ރިޕޯޓް

ޓޫރިޒަމަށް ކާމިޔާބު އަހަރަކަށްވީ ކީއްވެ؟

  • މުޅިން އާ 11 ރިސޯޓު، ވަޒީފާތަކެއް
  • ގިނަ ގޮން ޖެހުން، 1.3 މިލިއަން ޓޫރިސްޓުން
  • އާ ބައެއް މާކެޓުތައް ވަރަށް ރަނގަޅުވުން

މިދިޔަ އަހަރުވީ ޓޫރިޒަމަށް ގޮންޖެހުންތައް ގިނަ އަހަރަށެވެ. މިގޮތުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ލޮޅުންތަކާއި ޔޫރަޕުގައި ހިންގި ޓެރެރިޒަމްގެ ހަމަލާތައް އަދި ރާއްޖޭގެ އެތެރޭގެ ހަމަނުޖެހުން މީގައި މުހިންމު ދައުރެއް އަދާކުރި އެވެ. ނަމަވެސް މި ހުރިހާކަމެއް ކުރިމަތިވި އަހަރު ނިންމައިލީ ރަނގަޅު ނަތީޖާތަކެއް ނެރެގެންނެވެ. އާ އަހަރަށް ޓޫރިޒަމްގެ ފެށުން ރަނގަޅު ކޮށްގެންނެވެ. ސުވާލަކީ މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމްގެ ކާމިޔާބު އަހަރަށްވީ ކީއްވެގެން ހެއްޔެވެ؟

"މިދިޔަ އަހަރަކީ މާކެޓިންގައި ޗެލެންޖުތަކެއް ދިމާވި އަހަރެއް. ނަމަވެސް ވަރަށް އެކްސައިޓިންވެސް އަހަރެއް. މިގޮތުން އެންމެ ފާހަގަ ކުރެވެނީ ރާއްޖޭގެ ތާރީހުގައި ވިޒިޓް މޯލްޑިވްސް އިޔާ ދެވަނަ ފަހަރަށް ރާއްޖޭން ފާހަގަ ކުރުން. މި މަސައްކަތްތަކުން ކާމިޔާބު އަހަރެއް މިދިޔަ އަހަރަކީ،" ރާއްޖެ އިޝްތިހާރު ކުރުމުގައި ހަރަކާތްތެރިވާ، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޑިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވި އެވެ.

1.3 މިލިއަން ޓޫރިސްޓުން

މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް ހުރަސްތަކެއް ކުރިމަތިވިނަމަވެސް އަހަރު ނިންމާލާފައިވަނީ 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްގެންނެވެ. އަދި މުޅި އަހަރު އެވްރެޖު ގޮތެއްގައި، ޓޫރިޒަމްގެ އޮކިއުޕެންސީ ހުރީ 60 ޕަސެންޓުން މަތީގަ އެވެ. މިއީ ނިސްބަތުން ރަނގަޅު ވަރެކެވެ. އަދި އަހަރުގެ ފަހުކޮޅު އޮކިއުޕެންސީ މަތިވެގެން ދިޔަ އެވެ. އަދި މުހިންމު މާކެޓުތަކުން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.

ހިސާބުތައް ދައްކާ ގޮތުން، މެދު އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުން މިދިޔަ އަހަރު 575,176 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި އުތުރު ޔޫރަޕުން 132,626 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މީގެ އިތުރުން ދެކުނު ދެކުނު ޔޫރަޕުން އައިސްފައިވަނީ 109,326 ޓޫރިސްޓުންނެވެ. މީގެ އިތުރުން ހުޅަނގު ޔޫރަޕުން 213,006 ޓޫރިސްޓުން އައެވެ. އަދި މެޑިޓެރީނިއަން ގައުމުތަކުން ރާއްޖެއަށް 15,664 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.

ޔޫރަޕުން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 101،843 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި ރަޝިޔާއިން 46،622 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މީގެ އިތުރުން ޗައިނާއިން 324،326 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި އިންޑިޔާއިން 66،955 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.

އާ މާކެޓުން ދިރުން

މިދިޔަ އަހަރު ނިމުނީ މުޅިންއާ ދެ މާކެޓަކުން "ދިރުން" ފެނިގެންނެވެ. މި ދެމާކެޓަކީ މެދުއިރުމަތީގެ ސައޫދީ އަރަބިއްޔާ އާއި އެމެރިކާ އެވެ. މިދެ މާކެޓު މިއިން އަހަރަކުން ނާންނަ ވަރަށް ޓޫރިސްޓުން އައިސްފައިވެ އެވެ. ސައޫދީ އަރަބިއްޔާއިން މިދިޔަ އަހަރު 21،964 މީހުން ޒިޔާރަތް ކުރި އެވެ. މިއީ އޭގެ ކުރީ އަހަރު ޒިޔާރަތް ކުރި 15،749 މީހުންނާ އަޅާބަލާއިރު 39 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މި މާކެޓަކީ މީގެ ފަސް އަހަރު ފަހަރަށް ޖެހިފައި 2010 ވަނަ އަހަރާ ހަމައިން ބަލާނަމަ، 4،000 ޓޫރިސްޓުން އައި މާކެޓެކެވެ. އަދި އެމެރިކާއިން މިދިޔަ އަހަރު 21،964 މީހުން ޒިޔާރަތް ކުރި އެވެ. މިއީ އޭގެ ކުރީ އަހަރު ޒިޔާރަތް ކުރި 15،749 މީހުންނާ އަޅާބަލާއިރު 39 ޕަސެންޓް އިތުރު އަދަދެކެވެ. މި ގައުމުން 2010 ވަނަ އަހަރު ޒިޔާރަތް ކޮށްފައިވަނީ 3،800 މީހުންނެވެ.

މި ހިސާބުތައް މިގޮތުގައި ހިފެހެއްޓިފައިވަނީ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. ހާއްސަކޮށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިސްވެ ހުންނަވައި، މުޅި އިންޑަސްޓްރީން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އައިޓީބީގައި ރާއްޖެ ވިދާލި

އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ ހާރިސް ވިދާޅުވީ މިދިޔަ އަހަރު އައިޓީބީ ބާލިން ފެއާގެ ޕާޓްނަރު ކަންޓްރީގެ ޝަރަފު ލިބި، މި ފެއާގައި ރާއްޖޭގެ ޕާފޯމަންސާމެދު ގިނަ ބަޔަކު ތައުރީފު ކުރި ކަމަށެވެ.

"ފެއާ [އައިޓީބީ] ގެ އޯޕެނިން ސެރެމަނީގައި ދެއްކި ޕާފޯމަންސް ދުނިޔޭގެ ފެންވަރުގައި ރިކޮގްނައިޒް ކުރި. އައިޓީބީގެ ހިސްޓްރީގައި ވެސް އެ ވަރުގެ ޕްރެޒެންޓޭޝަނެއް ނުދެވޭ ކަމަށް ވިދާޅުވި. މިހިނގާ 2017 ވަނަ އަހަރުގެ ޕާޓްނަރު ކަންޓްރީއަށް ދިން ރަސްމިއްޔާތުގައިވެސް އެބޭފުޅުން ވިދާޅުވި ރާއްޖޭގެ ބެންޗްމާކް ވައްޓާނުލެވޭނެ ކަމަށް ބުނުން. މިއީ ޑެސްޓިނޭޝަން ޕްރޮމޯޓާއެއްގެ ގޮތުގައި ލިބުނު ބޮޑު ކާމިޔާބީއެއް،" ހާރިސް ވިދާޅުވި އެވެ.

ރިސޯޓު ހުޅުން ރެކޯޑު، އާ ވަޒީފާ

ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުން ކާމިޔާބުތައް ހޯދުމުގެ އިތުރުން މިދިޔަ އަހަރަކީ ޓޫރިޒަމްގެ ތާރީހުގައި އެންމެ ގިނަ އެނދުތައް ބާޒާރަށް ނުކުތް އަހަރެވެ. ސަރުކާރުން 50 ރިސޯޓު ހުޅުވުމުގެ އަމާޒަށް ވާސިލްވުމަށް ކުރި މަސައްކަތުގެ ނަތީޖާ ފެނުނީ ފޮނިކޮށެވެ. ދެން އޮތް ސުވާލަކީ މިދިޔަ އަހަރު އާ ގިނަ ރިސޯޓުތަކެއް ހުޅުވުނީ ކިހިނެއް ވެގެން ހެއްޔެވެ؟ މި ރިސޯޓުތައް ހުޅުވުމުގެ މައިގަނޑު ސަބަބަކީ އާ ރިސޯޓުތަކެއް ނެރެން ކުރި މަސައްކަތެކެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރިސޯޓު ހަދަން ގެނައި މުދަލުގެ އަގު ތިން ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި މި މުދަލުގެ ތެރެއިން 380 މިލިއަން ރުފިޔާގެ މުދާވަނީ ޑިއުޓީ މާފުކޮށް ރިސޯޓު ހަދަން އެތެރެ ކުރަން ފުރުސަތު ދީފަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އާ 11 ރިސޯޓް ރާއްޖޭގައި ހުޅުވުނެވެ. އަދި މި ރިސޯޓުތަކުން 2،000 އަށްވުރެ ގިނަ އާ ވަޒީފާތައް ވަނީ އުފެދިފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ގޮތުން ޓޫރިސްޓުން ބައިތިއްބަން މުޅިން އަލަށް 124 ތަނަކަށް ވަނީ ހުއްދަދީފަ އެވެ. މީގެތެރޭގައި ހިމެނެނީ 11 ރިސޯޓާއި 11 ސަފާރީގެ އިތުރުން 101 ގެސްޓްހައުސްއަކާއި އެއް ޓޫރިސްޓް ހޮޓަލެވެ.

2016 ގެ އާ ރިސޯޓުތައް:

  • ކ. ކުޑަބަނޑޮސް: މަލަހިނި ކުޑަ ބަނޑޮސް
  • ކ. މާދޫ: އޯޒެން ބައި މާދޫ
  • ރ. ފުރަވެރީ: ފުރަވެރި އައިލެންޑް ރިސޯޓް
  • ބ. ކަނިފުށި: ފިނޮޅު ރިސޯޓް
  • ބ. ދިގުފަރު ވިނަގަނޑު: ދިގުފަރު އައިލެންޑް ރިސޯޓް
  • ބ. ވޯވަށް: ފޯ ސީޒަންސް ވޯވަށް ޕްރައިވެޓް އައިލެންޑް
  • ބ. މިލައިދޫ: މިލައިދޫ އައިލެންޑް
  • ޅ. ހުރަވަޅި: ހުރަވަޅި މޯލްޑިވްސް
  • ޅ. އޫކޮޅުފުށި: ކޮކޫން މޯލްޑިވްސް
  • ދ. ވޮށްމުލި: ސެއިންޓް ރެޖިސް މޯލްޑިވްސް ވޮށްމުލި
  • ނ. މެދުފަރު: ސޮނޭވާ ޖާނީ

މިދިޔަ އަހަރު އަލަށް ހުޅުވި ތަންތަނާއެކު، ޓޫރިސްޓު ފެސިލިޓީތަކުގެ އަދަދު ވަނީ 667 އަށް އަރައިފަ އެވެ. މީގެތެރޭގައި މިދިޔަ އަހަރު އަލަށް 101 ގެސްޓްހައުސް ހުޅުވާފައިވެ އެވެ. އަދި ގެސްޓްހައުސް ވިޔަފާރި ވަނީ ރާއްޖޭގެ 19 އަތޮޅެއްގެ 72 ރަށަށް ފަތުރާލާފަ އެވެ. އަދި މިއާއެކު އެނދުތަކުގެ އަދަދު ވެސް ވަނީ 37،218 އަށް އަރާފަ އެވެ.

ކޮންމެއަކަސް އާ ގިނަ ރިސޯޓުތަކެއް މާކެޓަށް ނެރެ، ޓޫރިޒަމްގެ ގިނަ ކާމިޔާބުތަކެއް މިދިޔަ އަހަރު ވެސް ހޯދައިފި އެވެ. މިއާއެކު އިގްތިސާދުގެ މައިތަނބު މިއަދުވެސް ހުރީ ވަރުގަދަ ކޮށެވެ. އަދި އާ އަހަރަށްވެސް އޮތީ ހަމަ މިފަދަ އާ އުންމީދެކެވެ.