ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކުރި ހުކުމަކީ ޝަރީއަތް ހިންގުމުގެ މާކުރިން ވެސް ލިޔެ ތައްޔާރުކޮށްފައިވާ ހުކުމެއް ކަމަށް ބުނެ އިންޑިއާ އިން ރާއްޖެ އަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދީފި އެވެ.
ޕީޓީއައި ގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މިސްރާބު ވަގުތުން ބަދަލުުކުރަންޖެހޭ ކަމަށް އިންޑިއާގެ އިސް އޮފިޝަލުން އެ ނިއުސް އެޖެންސީ އަށް ބުނެފައިވާ ކަމަށެވެ. ރައީސް ޔާމީނުގެ އަރިސް ބޭފުޅުންނާއި ޔާމިނާ ދެކޮޅު ފަރާތްތަކުގެ ހަރަކާތްތައް ވެސް އެނގި ވަޑައިގަންވާ ކަމަށް ބުނާ އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ ނަޝީދު ހައްޔަރު ކުރުމާއި ހުކުމް ކުރުން އަދި ޓެރަރިޒަމްގެ ދައުވާ އަކީ ވެސް ކުރިން ހަމަޖެހިގެން އައިސްފައިވާ ކަންތައްތަކެއް ކަމަށެވެ.
"ޝަރީއަތުގެ ކޮންމެ އަޑުއެހުމެއް ވެގެން ގޮސްފައި ވަނީ އަދުލު އިންސާފަށް ލިބުނު ބޮޑު ގެއްލުމަކަށް ... ޔާމީންގެ ސަރުކާރު ވަރުގަދަ ވެފައި ހަމަޖެހިގެން އޮތް ކަމަށް ފެނުނު ކަމުގައި ވިޔަސް ކަންކަމާ މެދު ޔާމީން ގެންގުޅުއްވާ ހަނި ވިސްނުމުގެ ސަބަބުން ސަރުކާރު ތެރޭގައި ދަނީ ހަލަބޮލިކަން އުފެދެމުން. އަދި މިއާ އެކު ޔާމީނަށް ނުރައްކާ ވެދާނެ ކޮންމެ ނުރައްކަލެއް ނައްތާލުމަށް ދަނީ މަސައްކަތް ކުރަމުން،" އޮފިޝަލް ވިދާޅުވެފައިވެ އެވެ.
އިންޑިއާ އިން ހަރުކަށިކަމާ އެކު ވާހަކަ ދައްކާފައި މި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދަށް ކުރި ހުކުމާ އެކު އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ދިވެހި ސަރުކާރުން ދިފާއުގައި ވާހަކަ ދައްކަމުން ދަނިކޮށެވެ. ނަޝީދު ހައްޔަރު ކުރުމާ އެކު އައި ސިޔާސީ ހަލަބޮލިކަމާ ހެދި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ ދަތުރުފުޅު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.