ކުޅިވަރު

ރާއްޖެއަށް އިންޓަނޭޝަނަލް ކުލަބު މުބާރާތެއް މުހިންމު!

Jan 25, 2017

ބަންގުލަދޭޝްގައި މިއަންނަ މަހު ބައްވާ ޝައިހް ކަމާލު އިންޓަނޭޝަނަލް ކުލަބު މުބާރާތުގައި، ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަށް ލިބުމުން، ރާއްޖޭގައި ވެސް އިންޓަނޭޝަނަލް ކުލަބު މުބާރާތެއް ބޭއްވުމުގެ، މުހިންމު ކަމުގެ ވާހަކަތައް ވަނީ އިތުރު ވެފަ އެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމު (ނިޒާންބެ) ވެސް ވަނީ ރާއްޖެއަށް ކުލަބު މުބާރާތެއްގެ މުހިންމު ކަން ފާހަގަ ކޮށްފަ އެވެ. މީގެ ކުރިން ރާއްޖޭގައި ވަނީ ބައިނަލްއަގްވާމީ ކުލަބު، ދެ މުބާރާތެއް ބާއްވާފަ އެވެ. އެއީ ޕޮމިސް ކަޕާއި ޕީޕަލްސް ކަޕެވެ. ނަވާރަސްތޭކަ އައްޑިހަ ހަތް ވަނަ އަހަރު، ތައާރަފު ކުރި ޕޮމިސް ކަޕް ދެހާސް ތިން ވަނަ އަހަރާ ހަމަޔަށް ބޭއްވި އެވެ. ޕީޕަލްސް ކަޕް 2015 ވަނަ އަހަރު ތާރަފު ކޮށް އެއަހަރު ބޭއްވި ނަމަވެސް މިހާތަނަށް އެ މުބާރާތް ބާއްވާފަ އެއް ނުވެ އެވެ.

"ބައިނަލްއަގްވާމީ ކުލަބު މުބާރާތެއް ވާދަ ކުރުމުގެ ފުރުސަތު ލިބުމަކީ ޓީމު ތަކުގެ ޒުވާން ކުޅުންތެރިންނަށް އިންޓަނޭޝަނަލް އެކްސްޕޯޝާ އެއް ހޯދަން ރަނގަޅު ފުރުސަތަކަށް ވާނެ، އަނެއް ކޮޅުން އޭއެފްސީ ކަޕްގައި ވާދަ ކުރާ ޓީމުތަކުން ވެސް ކުރާ ޝަކުވާ އަކީ މުބާރާތުގެ ކުރިން މެޗްތަކެއް ކުޅެލަން ނުލިބޭ ވާހަކަ،" ނިޒާމް ބުންޏެވެ.

ކުރިން ކުލަބު މުބާރާތެއްގެ ގޮތުގައި ބޭއްވި ޕޮމިސް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވަން ނިންމައި އެ މުބާރާތަށް ވަނީ ގައުމީ ޓީމުގެ އިންޓަނޭޝަނަލް މުބާރާތެއްގެ ސިފަ ގެނެސްފަ އެވެ. އެ މުބާރާތް އަންނަ އަހަރު ބޭއްވުމަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ. ޕޮމިސްކަޕް ފަރުމާ ކުރުމަށް އެފްއޭއެމްއިން ވަނީ ބޭރުގެ ފަރާތަކާ ހަވާލު ކޮށްފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އަލުން ޕީޕަލްސް ކަޕް ބޭއްވުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

"ކުރިން ވިސްނާފައި ވަނީ އަލުން ޕީޕަލްސް ކަޕް މިއަހަރު ބާއްވަން، ނަަމަވެސް އެފްއޭއެމް އަށް ކުރިމަތިވި އިންތިހާބީ މައްސަލަ ތަކާއެކު އެކަމަށް ތައްޔާރު ނުވެވި މިދިޔައީ ނަމަވެސް ކުލަބު މުބާރާތް އަލުން ބޭއްވުމުގެ ޕްލޭންތައް އަޅުގަނޑުމެން ހަދާނަން،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްކަން ދެނީ އަންނަ އަހަރު ޕޮމިސް ކަޕް ބޭއްވުމުގެ ތައްޔާރީތަކަށް ކަމަށާއި ނަމަވެސް އޭއެފްސީ ކަޕްގައި ވާދަ ކުރާ ޓީމުތަކަށް، ސީޒަންގެ ކުރިން ރަނގަޅު ފުރުސަތެއް ހޯދައިދިނުމަށް މުބާރަތެއް ބޭއްވުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި ޕީޕަލްސް ކަޕަކީ، ފުޓްބޯޅައިގެ ފޯރި ވަނދުވެފައި އޮތް ވަގުތެއްގައި ރާއްޖޭގެ ފުޓްބޯޅަ ފޯރި ގަދަ ކޮށްލި މުބާރާތެކެވެ. އެ މުބާރަތް އަލުން ބޭއްވުމަކީވެސް ފުޓްބޯޅަ ފޯރި އިތުރު ކުރުމަށް އެޅޭނެ ބާރެއް ވެސް މެއެވެ.