ރިޕޯޓް

ދިވެހިންގެ އެއްބައިވަންތަކަމުގެ "ހަރު"

ސްކޫލްތަކުގެ ގޯތި ތެރެއިން ފެށިގެން ސިޔާސީ ޕޯޑިއަމްތަކުގައި ވެސް ދެކެވޭ ވާހަކަ އެއް، ކުރެވޭ ޒާތެއްގެ ޝަކުވާ އެއް އޮވެ އެވެ. ދިވެހިންގެ ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން ނުފެންނަ ކަމެވެ. އެކަކު އަނެކަކަށް އަޅާލުން ކުޑަވެ، ދިވެހިންގެ އާންމު ދިރިއުޅުމުގެ ތެރެއަށް ސިޔާސީ ކުލަ ފޭދި، އެ ކޯޅުން ގަނޑު އާއިލާ ތެރެއަށް ފެތުރި، މައިންބަފައިން ދަރިންނާއި އަނގައިން ނުބުނާ ހިސާބަށް ކަންތައް ވަނީ ގޯސްވެފަ އެވެ،

މީގެ އިތުރުން، ދިރިއުޅުމުގެ ރޭހުގައި، އެކަކަށް ވުރެ އަނެކަކު ކުރި އެރުމަށް، ކޮންމެ މީހަކުވެސް އަވަދިވެތި އުޅޭ އިރު، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ރިވެތި އާދަތައް މިހާރު މިވަނީ ފަނާވެ ގޮސްފަ އެވެ.

އެންމެ ބޭނުންޖެހޭ ވަގުތެއްގައި، ރަށްޓެހިން ވެސް ލޮލަށް ނުފެންނަ މިފަދަ ޒަމާނެއްގައި، އެހީތެރިކަމެއްގެ އަތެއް ދިއްކޮށްލާ، އަޅާލާނެ އާރެއް ޔާރެއް ނެތް ހާލަތްތައް ދަނީ އިތުރުވަމުންނެވެ.

އެފަދަ އެކުވެރިކަމުގެ ގިނަ އާދަތައް ދިވެހިންގެ ތެރޭގައި މަޑުމަޑުން ނެތެމުން ދިޔައަސް، ނުވެސް ދަންނަ މީހަކަށް ވެސް ދެރަ އެއް ލިބިދާނެތީ، ދިވެހިންގެ ތެރޭގައި އޮންނަ އެއްބައިވަންތަ ކަމުގެ އާދައެއް، ކިތަންމެ ކުޑަ ނަމަވެސް، އަދިވެސް ގަދަވެ ސަލާމަތުން އޮންނަ ކަމީ، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދިރުވޭނެ ކަމުގެ ހެއްކެކެވެ.

"ބްރޯ ހަރު". ސައިކަލު ދުއްވާ ކޮންމެ މީހަކަށްވެސް މި ޖުމްލަ ބީރަށްޓެހި ނުވާނެ އެވެ. ސައިކަލު ދުއްވާލާއިރު ހަރު ނައްޓާލަން ހަނދާން ނުނެތޭ މީހަކު ނުހުންނާ އެވެ. އެއްގޮތަކުން ބަލާނަމަ އެކަމަކީ މާ ބޮޑު ކަމެއް ވެސް ނޫނެވެ. ދުއްވާ މީހާއަށް މާ ބޮޑު ނުރައްކަލެއް ވެސް ގިނަ ފަހަރު ކުރިމަތިވާނެ ކަމެއް ވެސް ނޫނެވެ. އާންމު ގޮތެއްގައި، އެންމެ ބޮޑު ވަރަކަށް، ހަރު ބިންމަތީގައި ޖެހި، ކުޑަކޮށް ސައިކަލުގެ ކޮންޓްރޯލް ގެއްލޭނީ އެވެ.

ބައެއް ފަހަރު އެ ސަމާލުކަން ސައިކަލުގެ ހެޑް ލައިޓަށް ވެސް ދެވެ އެވެ. އެކަމަކު އެއީ ވަރަށް މަދު ފަހަރަކު އެވެ. އެއާ ހިލާފަށް، ސައިކަލެއް ދުއްވާފައި ދާއިރު، ހަރު ނުނެއްޓި އިންދާ ފެނިއްޖެ ނަމަ، ގިނަ ދިވެހިންގެ ހިތުގައި އެ ދުއްވަން އިން މީހާ އާއި ދޭތެރޭ އުފެދެނީ ބުނެދޭން ނޭނގޭ ފަދަ ކުލުނެކެވެ. އެހެން މީހަކަށް ދެރަ އެއް ލިބިދާނެތީ ހިތުގައި އުފެދޭ ޝުއޫރުތަކެއްގެ ސަބަބުން، އަޅާނުލާ ހަމަ ނުހުރެވެނީ އެވެ. އެމީހެއްގެ ސަލާމަތަށްޓަކައި "ބްރޯ ހަރު" އޭ ބޭ އިހުތިޔާރުގައި ނަމަވެސް ހަމަ ބުނެލެވެނީ އެވެ.

މަގުމަތީގަ އާއި އާންމުން އެއްވެ އުޅޭ ތަންތަނުގައި، ސައިކަލުގެ ހަރަކަށް ވުރެ ބޮޑެތި ހާދިސާ ތަކާއި، ބިރުވެރި އަދި ހިތާމަވެރި ހާލަތްތައް އެކި މީހުންނަށް ދިމާވެ އެވެ. ނަމަވެސް، ގިނަ ފަހަރު، އެހީތެރިކަމެއްގެ އަތެއް އެންމެ ބޭނުންވާ ވަގުތުތަކުގައި، ފެންނަނީ ހަމައެކަނި ކުޅިބަލާ މީހުންނެވެ. އަނެއް ފަރާތަށް އަނބުރާލާ މޫނުތަކެކެވެ.

ސައިކަލުގެ ހަރުގެ އިންޒާރަކީ އެއްވެސް ހާލަތެއްގައި ގޯސްކަމެކޭ ނުވަތަ ހުއްޓާލަންވީ ކަމެކޭ ބުނަނީ އެއް ނޫނެވެ. އެކަމަކު ސައިކަލުގެ ހަރަކަށް ލިބޭ ސަމާލުކަަމާއި، ހަމްދަރުދީ އާއި އަޅާލުން އެހެން މާ އައުލާކަން ބޮޑެތި ހާލަތްތަކުގައި ދިވެހިންގެ މެދުގައި ނުފެންނާތީ ހަމަ ހައިރާންވެ، ހިއްސާ ކުރެވުނު ސުވާލެކެވެ.