ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަން މަރިޔަމް މިރުފަތު 10 އަހަރަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓަލައިފި އެވެ.
ގައުމީ އަންހެން ޓީމާއެކު ބަހްރެއިން އާ ދެކޮަޅަށް މެޗްތަކެއް ކުޅުމަށް، އެ ގައުމުގައި ހުރި، މިރުފަތު އޭނާގެ ފޭސްބުކްގައި ރޭ ބުނެފައި ވަނީ، ބަހްރެއިންގެ ދަތުރަކީ ގައުމީ ޓީމުގައި އޭނާ ހޭދަ ކުރާ އެންމެ ފަހު ދަތުރު ކަމަށެވެ.
ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި، މިރުފަތު ބުނެފައިވަނީ އޭނާގެ އެންމެ ބޮޑު ހަނދާނަކީ، ރާއްޖޭގައި ރަސްމީ ސިފައެއްގައި އަންހެން ގައުމީ ޓީމެއް އެކުލަވާލި ދުވަސް ކޮޅު، 2004 ވަނަ އަހަރު، މިޔަންމާ އަތުން 17-0 ން ބަލިވި ހަނދާން ކަމަށެވެ.
ނަމަވެސް މިހާރު ޓީމަށް ކުރިއެރުން އައިސްފައިވާކަން މިރުފަތު ފާހަގަ ކުރިއެވެ. ރާއްޖޭގެ އަންހެން ޓީމުން މިހާރު ވަނި ބޮޑެތި ކުރިއެރުން ތަކެއް ހޯދާފަ އެވެ. އެގޮތުން ފުޓްބޯޅައިގެ ވަސީލަތްތައް ހުރި މެދު އިރުމަތީގެ ގައުމުތަކާ ދެކޮޅަށް ރައްޖެއިން ރަނގަޅު ކުޅުމެއް ދައްކަ އެވެ.
މިދިޔަ އަހަރު ފަހު ކޮޅު އިންޑިއާގައި ބޭއްވި އަންހެން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބަރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ޓީމުގައި މިރުފަތު ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އެއީ ރާއްޖެއިން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.
"މިއަދު އަޅުގަނޑު ގައުމީ ޓީމުން މި ވަކިވަނީ، ގައުމީ ޓީމުގެ ފަހްރުވެރި ކުޅުންތެރިޔެއްގެ ޝަރަފާއެކު،" މިރުފަތު ބުންޏެވެ.
އޭނާ ވަނީ، ރައްޖޭގެ އަންހެން ފުޓްބޯޅަ ދިރުވުމަށް ދެން ޓީމަށް އަންނަ ކުޅުންތެރިންނަށް ބުރަކޮށް މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.