ކޮލަމް

ކުރީކޮޅު "ރަސްކަން"، ފަހުކޮޅު "ފޫ ކެހުން"!

"މިއަދު ހާދަ ފްރީކޮށް"، ސަރުކާރުގައި ވަޒީފާ އަދާކުރި ދުވަސްކޮޅު އޮފީހަށް އައިއިރު، އެ އޮފީހުގައި އެންމެންގެ "ދައްތަ" ވަރަށް ހަމަޖެހިލައިގެން އިންދާ ފެނުމުން އަހާލެވުނެވެ.

"މަހުގެ ކުރީކޮޅެއް ނުން. މި ދުވަސްކޮޅު ދައްތަ ހޯދާނެ މީހަކު ނުވާނެ!"

ސަމާސަ ގޮތަކަށް ބުނެލިއަސް އެއީ ހަމަ ރާއްޖޭގައި ފެންނަ ހަގީގަތެކެވެ. މަހުގެ ކިހާ ހިސާބެއްކަން ބެލުމަށް ކަލަންޑަރެއް ބޭނުމެއް ނުވާނެ އެވެ. މަހުގެ ކުރީ ކޮޅު ނޫންނަމަ އޮފީހަށް އަންނަ ގޮތަށް އެންމެ ފުރަތަމަ ހޯދާނީ "ދައްތަ" ވީ ހިސާބެކެވެ. ވަކިލާރި ކޮޅުން ހެނދުނު ސައި ހަމަޖައްސާލަން ހެދިކާ ގަންނަން ފޮނުވާށެވެ. މުސާރަ ލިބިގެން ހަފުތާއެއް ވަންދެން "ދައްތަ" އަށް ޗުއްޓީ އެވެ. "ބްރެކްފަސްޓް ބުފޭ" އަށް އަޕްގްރޭޑް ވީމަ އެވެ.

އޮފީސް އޮފީހުގެ ހެނދުނު ސައި ގަޑި އެކަންޏެއް ނޫނެވެ. ރޭގަނޑު ކެފޭ ތަކުން ވެސް މަހުގެ ކިހާ ހިސާބެއްކަން ރަމްޒުކޮށްދޭން، ގިނަ ކެފޭތަކާއި ރެސްޓޯރަންޓް ތައް އާންމު ގޮތެއްގައި ފުރި ބަންޑުންލާނީ މުސާރަ ލިބޭ ހަފުތާގަ އެވެ. ބާގާ ތަކާއި، ކާބޮނާރާ އާއި ބޮޑެތި ކެއުން ގަނޑު ގަނޑެވެ. އަގު ފަލަ ސްމޫދީ ތަކާއި މޮކްޓެއިލް ތަކެވެ.

އެއާހިލާފަށް މަހުގެ ފަހުކޮޅު ކަންމަތީ ފިހާރައިން މާރީ ބިސްކޯދު ބޮނޑިއަކާއި މައިލޯ ޕެކެޓު ގަނޑެކެވެ. ކޮފީ އަށް ދާނެ މީހުން ހުސްވެ، ރަށްޓެހިންތައް އެކި ބަހަނާތަކާއެކު ގޭ ތެރޭގަ "ބިޒީ" ވީ އެވެ.

އޭޓީއެމް "މޫސުން"

ކެއުމުގެ އަދާތަކުގެ ބޭރުން، މުސާރައާއެކު އަންނަ "މޫސުމީ ބަދަލު" އޭޓީއަމް ތަކުން ވެސް ވަރަށް ސާފުވާނެ އެވެ. އެކަމަކު ކެފޭ ތަކާއި ހިލާފަށް އޭޓީއެމް ތަކަށް އަންނަނީ އަދަދުގެ ބަދަލެއް ނޫނެވެ. އެ ބުނާ މަހުގެ ކުރީކޮޅާއި ފަހުކޮޅު ވެސް އޭޓީއެމްތަކަށް ވަރަށް ބާރު ބޮޑެވެ. މީހުންގެ އަދަދުން އެ ތަފާތު ނުފެނުނަސް، ހާއްސަކޮށް މަހުގެ ފަހުކޮޅު، މަހުން ކިތައްވަނަ ދުވަސް ކަން ވެސް ބުނެލެވޭ ވަރަށް ގިނަ މީހުންގެ އަމަލުތައް ތިލަވެ އެވެ.

މުސާރަ ލިބުމުގެ ފަސް ވަރަކަށް ދުވަސް ކުރިން، އޭޓީއެމް ތަކަށް ވަންނަ ގިނަ މީހުންގެ އަތުގައި އަމިއްލަ ކާޑަށް ވުރެ ގިނަ ކޭޝް ކާޑު އޮވެ އެވެ. އަނބިމީހާ ނުވަތަ ފިރިމީހާ ނޫނީ ގޭގަ އުޅޭ ކޮންމެ ވެސް ތިމާގެ މީހެއްގެ ކާޑެވެ. ބައެއް ފަހަރު އެ އަދަދު ތިނެއް ހަތަރަކަށް ވެސް އަރާފާނެ އެވެ. އެއީ ރަށްޓެއްސަކު ބުނި ގޮތުން ނަމަ "ފޫ ކަހާ" ދުވަސް ކޮޅެވެ. ގޭ އެންމެންގެ ކާޑުގަ ބާކީ ހުރި ރުފިޔާ ކޮޅަށް ދިރިއުޅުން ތިރިވީ އެވެ.

ދެން މިބުނި "ފޫ" ކެހުމުގެ ދުވަސް ކޮޅަށް ފަހު، އަނެއްކާވެސް މޫސުން ބަދަލުވީ އެވެ. ދެން އޭޓީއެމް ތަކުން ފެންނާނީ ވަރަށް އަވަސް އަވަހަށް މީހުން ވަދެ ނިކުމެވާތަނެވެ. އޭޓީއެމް އެއްގެ ދޮށުގައި މިނެޓަކަށް ވުރެ އިތުރެއް ނުވާނެ އެވެ. އެއީ މުސާރަ ޖަމާވިތޯ ބަލާ ދުވަސް ކޮޅެވެ. މި ކަމެއް އާންމު ގޮތެއްގައި މަހުގެ 1 އިން 5 އަށް ހިނގާނެ އެވެ.

އަނެއްކާ ވެސް މުސާރަ ޖަމާވީ އެވެ. ތިޔާގި މޫސުން އައީ އެވެ. އޭޓީއެމްތައް ތޮއްޖެހުނީ އެވެ. ކެފޭތަކާއި ރެސްޓޯރަންޓުތައް ފުރުނީ އެވެ. ބްރެކްފާސްޓް ބުފޭތަކާއެކު "ދައްތަ" މަތިން ހަނދާން ނެތުނީ އެވެ.

މި އާދަތައް މި ފާހަގަކޮށްލީ އެއްވެސް ހާލަތެއްގައި މީހަކަށް ކުޑައިމިސް ބަހެއް ނުވަތަ މަލާމާތެއް ކުރުމުގެ ނިޔަތުގައެއް ނޫނެވެ. މި ދައްކަނީ، އާބާދީގެ ބޮޑު ބައެއް ކުޑަ މުސާރަ ކޮޅުގެ ބޮޑުބައި ހަރަދަށް ކަނޑާފައި، ބާކީ އޮންނަ ކުޑަ އެތިކޮޅާއެކު ދިރިއުޅޭ އިރު، ދިވެހިންގެ އާދަތަކެއްގެ ވާހަކަ އެވެ.