލިއަން މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރި އެވެ. އަދި 2020 ވަނަ އަހަރު މި އަދަދު 168 މިލިއަނަށް އިތުރުވާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި 2020 ވަނަ އަހަރުގެ ނިޔަލަށް ހަލާލް ޓޫރިޒަމް މާކެޓަށް ކުރާ ހޭދަ 200 ބިލިއަން ޑޮލަރަށް އަރާނެ އެވެ. ދެން އޮތް ސުވާލަކީ ދުނިޔޭގެ އެހެނިހެން ބާވަތްތަކުގެ ޓޫރިޒަމްތަކާ އަޅާކިޔާއިރު، ހަލާލް ޓޫރިޒަމް ހިއްސާކުރަނީ ކިހާވަރެއް ހެއްޔެވެ؟

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2010 ވަނަ އަހަރު ދުނިޔޭގެ އެކި ހިސާބުތަކަށް ދިޔަ ޓޫރިސްޓުންގެ ނުވަ ޕަސެންޓް ހިއްސާކުރީ ހަލާލް ޓޫރިޒަމް މާކެޓަށް ދަތުރު ކުރި މީހުންނެވެ. މި އަހަރު ދަތުރުކުރި މުސްލިމުން 90 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި 2011 ވަނަ އަހަރު 12.3 ޕަސެންޓް ހިއްސާކޮށްފައިވާއިރު، 126 ބިލިއަން ޑޮލަރު ހޭދަކުރި އެވެ. އަދި 2013 ވަނަ އަހަރު 13 ޕަސެންޓް ހިއްސާކުރި އެވެ. މި އަހަރުގެ ހޭދަވަނީ 126 ބިލިއަން ޑޮލަރަށް އަރާފަ އެވެ. މި ކުރިއެރުން ލިބެމުންދާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ އިސްލާމިކް ޓޫރިޒަމް މާކެޓު ހޯދުމަށް އިންވެސްޓްމަންޓްތައްވެސް ފުޅާ ކުރަމުންނެވެ.

މުސްލިމް ނޫން ގައުމުތައް ކުރީގައި؟

ދުނިޔޭގައި މުސްލިމް ޓޫރިޒަމް ފުޅާވަމުން ދިއުމުގެ ފައިދާ ނަގަމުން ދަނީ މުސްލިމް ނޫން ގައުމުތަކުންނެވެ. މިފަދަ އެއް ގައުމަކީ ބުދު ދީނުގެ ބޮޑު އާބާދީއެއް އޮންނަ ތައިލެންޑެވެ. އެ ގައުމުގައި މިދިޔަ އަހަރު ވަނީ ފުރަތަމަ ފަހަރަށް "ހަލާލް ހޮޓަލެއް" ވެސް ހުޅުވާފަ އެވެ. އަދި އެ ގައުމަށް މިހާރު ވެސް ގިނަ އަދަދެއްގެ މުސްލިމް ޓްރެވަލާސް ދަތުރުކުރެ އެވެ. މި ފަދަ އަނެއް ގައުމަކީ ޖަޕާނެވެ. އަދި ޗައިނާ ފަދަ ގައުމުތަކުގައި "މުސްލިމް ޓުއާ ޕެކޭޖު" ނަގައިގެން ތާރީހީ ތަންތަން ބަލައިލަން ދެވެ އެވެ. އެ ގައުމުގެ ހޮޓާތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، 2020 ވަނަ އަހަރުގެ ނިޔަލަށް އެއް މިލިއަން މުސްލިމް ޓޫރިސްޓުން ގެންނަން އެ ގައުމުން ވަނީ އަމާޒު ހިފާފަ އެވެ. ސުވާލަކީ މި ގައުމު ތަކުން ހަލާލް ޓޫރިޒަމް މާކެޓު ހޯދަމުންދާއިރު ރާއްޖެ އަށް މި މާކެޓު ނުހޯދެންވީ ސަބަބެއް އެބައޮތް ބާ އެވެ؟

ތަޖުރިބާކާރުންގެ ނަޒަރުގައި ހަލާލް ޓޫރިޒަމް ފުޅާ ކުރުމަށް ރާއްޖެއަށް ވުރެ ފުރުސަތު ތަނަވަސް ދެވަނަ ގައުމެއް ނެތެވެ. މީގެ އެއް ސަބަބަކީ ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށްވުމެވެ. އަނެއް ކަމަކީ ރާއްޖެއަކީ ދުނިޔޭގެ ބޮޑު މަރުކާއަކަށްވުމެވެ. ހާއްސަކޮށް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހަދަން މަސައްކަތް ކުރާއިރު، މީގެ ބޭނުންކޮށްގެން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފައްކާ ކުރެވިދާނެ އެވެ.

ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމާ ބެހޭ ގޮތުން ޑޮކްޓްރޭޓެޑް އިން ބިޒްނަސް (ޑީބީއޭ) ގައި ތީސިސް ލިއުއްވި، ޑރ. ހުސެއިން ސަނީ ވިދާޅުވީ ދުނިޔޭގައި ހަލާލް ޓޫރިޒަމަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި، މި މާކެޓު ހޯދުމަކީ ރާއްޖެ އަށް ދަތި ކަމަށް ނުވާނެ ކަމަށެވެ.

"މުޅި ހަލާލް އިންޑަސްޓްރީ އެއްކޮށް [ފުޑް] ހިމަނައިގެން ބަލާނަމަ މިއީ 3.66 ޓްރިލިއަން ޑޮލަރުގެ އިންޑަސްޓްރީއެއް. މީގެ ބޮޑު ހިއްސާއަކީ ފުޑް. ދެން އުޅެނީ އިސްލާމިކް ފައިނޭންސް. ދެން މި އޮތީ ހަލާލް ޓްރެވަލް. ހަލާލް ޓްރެވަލް އެންމެ ގިނަ ފަތުރުވެރިން ދަތުރު ކުރާނީ ސައޫދީ މީހުން. މިއީ ސޯސް މާކެޓު. ދެވަނަ އަށް އޮތީ އިރާން. ދެން ހިމެނެނީ ހިމެނެނީ ޖީސީސީ [ގަލްފް ކަންޓްރީޒް] ގެ ގައުމުތައް،" ޑރ. ސަނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގައި ހަލާލް މާކެޓުން އެންމެ ބޮޑު ފައިދާއެއް ނަގަނީ މެލޭޝިޔާ ކަމަށާއ، އެ ގައުމުގައި މި މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރު ކަމަށެވެ.

"މެލޭޝިޔާ އިން މިކަން ފެށީ އިސްލާމިކް ޓޫރިޒަމް ސެންޓާގެ ނަމުގައި. މި ތަނުން ޓާގެޓް ކުރީ މިޑުލް އީސްޓް [މެދު އިރުމައްޗަށް] މިޑުލް އީސްޓުގެ ޓޫރިސްޓުން ނަށް. އެ މީހުން ގެންނަން މަސައްކަތް ކުރީ. މީގައި އެބަ އުޅޭ ތިން ކެޓަގަރީއެއް. އެއީ ފުލް ހަލާލުކޮށް އޮންނަ ބަޔަކާއި މެދުމިނުގެ ބައެއް އަދި އާދައިގެ ވަރެއް. ބޭސިކްކޮށް ކޮންމެ މީހަކު ވެސް ބޭނުންވަނީ ފެމެލީ [އާއިލާ] އެއްކޮށް ޓައިމް ސްޕެންޑްކޮށްލަން. އެ މީހުންނަށް އޮންނަ ބިރުވެރި ކަމަކީ ހަލާލް ނޫން ފުޑެއް ކެއުމާއި މުސްލިމުންނާ މެދު އޮންނަ ތަފާތު ކުރުން،" ޑރ. ސަނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫރަޕު މީހުންނަށް ވުރެ 10 ގުނަ އިތުރަށް މުސްލިމް ޓްރެވަލާސްގެ ފައިސާ ހޭދަކުރާ ކަމަށެވެ.

"އަރަބިންގެ ސްޕެންޑިން ޕަވާ ވަރަށް މަތި. އެ މީހުން އާއްމުކޮށް ދާނީ އާއިލާ ގުޅިގެން. ނަމަވެސް ރާއްޖެ އަށް މެދު އިރުމަތިން މި އަންނަނީ 40،000 މީހުން. މިއީ ވަރަށް މަދު މިންވަރެއް. މީގެ ސަބަބަކީ އަރަބި މާކެޓަށް ރާއްޖެ އިޝްތިހާރެއް ނުކުރޭ،" ސަނީ ވިދާޅުވި އެވެ.

ރާއްޖޭގައި ޑިމާންޑް ބޮޑު

ރާއްޖޭގައި ހަލާލް ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް، އެމްސީއައިއެފް އިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި އަހަރުތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.އަދި މިކަމަށް ބާރު އެޅުމުގެ ގޮތުން "ހަލާލް އެކްރިޑިޓޭޝަން ބޯޑެއް" ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އެމްސީއައިއެފްގެ މެނޭޖިން ޑިރެކްޓަރު ޑީޑީ ވިދާޅުވީ މިހާރު އެންމެ ގިނައިން ސްޕެންޑް ކުރާ އެއް ބަރަކީ އޭޝިޔާ މީހުން ކަމަށާއި، އެ މީހުންގެ ޑިމާންޑް ބޮޑުވަމުންދާ ކަމަށެވެ.

"އޮސްޓްރޭލިޔާ އާއި ޖަޕާން ފަދަ ގައުމުތަކުން ބޮޑު ސްޕެންޑެއް ކުރޭ އިސްލާމިކް ޓޫރިޒަމް ތަރައްގީ ކުރަން. އެހެންވެ މިކަން ކުރުމަށް މަސައްކަތް މި ކުރަނީ،" ޑީޑީ ވިދާޅުވި އެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި، ޑރ. އައިޝަތު މުނީޒާ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގައި އެންމެ ބޮޑު ބްރޭންޑް ކަމަށާ، ނަމަވެސް މިހާތަނަށް ރާއްޖޭގައި ހަލާލް ޓޫރިޒަމް ޕްރޮޑަކްޓެއް ނެތުމަކީ ލިބޭ ހީނަރު ކަމެއް ކަމަށެވެ.

"ރާއްޖެއޭ ބުނާއިރަށް ދުނިޔޭގެ ގިނަ މީހުން ބުނާނެ މިއީ ފޭމަސް ހަނީމޫން ޑެސްޓިނޭޝަނެކޭ. ނަމަވެސް މި ފޭމަސް ހަނީމޫން ޑެސްޓިނޭޝަންގައި މުސްލިމުންނަކީ 100 ޕަސެންޓް އުޅޭ ބަޔަކަށްވާއިރުގައި ކީއްވެގެން ހެއްޔޭ ފުރުސަތު ނެތީ އިސްލާމިކް ނުވަތަ ހަލާލް ޓޫރިޒަމަށް؟ އަޅުގަނޑުމެން ދިވެހިރާއްޖެ ކަމަކުން ކުރި އަރައިގެންދާ ނަމަ ނަގަން ޖެހޭނީ އެ ގައުމެއްގައި އޮތް އެންމެ ބޮޑު ސްޓްރެންތު. އެހެންވެ މި ބަލަނީ އެކަމަށް،" އެމްސީއައިއެފްގެ ޗެއާޕާސަން ޑރ. މުނީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ހާއްސަ ކަމަކީ ގުދުރަތީ ރީތިކަން ކަމަށާ، އެހެންކަމުން ރާއްޖޭގައި އިސްލާމިކް ޓޫރިޒަމް ތަރައްގީ ކުރެވޭނެ ކަމަށެވެ.

"އިސްލާމިކް ޓޫރިޒަމް ޕްރޮމޯޓް ކޮށްގެން އޭގެ ނީޗް މާކެޓަކަށް ވެގެން ދުނިޔޭގެ ފެންވަރުގައި އަަޅުގަނޑުމެންނަށް ހާސިލް ކުރެވޭނެ ވަނަ ތަކެއް އެބަހުރި. ދުނިޔޭގެ އެއްވެސް ގައުމަކަށް ޕްރޮމޯޓެއް ނުކުރެވޭނެ ރާއްޖޭން ހަލާލް ޓޫރިޒަމް ޕްރޮމޯޓް ކުރަން ފަށައިފިނަމަ، ސަބަބަކީ އެހެން ގައުމުތަކުގައި އެ ވަރަށް ރިސޯސަސްއެއް ނެތް. ރާއްޖޭގައި ރިސޯސަސް އެބަހުރި،" މުނީޒާ ވިދާޅުވި އެވެ.

މި ފަދަ ރިސޯޓެއް ހެދުމަކީ ރާއްޖެ އަށް މުހިންމު ކަމެއްގެ ގޮތުގައި ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ވެސް ދެކެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ ލެޓްސްގޯ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވީ ރާއްޖެ އަށް ހަލާލް ޓޫރިޒަމް މާކެޓު މުހިންމު ކަމަށެވެ.

"ޑްރައި ރިސޯޓެއް ރާއްޖޭގައި ހެދި ދާނެ. މީގައި މުޅި ކޮންސެޕްޓް ހުންނާނީ އިސްލާމިކްކޮށް. ހާއްސަކޮށް އާއިލާއެއްކޮށް ގޮސް ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް ހުންނަނީ. އެހެންވެ ބުނެވޭނީ މިއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި. ރަނގަޅު މާކެޓު ވެސް ހޯދިދާނެ،" ރިޔާޒު ވިދާޅުވި އެވެ.

ކުރިން ވާހަކަ ދެއްކެވި، ޑރ. ސަނީ ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ އަރަބިންނަކީ ރީތި ގޮނޑުދޮށްތަކާ ދޯޅުބައެއް ކަމަށެވެ.

"ގިނަ އަރަބިން ބީޗާއި ސަން ބޭނުން ވެގެން ދަތުރު ކުރޭ. މިކަމުގައި ގިނައިން މި ކުރަނީ ތުރުކީ އާއި ސައޫދީ ފަދަ ގައުމުތަކުގެ މީހުން. އެކަމަކު 9/11 ގެ ހާދިސާއާ ގުޅިގެން ޔޫރަޕު ވިސާ ތާށިވެގެން ދިޔަ. އެހެންވެ އެ މީހުން އޭޝިޔާ އަށް ބަދަލުކޮށްލައިފި. އެކަމަކު އެމީހުންނަށް ބޭނުންވާ ފެސިލިޓީ އޭޝިޔާގައި ނެތީ. އެހެންވެ 2011 ގައި ހަލާލު ޕްރޮޕަޓީތައް އައީ. އެހެންވެ ޕުކެޓާއި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުން ހަލާލު ރެސްޓޯރެންޓްތައް ހުޅުވަން ފެށީ. މިކަން ކުރަންވީ،" ސަނީ ވިދާޅުވި އެވެ.

ހަމައެކަނި ޔޫރަޕަށް ބަރޯސާ ވެގެން ތިބެވޭކަށް ނެތެވެ. ދުނިޔެ ބަދަލުތަކުންދާއިރު، ހަލާލް ޓޫރިޒަމް ފަދަ މާކެޓުތައް ހަލުވިކަމާއެކު ގެންނަން ޖެހެ އެވެ. ހާއްސަކޮށް ހަލާލް ޓޫރިޒަމްގެ ދުވެލި، މިވަރުގައި ހުރިއިރު، މިއީ ނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ.