މޯލްޑިވިއަން އައިޑޮލް

ލައިޝާގެ ފުރަތަމަ ވީޑިއޯ ލަވަ މާދަމާ ރިލީޒް ކުރަނީ

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރި ލައިޝާ ޖުނައިދުގެ ފުރަތަމަ ވީޑިއޯ ލަވަ މާދަމާ ރިލީޒް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ލަވަ ރިލީޒް ކުރާނީ މާދަމާ މެންދުރު 1:00 ޖަހާއިރު އޮންނަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. "ހޯދޭތޯ މަންޒިލެއް" މި ލަވައިގައި ލައިޝާ އާއެކު ފިރިހެން ބައިވެރިއެއް ވެސް ފެނިގެންދާނެ އެެވެ. މާދަމާ ލަވަ ނެރުމާ ހަމައަށް އެއީ ސަޕްރައިޒް އެކެވެ.

މި ލަވައިގެ ޕްރޮމޯއެއް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ. މި ލަވަ އަކީ "ބްރޭކް އަޕް" ނުވަތަ ހިތް ހަލާކުވެގެން އުޅޭ ފަރާތްތަކާއި ގުޅޭ ލަވަ އެކެވެ. ލައިޝާގެ މި ލަވަ އަކީ މޯލްޑިވިއަން އައިޑޮލްގެ ބައިވެރިއެއްގެ ފުރަތަމަ ވީޑިއޯ ލަވަ އެވެ.

މޯލްޑިވިއަން އައިޑޮލް އިންތިޒާމް ކުރާ ޕީއެސްއެމް އިން ވަނީ އައިޑޮލްގެ ޓޮޕް 10 އަށް ހޮވޭ ބައިވެރިން ކުރި އަރުވަން ދެ އަހަރު ވަންދެން ޕީއެސްއެމް އިން މަސައްކަތް ކުރާނެ އެެވެ. ގަދަ 10 ގައި ހިމެނޭ ބައިވެރިންނަށް ބައެއް ކަހަލަ ތަމްރީންތައް ދީ، ޝޯތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދީ ޓެލެންޓު ކުރިއެރުވުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ޕީއެސްއެމް އިން ކުރާނެ އެވެ.

އެގޮތުން މިހާތަނަށް އައިޑޮލްގެ ގަދަ 10 އެއްގެ ހިމެނޭ ބައިވެރިން ގިނަ ޝޯ ތަކުގައި ބައިވެރިވުމުގެ ފުރުސަތު ޕީއެސްއެމް އިން ވަނީ ހޯދައިދީފަ އެވެ. މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެ އެއް އަންނަ ހުކުރު ދުވަހުގެ ރޭ ޕްރިމިއާ ކުރަން ވަނީ ނިންމާފަ އެވެ.