ވިޔަފާރި

މިއަހަރު ސަފާރީތަކަށް ބަނދަރެއް ލިބޭނެ ކަމަށް އުންމީދުކުރެވޭ: ލޭމް

Mar 18, 2015

ސަފާރީ ބަނދަރެއް ހަދަން ލިވަބޯޑް އެސޯސިއޭޝަން (ލޭމް) އިން ސަރުކާރަށް ހުށަހަޅާފައިވާ ޕްރޮޕޯސަލަށް އެކަށީގެންވާ ޖަވާބެއްދީ، ސަފާރީ ބަނދަރެއް މި އަހަރު ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ސަފާރީ އޮޕަރޭޓަރުގެ ޖަމިއްޔާ އިން ބުނެފި އެވެ.

ސަފާރީ އޮޕަރޭޓަރުގެ ޖަމިއްޔާގެ ރަސްމީ ފެއާ "މޯލްޑިވްސް މެރީން އެކްސްޕޯ" ހުޅުވުމަށް ދަރުބާރުގޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ލޭމް ގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ ސަރުކާރާ ގުޅިގެން ލިވަބޯޑް ދާއިރާ ކުރިއަރާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. އަދި ސަފާރީތަކަށް ބަނދަރެއް ހޯދުމަށް ސަރުކާރަށް ހުށަހަޅާފައިވާ ޕްރޮޕޯސަލަށް އެކަށީގެންވާ ޖަވާބެއް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދާދިފަހުން ވާނީ އިކޮނިމިކް ކައުންސިލަށް ސަފާރީ ބޯޓުތަކަށް ބަނދަރެއްގެ މައްސަލަ ހުށަހަޅާފަ. މި އިންޑަސްޓްރީއަކީ 40 އަހަރުވެ، ބާރު ދުވެލީގައި ކުރިއަށްދާ އިންޑަސްޓްރީއެއް. ނަވާރަ ސަތޭކަ ހަތްދިޔަ ވަނަ އަހަރުން ފެށިގެން ހުއްޓާނުލާ އިންޖީނު ނު ނިއްވާ އަޅުގަނޑުމެން މި ދުއްވަނީ،" އިއްސެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަނދަރެއް ލިބުމަކީ މި ދާއިރާގެ އުންމީދެއް ކަމަށެވެ.

" މާތްﷲ ގެ އިރާދަފުޅާއެކު އުންމީދުކުރަނީ މި ޕްރޮޕޯސަލަށް ރަނގަޅު ޖަވާބެދީ. މި އަހަރު އެކަން ކާމިޔާބު ވާނެ ކަމަށް. މިއީ އިންޑަސްޓްރީގެ އެދުން. އުންމީދުކުރަނީ ސަރުކާރުން ޖަވާބެއް ދެއްވާނެ ކަމަށް،" އިއްސެ ވިދާޅުވި އެވެ.

ލޭމުން ސަފާރީ ބަނދަރެއް ހެދުމަށް ހުށަހަޅާފައިވަނީ ސަރުކާރުން ފަޅެއް ދިނުމުން ސަފާރީ އޮޕަރޭޓަރުން އަމިއްލައަށް ފައިސާ ހޯދައި ސަފާރީ ބޯޓުތަކަށް ހާބަރެއް ހެދުމަށެވެ. އަދި އެ ޕްރޮޕޯސަލް ރައީސް އޮފީހުގެ ދަށުގައި އޮންނަ އިކްނޮމިކް ކައުންސިލުން މިހާރު ބަލައިގެންފައިވާ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުނެފައިވެ އެވެ.

ސަފާރީ އޮޕަރޭޓަރުން ބަނދަރެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަތާ ވަނީ ގިނަ ދުވަސްތަކެއްވެފަ އެވެ. އެގޮތުން މާލެ ކައިރީގައި އޮންނަ ދިރަނެރު ފަޅުގައި ސަފާރީ ބަނދަރެއް ހެދުމަށް ބީލަމަށް ވެސް ލާފައިވެ އެވެ.