ކުޅިވަރު

ޓީސީއަށް މުހިންމު ޓެސްޓެއް، ފައިދާ މުޅި ފުޓްބޯޅަ އަށް

އަންނަ މަހު ބަންގުލަދޭޝްގައި ބާއްވާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރަތަކީ، ޓީީސީގެ ކުޅުންތެރިންނަށް އާ ސީޒަނަށް ތައްޔާރު ވުމަށް މުހިންމު މުބާރާތެއް ކަމަށާއި، އޭގެ ފައިދާ ގައުމީ ޓީމަށާއި މުޅި ފުޓްބޯޅައަށް ކުރާނެ ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާންބެ) ބުނެފި އެވެ.

މުބާރާތުން ލިބުނު ފުރުސަތާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ނިޒާމް ބުނީ، މި މުބާރާތުން އެޓީމަކަށް، ބައިނަލްއަގްވާމީ އެހެން މުބާރާތްތަކުގައި ވާދަ ކުރުމަށް މަގު ތަނަވަސް ވެގެންދާނެ ކަމަށާއި ކުޅުންތެރިންނަށް ވެސް ވާދަވެރި މެޗުތަކެއްގައި ކުޅެލަން ލިބުމަކީ ޓީމަށް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށެވެ.

"ޓީސީގައި މިތިބަ ކުޅުންތެރިނަކީ ކުރިއަށް ދެއަހަރެއްގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމުން ފެންނާނެ ކުޅުންތެރިންތަކެއް، ގައުމީ ޓީމަށް އަންނަ އިރު، ކުޅުންތެރިންނަށް އެންމެ ބޮޑަށް މަދުވާ އެއްޗަކީ އިންޓަނޭޝަނަލް އެކްސްޕޯ، އެހެންވީމަ ޓީސީގައި މިތިބަ ކުޅުންތެރިން މިއީ ރަނގަޅު ފުރުސަތެއް." ދާދި ފަހުން ރާއްޖޭގެ އެންމެ މޮޅު ކޯޗްގެ އެވޯޑް ހޯދި ނިޒާމް ބުންޏެވެ.

"ޕްރީ ސީޒަން ޕީރިއަޑްގައި އިންޓަނޭޝަނަލް މުބާރާތެއްގައި ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިގެންދާ ކަމެއް،" ނިޒާމް ބުންޏެވެ.

އަދި މި ހަފުތާ ތެރޭ ހުރިހާ ބިދޭސީ ކުޅުންތެރިން ހަމަވެ މުޅި ޓީމު އެއްކޮށް ޕްރެކްޓިސް ކުރަން ލިބި މުބާރާތަށް ރަނގަޅަށް ތައްޔާރު ވެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނަ ބުނީ މާލޭ ލީގްގައި ވެސް، މުބާރާތުގެ ފައިދާ ޓީސީގެ ކުޅުންތެރިންގެ ފަރާތުން ފެންނާނެ ކަމަށެވެ.

"ސަތޭކަ ޕަސަންޓާ ގާތަށް އަޅުގަނޑު ދަންނަވާނަން މީގެ ސަބަބުން ލީގްގައި ޓީސީއަށް ކުރިއެރުން އަންނާނެ، އަބަދުވެސް އޭއެފްސީ ކަޕްގައި ޓީމުތަކުގެ ޝަކުވާއަކީ އެ ޓީމުތަކަށް ޕްރީ ސީޒަން މެޗްތަކެއް ނުލިބުން، އެެހެންވީމަ ލޯކަލް ލީގްގެ ކުރިން މި މެޗްތައް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތެއް،" ނިޒާމް ބުންޏެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18ގަ އެވެ. އަދި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މާޗް މަހުގެ އެއް ވަނަ ދުވަހު އެވެ.