ކުޅިވަރު

ޒިޔަޒަން ވެސް ވާދަ ކުރަނީ އެކަކަށް، އިމްރާން ހުރުމަކީ ހިތްވަރެއް!

މިދިޔަ ސީޒަންގެ މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށީ ޓީމަށް ކުޅުމަށް ފަހު، މިއަހަރު ގޯލް ކީޕަރު އަބްދުﷲ ޒިޔަޒަން ފެނިގެންދާނީ ނިއު ރޭޑިއަންޓުން ނެވެ. މިނިވަން ޗެމްޕިއަންޝިޕް، އޭދަފުއްޓަށް ހޯދައިދިނުމުގައި، ޒިޔަޒަން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ހާއްސަ ކޮށް، ސެމީ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން، އޭގެ ކުރީގެ ޗެމްޕިއަން ސ. ފޭދޫ ބަލި ކުރިއިރު، ޒިޔަޒަން ވަނީ ފޭދޫ ޓީމުންޖެހި ބައެއް ޕެނަލްޓީތައް ދިފާއު ކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު އެ މުބާރާތުގެ ފައިނަލު މެޗުގައި، ޒިޔަޒަން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. މިނިވަން ޗެމްޕިއަންޝިޕްގައި، އޭނާ ދެއްކި މޮޅު ކުޅުމާއެކު، ނިއުގެ ކީޕަރަކަށް ޒިޔަޒަން ގެންނަން ނިންމައި އޭނާގެ ސޮއި އެ ޓީމުން ހޯދި އެވެ.

އޭގެ ކުރިން، ނިއު އިން ވަނީ ރާއްޖޭގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު، އެ ޓީމަށް ސޮއި ކުރުވާފަ އެވެ. އިމްރާނު ހުރި ނަމަވެސް ޒިޔަޒަންގެ ވެސް އުންމީދަކީ ފުރަތަމަ 11 އެވެ.

ރާއްޖޭގެ އެއް ވަނަ ކީޕަރު، އިމްރާން ހުއްޓައި، ޒިޔަޒަން އަށް ފުރަތަމަ 11 އިން ޖާގަ ހޯދުމަށް އުނދަގޫ ވާނެ ކަން، އެންމެންވެސް ވާހަކަ ދެއްކި އެވެ. ނަމަވެސް، އިމްރާން ހުރުން، ޒިޔަޒަން ނެގީ ވަރަށް ޕޮސިޓިވް ކޮށެވެ. އޭނާ ދެކެނީ، އިމްރާން ހުރުން އެއީ އޭނާ އަށް އޮތް ހިތްވަރެއް ކަމަށެވެ.

"އަޅުގަނޑުވެސް މަސައްކަތް ކުރަނީ ފުރަތަމަ 11 ގައި ހިމެނުމަށް، ނަމަވެސް އިމްރާން ހުރުމަކީ ޗެލެންޖެއް ނޫން އެއީ ހިތްވަރެއް،" އަވަސްއާ ވާހަކަ ދައްކަމުން، ޒިޔަޒަން ބުންޏެވެ.

ޒިޔަޒަން އަށް އޮތް އެންމެ ބޮޑު ޔަގިން ކަމަކީ، އޭނާގެ ހުނަރު އިތުރު ކުރުމަށް އިމްރާންގެ ފަރާތުން، އެހިތްވަރު އޭނާ އަށް ލިބޭނެ ކަމެވެ. އިމްރާން އާއެކު ޕްރެކްޓިސް ކުރަން ފުރުސަތު ލިބުމަކީވެސް، ޒިޔަޒަން އަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައިވެސް އޭނާ ދެކެއެވެ.

"ކޮންމެ މަގާމަ ކަށް ކުޅޭ ކުޅުންތެރިޔަކަސް، އިމްރާންގެ ފަރާތުން އެ ހިތްވަރު ދޭނެ، ހާއްސަކޮށް ކީޕަރަކު ކުރި އަރައިގެން ދިއުމަށް އިމްރާން ގެ ފަރާތުން ލިބޭ ހިތްވަރު އިތުރު، އިމްރާން އާއެކު ޕްރެކްޓިސް ކުރުމުން، އަންނަ އިރު ކުރިއެރުން އަންނަ ކަން ޕާސަނަލީވެސް އަޅުގަނޑަށް ފާހަގަ ކުރެވޭ."

އިމްރާންގެ ހިތްވަރު ލިބެނީ، ޒިޔަޒަން އަށް އެކަންޏެއް ނޫނެވެ. އެހެން ޓީމުތަކުގައި ތިބި، ދިވެހި ކީޕަރުންނަށްވެސް، އިމްރާންގެ ފަރާތުން އެ ހިތްވަރާއި ސަޕޯޓް ލިބެ އެވެ. ދިވެހި ކީޕަރުންގެ ދިފާއުގައިވެސް، އިމްރާން ބަސް ބުނެ އެވެ. ޓީމުތަކަށް ބިދޭސީ، ކީޕަރުން ގެންނާތީ، ކޯޗުންނާއި ފުޓްބޯޅައިގެ ހިންގުންތެރިން ނަށް ވުރެ ކުރިން، އެކަމާ ކަންބޮޑުވީ އިމްރާން އެވެ.