ހަބަރު

ލައިޝާގެ ފުރަތަމަ ލަވަ: ހޯދޭތޯ މަންޒިލެއް!

ފުރަތަމަ މޯލްޑިވިއަން އައިޑޮލް، ކާމިޔާބުކުރި ލައިޝާ ޖުނައިދުގެ ފުރަތަމަ ވީޑިއޯ ލަވަ މިއަދު ރިލީޒްކޮށްފި އެވެ. އެ ލަވަ ރިލީޒްކޮށްދެއްވީ ޕީއެސްއެމްގެ އެމްޑީ އިބްރާހިމް ހަލީލެވެ.

މިއަދު ރޭޑިއޯ ބިލްޑިންގައި އޮތް ރަސްމިއްޔާތެއް ލަވަ ރިލީޒްކުރިއިރު މި ލަވައަކީ އޭނާ ނެރޭ އަލްބަމް، "ލައިޝާ އަލްބަމް"ގެ ހަ ލަވައިގެ ތެރެއިން އެއް ލަވަ އެވެ. އެ އަލްބަމް ވަރަށް އަވަހަށް ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، އައިޑޮލްގެ ބައިވެރިންގެ ހުނަރު ކުރިއެރުވުމަށް ޕީއެސްއެމްއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ހުއްޓާނުލާ ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ލައިޝާގެ ލަވައެއް ނެރުމަކީ، ޕީއެސްއެމާއި އައިޑޮލް ޓީމަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަން ޝާޔަން ފާހަގަ ކުރެއްވި އެވެ.

ލައިޝާ ބުނީ، މި ލަވަ ރިލީޒްވެގެން ދިޔުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި ލަވައާ މެދު ބެލުންތެރިންނާއި އެހުންތެރިން ދެކޭ ގޮތް ބަލާލުމަށް ކެތްމަދުވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަމިއްލަ ލަވައެއް ރިލީޒްވުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ފަދަ ކަމެއް ކަމަށް ލައިޝާ ބުންޏެވެ.

އެ ފުރުސަތު ލިބުނީތީ ޕީއެސްއެމްއަށް ލައިޝާ ޝުކުރުއަދާކުރި އެވެ. ޕީއެސްއެމްއިން އޭނާއަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރި އެވެ.

ލައިޝާގެ ހަ ލަވަ ވެސް ވަކިވަކިން ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ކުރިއަށް ހުރީ ވަރަށް ތަފާތު ލަވަތަކެއް ކަމަށް ލައިޝާ ބުންޏެވެ. މިއަދު ނެރުނު "ހޯދޭތޯ މަންޒިލެއް" އަކީ މަޑުމައިތިރި ލަވައެއް ނަމަވެސް ކުރިއަށް ވަރަށް ފޯރިގަދަ ލަވަތައް ވެސް އަންނާނެ ކަމަށް ލައިޝާ ބުންޏެވެ. އެގޮތުން އޭނާ އެންމެ ގަޔާވާ ހިޕްހޮޕް ސްޓައިލްގެ ލަވައެއް ވެސް ނެރޭނެ ކަމުގެ އުފާވެރި ހަބަރު އޭނާ ދިނެވެ.

މި ލަވައިގެ ޅެން ހަދައިދީފައިވަނީ މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އެވެ. ސިނެމެޓޯގްރަފީ ހަދައިދީފަިއވަނީ ހުސައިން މުނައްވަރެވެ. ޓޮނިކް ލައިވް ސްޓޫޑިއޯއިން ލަވައިގެ ރިކޯޑިން ހަދައިދިންއިރު، ލަވަ ޑައިރެކްޓް ކޮށްފައިވަނީ އަޒްހާން އިބްރާހިމް އެވެ.

ޕީއެސްއެމް އިން ވަނީ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގެ ގަދަ 10 ގައި ހިމެނުނު ބައިވެރިންގެ ހުނަރު ކުރިއެރުވުމަށް މަސައްކަތްކޮށްދޭނެ ކަމަށް ބުނެފަ އެވެ. އަދި މި ފެށޭ ސީޒަންގެ ބައިވެރިންގެ ހުނަރު ވެސް ކުރިއަރުވާނެ ކަމަށް ބުންޏެވެ. މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއް މާދަމާ ރޭ ރިލީޒް ކުރާނެ އެވެ.