ކުޅިވަރު

ގޯސް ހެދުނުކަން ގަބޫލުކޮށް ކްލޮޕް މާފަށް އެދިއްޖެ

Jan 29, 2017

އެފްއޭ ކަޕްގައި ރޭ ވޮލްވާހެމްޕްޓަން ވޮންޑްރެސް ނުވަތަ ވޯލްވްސް އަތުން 2-1 ބަލިވި މެޗަށް އޭނާ ނެގި ސްކޮޑް ރަނގަޅު ނޫން ކަމަށް އެއްބަސްވެ، ލިވަޕޫލްގެ ކޯޗް، ޔާގަން ކްލޮޕް މާފަށް އެދިއްޖެ އެވެ.

މިއީ ހަފުތާއެއްގެ ތެރޭގައި ޑޮމެސްޓިކް މުބާރާތްތަކުން، ލިވަޕޫލް ކެޓީ ދެ ވަނަ ފަހަރެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ސައުތު ހެމްޓަން އަތުން ބަލިވެ، އެޓީމު ކެޓީ އިނގިރޭސި ލީގް ކަޕުން ނެވެ. އެ ދެ މުބާރާތުން ވެސް ކެޓީ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ތަކުން ބަލިވެގެން ނެވެ.

ލީގް ކަޕުން ކެޓީ މެޗަށް ފަހު، ކްލޮޕް ވަނީ ފުރަތަމަ 11 އަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފަ އެވެ. އޭނާ އެ މެޗުގައި ބޭނުން ކުރި ޑިފެންސަށް ވަނީ ރޭ ގެމެޗުގައި މުޅިން ބަދަލު ގެނެސްފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކްލޮޕް ވަނީ، އޭނާ މެޗަށް ނެރުނު ޓީމަކީ، އެންމެ ރަނގަޅު ފުރަތަމަ 11 ނޫން ކަމަށް، އެއްބަސްވެފަ އެވެ.

މެޗް ފެށިގެން ފުރަތަމަ މިނެޓްގައި ފުރަތަމަ ލަނޑު ވޯލްވްސް އަށް ޖަހަދިނީ، ހެލްޑާ ކޮސްޓާ ޖެހި ހިލޭ ޖެހުމަކުން، ހުރަސްވި ބޯޅައިން، ރިޗަޑް ސްޓިއާމަން ބޮލުން ކާމިޔާބު ކުރި ލަންޑުން ނެވެ. ދެ ވަނަ ލަނޑު 41 ވަނަ މިނެޓް ތެރޭގައި އެންޑްރެސް ވިއެމަން ކާމިޔާބުކުރީ ވެސް ކޮސްޓާ ތަނަވަސް ކޮށް ދިން ފުރުސަތަކުން ނެވެ. މެޗްގެ 86 ވަނަ މިނެޓްގައި ޑެނިއަލް ސްޓަރިޖް ތަނަވަސް ކޮށްދިން ފުރުސަތަކުން ލިވަޕޫލްގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ ޑިވޯކް އޮރިޖީ އެވެ.

"ތިބުނީ ރަނގަޅަށް އަހަރެންގެން ނިންމުން މިއަދު ރަނގަޅެއް ނޫން، ޓީމުގެ ޕާފޯމަންސާ މެދު އަހަރެން ޒިންމާ ނަގަން، އަހަރެން ހީކުރީ އަހަރެމެން ތިބޭނީ ތައްޔާރަށް ކަމަށް، އެހެން ނަމަވެސް މިވީ އަހަރެމެން ހިކުރި ގޮތަކަށް ނޫން، އަހަރެމެން އަތުގައި ބޯޅަ އެވެފައި އަހަރެމެން ދިނީ އިދިކޮޅު ޓީމަށް، އެޓީމަށް ހިލޭ ޖެހުން ލިބޭ ގޮތަށް ކަންތައްތައް ވީ ، ހިލޭ ޖެހުމަކީ އޯޕަން ފުރުސަތެއް، އެކަމަކު އަހަރެމެންނަށް ރަނގަޅަށް ޑިފެންސް ކުރެވުނީސް،" ބީބީސީ އާ ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ.

"އެއީ މުހިންމު މެޗެއް، ނަސީބު ދެރަ ކަމުން އަހަރެމެންނަށް އެކަން ނުވީ، ވަރަށް ބޮޑަށް ސޮރީ،"

ލިވަޕޫލްގެ ޑިފެންސްގައި އެންމެ ބޮޑަށް މަސައްލަ ކުރިމަތިވީ، ވާތް ފަޅިން ނެވެ. އެ ފަޅި ބަލަހައްޓަން ހުރި އަލްބާޓޯ މޮރޭނޯ އަށް ރަނގަޅަށް ޕާފޯމް ނުކުރެވުނުކަން ފާހަގަ ކުރެވެއެވެ. މިދިޔަ ސީޒަންގައި ވެސް ލިވަޕޫލަށް އެންމެ ބޮޑު މައްސަލަ އަކަށް ކުރިމަތިވީ ޑިފެންސިވް މައްސަލަތަކެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގްގައި އެކަނިވެސް، އެ ޓީމު ކޮޅަށް 50 ގޯލް ވަނެވެ.