ވިޔަފާރި

އުރީދޫން ހިއުމެނިޓޭރިއަން ކަނެކްޓިވިޓީ ޗާޓަރުގައި ބައިވެރިވެއްޖެ

Mar 18, 2015

ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މީހުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ތައާރަފުކޮށްފައިވާ "ހިއުމެނިޓޭރިއަން ކަނެކްޓިވިޓީ ޗާޓަރު" ގައި އުރީދޫން ބައިވެރިވެއްޖެ އެވެ.

އުރީދޫން ބުނީ މި ޗާޓަރަށް އަމަލު ކުރަން ފެށުމާ އެކު މޮބައިލް އޮޕަރޭޓަރުން އިންސާނިއްޔަތަށް މަސައްކަތް ކުރުމުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް އަމަލުކުރަން އެއްބަސްވެފައިވާ ކަމަށެވެ.

މި ޗާޓަރާ ގުޅުނު ކުންފުނިތަކަކީ އެސިއަޓާ އާއި އެޓިސަލަޓް އަދި އުރީދޫގެ އިތުރުން ސްމާޓް ކޮމިއުނިކޭޝަނެވެ. މި ކުންފުނިތަކުން ދުނިޔޭގެ 35 ގައުމެއްގައި ހިދުމަތް ދެމުން ގެންދާއިރު، ކުންފުނިތަކުގެ ކަސްޓަމަރުންގެ އަދަދު ބިލިއަނަކަށް ވުރެ ގިނަ އެވެ.

ޖީއެސްއެމްއޭގެ ޑިރެކްޓަރު ޖެނެރަލް އޭން ބޭވޯޓް ވިދާޅުވީ މޯބައިލް ނެޓްވޯކްތަކާއި ކަނެކްޓިވިޓީގެ ސަބަބުން ގުދުރަތީ ކާރިސާތަކުގައި ކުއްލި ހާލަތްތަކުގައި ފުރާނަ ސަލާމަތް ކުރުމަށް އެހީވެދޭނެ ކަމަށެވެ.

"މޯބައިލް އޮޕަރޭޓަރުން މެދުވެރިކޮށް ދުރާލާ އިންޒާރު ދިނުމާއި އެސްއެމްއެސް މައުލޫމާތުގެ ކެމްޕޭންތަކުގެ ސަބަބުން ރައްޔިތުންނަށް އެފަދަ ހާލަތްތަކުގައި އެހީތެރިވެދިނުމުގައި ދެމިތިކަން ދައްކުވައިދޭ. ހިއުމަނަޓޭރިއަން ކަނެކްޓިވިޓީ ޗާޓަރގެ ސަބަބުން މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ދެމެދު ގުޅުން ވަރުގަދަވެ، އެފަދަ ކުއްލި ހާލަތަކަށް އިތުރަށް ތައްޔާރުކޮށްދީ، އަދި މޯބައިލް އޮޕަރޭޓަރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުއްލި ހާލަތްތަކުގައި މަސައްކަތްކުރާ ޖަމާއަތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ އެކަންތައްތަކަށް އެއްބާރުލުން ދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބާރުއަޅާނެ،" ބޭވޯޓް ވިދާޅުވި އެވެ.

އުރީދޫ ގްރޫޕް ސީއީއޯ އަދި ޖީއެސްއެމްއޭ މޯބައިލް ޑެވެލޮޕްމަންޓް ފައުންޑޭޝަންގެ ބޯޑުގެ ޗެއަމަން ޑރ.ނާސިރު މަރާފިހް ވިދާޅުވީ މިޗާޓަރުގެ ފައުންޑާސް ގަބޫލުކުރާގޮތުގައި ގުދުރަތީ ކާރިސާތަކުގައި މަސައްކަތްކުރާގޮތް އިތުރަށް ތަރައްގީކުރުމަށް މިދާއިރާގެ ވަރަށް މުހިންމު މަސްއޫލިއަތެއް އެބައޮތް ކަމަށެވެ.

"ހިއުމަނަރޭޓޭރިއަން ކަނެކްޓިވިޓީ ޗާޓަރުގެ ޕްރިންސިޕަލްސްތަކާއިއެކު އުންމީދުކުރަނީ އަޅުގަނޑުމެންގެ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދެވިދާނެކަމަށް އަދި މޯބައިލް އިންޑަސްޓްރީ އެކުގައި މަސައްކަތްކޮށްގެން މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރެވިދާނެ،" މަރާފިހު ވިދާޅުވި އެވެ.

އުރީދޫގެ ކުންފުންޏެއްކަމަށްވާ އޭޝިއާސެލްއިން ދަނީ އިރާގުގައި ރެފިއުޖީންނަށް އެހީވުމުގައި މަސައްކަތްކުރަމުންނެވެ. މި ކުންފުނި މެދުވެރިކޮށް މި އަހަރު އުރީދޫން 10،000 ސިމްކާޑު ހިލޭ އެސްއެމްއެސް ނޮޓިފިކޭޝަން ހިދުމަތާއިއެކު ހިލޭ ބަހާއިވެ އެވެ. އަދި ހަމަނުޖެހުން އުފެދިފައިވާ ސަރަހައްދުތަކުގައި ގެއްލިފައިވާ މީހުން ހޯދުމަށް ވަކި ހާއްސަ ކޯލު ސެންޓަރެއްވެސް ގާއިމުކޮށްފައިވެ އެވެ.