ޑރ. މުހައްމަދު އާސިމް

"އެންމެ އުނދަގޫ ވަގުތުގައި ވެސް އިންޑިއާއަށް ބަރޯސާވެވިދާނެ"

އިންޑިއާއަކީ ކޮންމެ ކަމަކަށް ވެސް ބޭނުންވެއްޖެ ހާލަތެއްގައި ބަރޯސާވެވިދާނެ ގައުމެއް ކަމަށާއި އެ ގައުމާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ކުރިޔަށް އޮތްތާ އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އާސިމް ވިދާޅުވީ ރައީސް ޔާމީން ގެންގުޅުއްވާ "އިންޑިއާ ފަސްޓް" ޕޮލިސީ އަކީ ދެ ގައުމުގެ ރަހުމެތްތެރިކަން ދައްކުވާދޭ މިސާލެއް ކަމަށާއި ވޭތުވެދިޔަ ދުވަސްތަކު ތެރޭގައި ރައީސް ޔާމީން އިންޑިއާ އަށް ކުރެއްވި ތިން ދަތުރުފުޅުން ވެސް އެކަން ހާމަވެގެންދާ ކަމަށެވެ. އަދި މިހާތަނަށް ވެސް އިންޑިއާ އިން ވަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތަވެދެއްވާފައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އިންޑިއާއަކީ ކޮންމެ ކަމަކަށް ބޭނުންވިޔަސް އެ ގައުމަށް ބަރޯސާވެވިދާނެ ފަދަ ބައިވެރިއެއް ކަމަށެވެ.

"އިންޑިއާއިން ވަނީ އެންމެ އުނދަގޫ އަދި ފަސޭހަ ވަގުތުގައި ރާއްޖެއަށް އެހީވެފައި. އެއީ ރާއްޖެއާ އެންމެ ގާތުގައިވާ އެކުވެރި އަވައްޓަރިޔާ. އިންޑިއާގެ ސަރުކާރާއި ރައްޔިތުން އަބަދުވެސް އަންނަނީ ރާއްޖެއަށް ދީލަތި އެހީތަކެއްވަމުން،" އާސިމް ވިދާޅުވި އެވެ.

އިންޑިއާއިން ރާއްޖެއަށް ދިން، ބައެއް އެހީތަކުގެ މައްޗައް އަލިއަޅުވާލާ އާސިމް ވިދާޅުވީ އައިޖީއެމްއެޗްއާ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް އިންޑަސްޓްރީޒް އަދި ސެނަހިޔާ ހޮސްޕިޓަލަކީ ދެ ގައުމުގެ އެކުވެރިކަން ދައްކާދޭ ހެކިތައް ކަމަށެވެ. އަދި މި އަހަރަކީ ދެ ގައުމަށް ފައިދާވާ ފަދަ ގިނަ ފުރުސަތުތަކެއް ހުޅުވޭނެ އަހަރަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އާސިމް ވިދާޅުވި އެވެ.