ކުޅިވަރު

ގްރީންސްޓްރީޓް ފުރަތަމަ ޑިވިޝަނަށް އާ ނަމެއް، ނަމަވެސް ތަޖުރިބާ ބޮޑު!

Jan 27, 2017

މިއަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރަން އަންނަ ގްރީން ސްޓްރީޓަކީ ރާއްޖޭގެ އެންމެ ޓޮޕް ލެވަލުގެ ފުޓްބޯޅަ އަށް މުޅިން އާ ނަަމެކެވެ. މައްޗަންގޯޅި ދެކުނަށް ނިސްބަތްވާ ޓީމު، ފުރަތަމަ ޑިވިޝަނަށް އާ ވިޔަސް، އެ ޓީމުގައި ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ހުރި ސިނކުޑިތަކެއް އެބަ ތިއްބެވެ. ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް އެޓީމު ނަގައިދިން ކޯޗަކީ، ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ޑިފެންޑަރު ކަމަށް، ރާއްޖޭގެ ފުޓްބޯޅައިގެ ގިނަ މާހިރުން ބުނާ ސޮބާހް މުހައްމަދު (ސޮބާ) އެވެ.

ގައުމީ ޓީމާއި ކުލަބު ލެވަލުގައި 100 ވުރެ ގިނަ އިންޓަނޭޝަނަލް މެޗް ކުޅެފައިވާ، ސޮބާ އާއެކު، އެޓީމުގައި ނަގާކިޔަން ތިބި ކުޅުންތެރިން ނަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކަށް ކުޅެފައިވާ ތަޖުރިބާ ހުރ ކުޅުންތެރިން ނެވެ. މިދިޔަ އަހަރު ނިއުރޭޑިއަންޓާއި ވިކްޓްރީ އަށް ކުޅުނު ފަރުހަދު އިސްމާއިލް (ފަރޭ) އާއި މާޒިޔާގެ ކުރީގެ ކެޕްޓަން އަހްމަދު ރަޝީދު (އަންމަޑޭ) އާއި ވިކްޓަރީ އަށް ކުޅުނު މުހައްމަދު ސާއިފުގެ ޓީސީގެ އަހްމަދު ނިޒާމް އަކީ، ފުރަތަމަ ޑިވީޝންގެ ތަޖުރިބާ ހުރި ކުޅުންތެރިން ނެވެ. މި ކުޅުންތެރިންނާއެކު މި ޓީމަށް، ނުވަ ކުޅުންތެރިޔަކު ވަނީ ގުޅިފަ އެވެ.

"ޓީމުގައި އޮތީ މަސްހުނި ސްކޮޑެއް، ޒުވާން ކުޅުންތެރިންތަކެއްގެ ތެރެއަށް ތަޖުރިބާ ކާރު ކުޅުންތެރިން ތަކެއް އައުމަކީ ޓީމުގައި ދެން ތިބި ޒުވާން ކުޅުންތެރިންނަށް ކުރިއެރުމަކަށް ވާނެ، ޓީމު އެކުލަވާލުމުގައި ބަލާފައި ވާނީ، ތަޖުރުރިބާކާރު ކުޅުންތެރިންގެ ތަޖުރިބާގެ ފައިދާ މުޅި ޓީމަށް ކުރާނެ ގޮތަށް،" ސޮބާ ބުންޏެވެ.

"ޓީމަށް ގެނައި ކުޅުންތެރިންނަކީ، އެ ކުޅުންތެރިން މެނޭޖްކުރަން ފަސޭހަ ކުޅުންތެރިން، އަޅުގަނޑުމެންނަށް ވެސް މަޝްހޫރު، ކީ ކުޅުންތެރިންތަކެއް ގެނެވިދާނެ ނަމަވެސް ބެލީ ގްރިން ސްޓްރީޓަށް ކޮމިޓްމެންޓް ދެވޭނެ ކުޅުންތެރިންނަކީ ކޮބައިތޯ،"

ގްރީން ސްޓްރީޓަށް ގެންނަ ބިދޭސީ، ހަތަރު ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނަކީ، ޔޫކްރޭންގެ އެއް ވަނަ ލީގް، ޕްރިމިއާ ލީގަށް ކުޅެފައިވާ ދެ ކުޅުންތެރިން ނެވެ. ފުރަތަމަ އެޓީމުން ވަނީ، ޔޫކްރޭންގެ ލީގް ގައި ކުޅުނު، ތިން ކުޅުންތެރިން ގެނައުމަށް ނިންމާފަ އެވެ. ނަމަވެސް، ގެންނަން މަސައްކަތް ކުރި ފޯވަޑަށް އަނިޔާ ވުމުން، އޭނާގެ ބަދަލުގައި ވަނީ މެސަޑޯނިއާގެ ކުޅުންތެރިޔަކު ގެންނަން ނިންމާފަ އެވެ. އެޓީމުގެ ކީޕަރަކަށް ގެންނަނީ މިދިޔަ ސީޒަންގައި ނިއުގެ ގޯލް ބެލެހެއްޓި، ޖަޕާނުގެ ޔުން ކޮޗީ އެވެ.

ދެން އޮތީ ސޮބާ އާއި ޓީމުގެ އަމާޒެވެ. ސޮބަގެ އަމާޒަކީ، ދެތިން އަހަރު ވަންދެން ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަން ގައި ބޭއްވު މެވެ. އޭނާ ބުނީ، އެކަމު ގައި ޓީމުގެ މެނޭޖްމެންޓް ވެސް އޭނާއާއެކު އެކަމަށް އާނ ބަސް ބުނާނެ ކަމަ ށެވެ. ސޮބާ އަށް އޮތް އެންމެ ބޮޑު ހިތް ހަމަޖެހު މަކީ، ޓީމުގެ ފަހަތުގައި ތިއްބެވި ބޭފުޅުންނަކީ، ކުޅިވަރުގެ ދެ ފުށް އެނގޭ ބަޔަކަށް ވުމެވެ.

"ގްރީން ސްޓްރިޓްގައި އޮތް މެނޭޖެމެންޓަކީ ވަރަށް އަންޑަސްޓޭޑިން، ޓާގެޓެއް އޮވެގެން މަސައްކަތް ކުރާ ބައެއް. އެނގޭ ކުޅިވަރުގެ ވިސްނުން ހުރި މެނޭޖްމެންޓެއް ކަން، މެނޭޖެމެންޓުން މި މަސައްކަތަށް ފުރިހަމަ ބެކިން އެބައޮތް، އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޕްރެޝަރެއް ނެތި މަސައްކަތް ކުރަން ޖެހުން، ޓީމުގެ އަމާޒު ކަނޑައަޅަނީ އަޅުގަނޑުގެ ހިއްސާ ވެސް އެކަމުގައި އޮވެގެން،"

ސޮބާ އާއި މެދު ޓީމުގެ މެނޭޖްމެންޓްގެ ބަސްވެސް އެއްގޮ ތެވެ. އެ ކުލަބުގެ ރައީސް އަހްމަދު ޝަޒީން ވިދާޅުވީ ސޮބާއާ ޓީމު ހަވާލު ކުރަން ނިންމީ، އޭނާގެ ކިބައިގައި ހުރި އެތައް ކޮލިޓީ އަކާއެކު، ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ބޮޑުވުމުން ކަމަށެވެ.

"ރައްޖޭގެ ފަހުގެ ތާރީހްގައި ފުޓްބޯޅައިގެ ކާމިޔާބު ހެޕަނިންގްސް ތަކުގައި ސޮބާގެ ހިއްސާ އޮންނާނެ، ގައުމީ ޓީމާއި ކުލަބު ލެވަލުގައި ކާމިޔަބު ހޯދާފައިވާ ކުޅުންތެރިޔެއް،" ޝަޒީން ވިދާޅުވި އެވެ.

ސޮބާގެ ފުޓްބޯޅައިގެ އެންމެ ބޮޑު ކާމިޔަބީ އަކަށް، ވާނީ 2008 ސާފް ޗެމްޕިއަންޝިޕް ދިވެހި ޓީމު ކާމިޔާބު ކުރުމެވެ. ހަމައެޔާއެކު 2003 ވަނަ އަހަރާއި 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ ރިހިމެޑަލް ހޯދި ޓީމު ގައި އޭނާގެ ހިއްސާ ބޮޑެވެ. އޭޝިއާގެ ފުޓްބޯޅައިގެ އެންމެ ބާރުގަދަ ދެކުނު ކޮރެއާ ދެކޮޅަށް ރާއްޖެ އެއްވަރު ކުރި މެޗުގައި، ގައުމީ ޓީމުގެ ދިފާއީ ރޮނގުގައި ސޮބާ ހިއްސާވި އެވެ. މޮންގޯލިއާ ދެކޮަޅަށް 12-0 ން މޮޅުވި ގައުމީ ޓީމުގައިވެސް ސޮބާ ހިއްސާ ވެއެވެ.

ކުލަބު ލެވަލުގައި ސޮބާގެ އެންމެ ރަން ދުވަސް ވަރު ހޭދަ ކުރީ ރައްޖޭގެ އެންމެ ބޮޑު ދެ ކުލަބު ކަމަށްވާ ނިއު އާއި ވިކްޓްރީގަ އެވެ. ދެހާސް ފަސް ވަނަ އަހަރު ނިއުރޭޑިއަންޓް އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ދަތުރު ކުރި އިރު، ސޮބާ ވަނީ ނިއުގެ ޑިފެންސްގައި މުހިންމު ދައުރެއް އަދަ ކޮށްފަ އެވެ.

"މިއީ އަޅުގަނޑުމެން މި ޓީމު ސޮބާ އާއި ހަވަލު ކުރި ސަބަބު އޭނާގެ ތަޖުރިބާ އާއި ކޮލިޓީ ހުރިކަން ދިވެހި ފުޓްބޯޅަ ވަނީ ތަޖުރިބަ ކޮށްފަ، އަޅުގަނޑުމެން ކަހަލަ ޒުވަން ޓީމަކަށް ބޭނުން ވަނީވެސް ކޮލިޓީ ހުރި ޒުވާން ވިސްނުމުގެ ކޯޗެއް،"

ސޮބާގެ ކޯޗު ކަމުގެ ދަށުން، ގްރީން ސްޓްރީޓް ދާން ބޭނުންވާ ހިސާބަށް ދެވޭނެ ކަމުގެ ޔަގީން ކަން ވެސް ޝަޒީން އާއި ކުލަބުގެ އެހެން އޮފިޝަލުންނަށް ވެސް އެބައޮތެވެ. އޭނާ އިޝާރާތް ކުރަނީ، ސޮބާގެ ކޯޗިން ކުރީ ތަޖުރިބާ އަށެވެ. މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގައި ހުރިހާ މެޗަކުން މޮޅުވެ ފުރަތަމަ ޑިވިޝަނުން ގްރިން ސްޓްރީޓް ގެންގޮސް ދިނުމުގެ ކުރިން، ސޮބާ ވަނީ، 2015 ވަނަ އަހަރު ނިއުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން، ގައުމީ ފައިނަލަށް ނިއު ގެންގޮސް ދިނުމުގެ އިތުރަށް، އޭއެފްސީ ކަޕުގައި، ލާއޯސްގެ ޓޮޔޯޓާ އެފްސީއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗް ސޮބާގެ ކޯޗް ކަމުގެ ދަށުން ކާމިޔާބު ކުރި އެވެ. އަދި އެ އަހަރު ދިވެހި ޕްރިމިއާ ލީގް ނިއު އަށް ހޯދައި ދިނުމުގައި ސޮބާގެ ހިއްސާ އޮތެވެ. އެއީ އެޓީމު ލީގްގެ އެއް ވަނަ އަށް ނަގައިދިނީ އޭނަގެ ކޯޗް ކަމުގެ ދަށުން ކުޅުނު މެޗު ތަކުން ނެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ، ޓީމަށް ކުރިއެރުން އަންނަތަން، ޓްރެއިނިން ބައެއް މެޗްތަކުގައި ރާއްޖޭގެ އެންމެ ވަރުގަދަ ކުލަބުތަކާ ދެކޮޅަށް ރަނގަޅު ފައިޓެއް ދެވުމަކީ، އާ ޓީމަކަށް ލިބޭ ވަރަށް ބޮޑު ކޮންފިޑެންސެއް." ޝަޒީން ވިދަޅުވި އެވެ.

ގްރީން ސްޓްރީޓްގެ ޕްރެކްޓިސްތައް ޝެޝަންތަކަށް ބަލާއިރު އެޓީމަކީ، އެހެން ޓީމުތަކަށް އުނދަގޫ ވާނެ ޓީމަކަށް ވެދާނެ ކަމުގެ ހެކިތައް އެބަހުއްޓެވެ. ތަޖުރިބަ ކާރު ކުޅުންތެރިންގެ ހިތްވަރު ހައްސަ ގޮތެއްގައި ފާހގަ ކުރަންޖެހެ އެވެ.

އެންމެ ފަހުން ނިއުއާ ދެކޮޅަށް ކުޅުނު ޓްރެއިނިން މެޗުގައި ވެސް، ބިދޭސީ ކުޅުންތެރިން ނުލައި ގްރީން ސްޓްރީޓުން ވަނީ ރަނގަޅު ފައިޓެްއް ދީފަ އެވެ. ސޮބާ ބުނީ ބިދޭސީ ކުޅުންތެރިންނާއެކު ޓީމު އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ.

"ބިދޭސީ ކުޅުންތެރިން ހަމަވުމުން، ބޮޑެތި ޓީމުތަކަށް ޗެލެންޖް ކުރެވޭނެ، ޓީމުތުކުގެ ތައްޔާރީ ތަކާ ބަލާފައި މި ސީޒަން ވެސް އެއްވެސް ޓީމަކަށް ފަސޭހަ އެއް ނުވާނާ ގްރީންސްޓްރީޓުން ވެސް އެ ތަފާތު ފެންނާނެ." ޔަގީން ކަން ސޮބާ ދެއެވެ.

ފުރަތަމަ ޑިވިޝަންގައި ވާދަ ކުރުން އަމާޒަކަށް އެޓީމުން ހަދާފައިވާއިރު، ޓީމެއް ބިނާ ކުރުމުގެ މަސައްކަތްވެސް، ގްރީން ސްޓްރީޓްގެ މެނޭޖްމެންޓްގެ ވިސްނުމުގައި އެބަހުއްޓެވެ. ފުރަތަމަ ޑިވިޝަނަށް އަ ނަމަކަށް ވިޔަސް، އެކަމަށް ބޭނުންވާ ތަޖުރިބާއާއި ހަކަތަވެސް އެ ޓީމުގައި އެބަހުއްޓެވެ.