ރީކޯ މޫސާ މަނިކު

"2018 ކާމިޔާބު ކުރެވޭނެ ތާއީދު އޮތީ ޔާމީނަށް"

  • މި ސަރުކާރުގެ ތިން އަހަރުގެ ފަރަގު ބޮޑު
  • ރާއްޖެއަށް އަމާން ކަން ގެނެސްދީފި
  • ގާނޫނުގެ ވެރިކަން ނަގަހައްޓައިފި
  • ތަރައްގީ ގެނެސް ހިދުމަތް އަވަސް ކޮށްފި

އެމްޑީޕީއާއެކު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ލިބުނު ތިން އަހަރުގެ މުއްދަތާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ނިމުނުގެ ތިން އަހަރާއި އަޅާ ބަލާއިރު ބޭފުޅަކު ވެރިކަން ހަވާލު ކުރާ ބޭނުން ރައްޔިތުންނަށް ފުއްދަވައި ދެއްވީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ ސުޕީޑް މާ ބޮޑުތަނުން ހަލުވިވެފައި ތަރައްގީ އާއި ހިދުމަތް ޑެލިވާ ކޮށް ދެއްވާކަމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 ގެ "ނިއުސް ޓޯކް" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން މޫސަ މިރޭ ވިދާޅުވީ އެމްޑީޕީގެ ގެނެވުނު މަގުސަދާއި އޭގެ ބާރު މިނުގައި އެ ސަރުކާރު އެންމެ ފުރަތަމަ ވެސް ގެންދިޔަ ނަމަ އެމްޑީޕީ ސަރުކާރަށް ވެސް ރާއްޖެ ތަރައްގީ ކުރެވޭނެ ފުރުސަތު ލިބުނު ކަމަށާއި ކަމަށެވެ. އެ ސަރުކާރު އައީ ވެސް ވަރަށް ގިނަ ރަނގަޅު ކަންތައްތަކެއް ކުރަން ޝައުގުވެރިވެގެން ކަމަށެވެ. ނަމަވެސް މިހާތަނަށް ކަން ހިނގައި ދިޔަ ގޮތުން ސިޔާސީ ގޮތުން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވޭވަރުގެ ތާއީދު އޮތް ހަމައެކެނި ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ.

"[ރައީސް ޔާމީންގެ ސަރުކާރުގައި] ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު މި ފެންނަނީ ތަރައްގީގެ ޕްރޮޖެކްޓްތައް ވަރަށް ބާރަށް ހަލުއިކޮށް ހިނގާތަން. މިހާރު ރައްޔިތުން ވެސް އެކަން ބަލައިގެންފި، އަދި އެގޮތަށް ގަބޫލު ކުރޭ. އަޅުގަނޑު ތެދަށް ދަންނަވާ ކަމަށް ވަންޏާ ދެންނެވޭނީ އަޅުގަނޑުމެން [އެމްޑީޕީ] ތިން އަހަރަށްވުރެ މި ތިން އަހަރު ތެރޭގައި ތަރައްގީ އާއި ހިދުމަތް އެތައް ގުނައެއް ސްޕީޑް ބާރުކޮށޭ މިދިޔައީ. އަދި ތަރައްގީ އާއި ހިދުމަތް ރައީސް ޔާމީން ޑެލިވާ ކޮށްދީފިއޭ." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު އައި ދުވަސްވަރު އޭރު ގައުމު އޮތް ހާލަތު ބަދަލު ކުރަން ރައީސް ނަޝީދު މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ކުރައްވަން ބޭނުންފުޅުވެސް ވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ފަހުން ބާރު ސްޕީޑުގައި ތަރައްގީ ގެނައުމަށްވުރެ ބޮޑަށް ސަމާލުކަން ދެއްވުނީ އެހެން ކަންކަމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު ތިން އަހަރުން ފުރަތަމަ އަހަރު ރައީސް ނަޝީދު ވެސް މަސައްކަތްޕުޅު ކުރެއްވޭތޯ ބެއްލެވި، އެކަމަކު މިހާރު މިހުރި ސްޕީޑްގައި ކަންކަން ގެންދިއުމުގެ ބާރެއް އޭރުވެސް ނެތް. އޭގެ ބަދަލުގައި އެހެން ކަންކަމަށް ވަޑައިގެންނެވުމުގެ ސަބަބުން އެއްވެސް ކަމެއް ހާސިލެއް ނުވި،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރު ފަރަގު ވަރަށް ބޮޑު ކަމަށާއި އެންމެ ބޮޑު ތަފާތަކީ ރައީސް ޔާމީންގެ މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ދައުލަތުން ރައީސް ޔާމީނާ ހަވާލުކުރި މަސްއޫލިއްޔަތާއި ޒިންމާ އޭގެ އާމާޒުން ކައްސާ ނުލައި ބާރު ސްޕީޑްގައި ގެންދަން ކަމަށެވެ.

"ވެރިކަމަކީ ވެރިކަން ކުރާ ޒާތަށް ކުރަން ޖެހޭ ކަމެއް. ރައީސް ޔާމީން ވެރިކަން ކުރައްވަނީ އެގޮތަށް. ރައީސް ޔާމީން ތަރައްގީ ގެނެސް ދެއްވާ ބާރު ސްޕީޑްގައި. ރާއްޖޭގައި އަމާން އަމާންކަން ގާއިމު ކޮށްދެއްވައިފި. ގާނޫނުގެ ވެރިކަން ނަގަހައްޓައި ދެއްވައިފި. މިއީ ހަގީގަތް މި ހަގީގަތް މީހުން ބަލައިގަނޭ މިހާރު" މޫސަ ވިދާޅުވި އެވެ. "ދެން އޮތީ އިންތިހާބާ ހަމައިން މި ހަގީގަތް ބަލައިގަންނަ މިންވަރު، އެއަށް ބަލާއިރު އެނގޭނެ ތިން އަހަރުން ރައީސް ނަޝީދު ކަމުނުދިޔަ ސަބަބު. ރައީސް ޔާމީންގެ މިގެންގުޅުއްވާ ރޫހު އެ ސަރުކާރުގައި އޮތްނަމަ އެ ސަރުކާރު ނުވެސްޓުނީސް. އޭގެ ފަހުން ރައީސް ޔާމީނަށް ފުރުސަތު ރައްޔިތުން ދިނީވެސް ރައީސް ނަޝީދުގެ ތިން އަހަރުގައި ކަންކަން ކޮށްނުދެވުމުން."

މޫސަ ވިދާޅުވީ ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ގާނޫނުގެ ތެރެއިން ކަމަށާއި މަގުމައްޗަށް މީހުން ނެރެގެން މި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ގޮތްގޮތަށް ރާވައިގެން މި ސަރުކާރު ވައްޓާވެސް ނުލެވޭނެ ކަމަށެވެ.

"ރައީސް ޔާމީން ވެރިކަން ގޯސްވެގެން މިހާރާކު ނޫޅޭ، މަގުމަތީގައި ސަރުކާރު ވައްޓާ ހަރަކާތެއް ނުހިނގާނެ އަދި މަގުމަތިން ސަރުކާރު ވައްޓައެއް ވެސް ނުލެވޭނެ، މިއަދުގެ ހަގީގަތަކީ ސިޔާސީ ގޮތުން ރާއްޖޭގައި ހުންނެވި އެންމެ ކާމިޔާބު ބޭފުޅަކީ ރައީސް ޔާމީންކަން. އެމަނިކުފާނު ބަލި ކުރެވޭނެ މީހަކު ސިޔާސީ ދާއިރާގައި ނެތް ރައީސް ޔާމީން ޑެލިވާ ކުރައްވާ ތަރައްގީ އާއިއެކު ރައްޔިތުންގެ ލޯބި އޮތީ ރައީސް ޔާމީނަށް، ސިޔާސީ ގޮތުން މީހަކު ދުރުން ހަޅޭއްލެވުމަކީ އެހެން ކަމެއް،"

މޫސަ ވިދާޅުވީ ސިޔާސީ ގޮތުން އޭނާ ކުރިޔަށް ވަޑައިގެންނަވާނެ ގޮތެއް އަދި ނުނިންމަވާ ކަމަށާއި އެހެންނަަވެސް ރައީސް މުހައްމަދު ނަޝީދުގެ ޒައާމަތެއް އެމްޑީޕީގައި އޮތްހާ ދުވަހަކު ދެން އެމްޑީޕީއާ ގުޅުމެއް ނެތް ކަމަށެވެ.