ކުޅިވަރު

ރާއްޖެ އާއި ނޭޕާލް ބަލިކޮށް އިރާން ދެ ވަނަ ބުރަށް

Jan 29, 2017

ރާއްޖޭގައި މިއަދު ނިމިގެން ދިޔަ، ވޯލްޑް ވިމެން ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގައި ރާއްޖެ އާއި ނޭޕާލް ބަލިކޮށް އިރާން ކޮލިފައިންގެ ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފަހު މެޗްގައި އިރާން ރާއްޖޭގެ މައްޗަށް ކާމިޔަބު ހޯދީ ސީދާ ތިން ސެޓުން ނެވެ.

މެޗްގެ ފުރަތަމަ ސެޓް އިރާން ކާމިޔަބު ކުރީ ފަސޭހަ ކަމާއެކު، 25-4 ން ނެވެ. ދެ ވަނަ ސެޓް، 25-12 އިން ކާމިޔާބު ކުރިއިރު، ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25-15 އިން ނެވެ.

ރާއްޖެ އާއި ނޭޕާލަށް ބަލާއިރު، ތަފާތު މޮޅުކޮށް ފެނުނު އީރާނާ ދެކޮޅަށް މުބާރާތުގައި 15 ޕޮއިންޓް ހޯދުނު ޓީމަކީ ވެސް ރާއްޖެ އެވެ.

އިއްޔަ ނޭޕަލާ ދެކޮޅަށް ކުޅުނު މެޗްގެ ތިން ސެޓްވެސް އިރާން ކާމިޔާބު ކުރީ 25-12 އިން ނެވެ.

ކޮލިފައިންގެ ދެ ވަނަ ބުރަށް ދާނީ ކޮންމެ ޒޯނަކުން ވެސް، އެއް ވަނަ އަށް ދާ ޓީމެވެ. ދެ ވަނަ ބުރު ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ޕޫލަކަށް ބަހާލައިގެން ނެވެ. ދެ ވަނަ ބުރު ބާއްވާނެ ތާރީހެއް އަދި މިހަތަނަށް ކަނޑައެޅިފައި ނެތް ނަމަވެސް އޭވީސީ އިން ދަނީ މިއަހަރު ފަހު ކޮޅު ދެ ވަނަ ބުރު ވެސް ބާއްވަން ތައްޔާރު ވަމުން ނެވެ.

ޖަޕާނުގައި އަންނަ އަހަރު ބައްވާ މުބާރާތަށް ކޮލިފައި ވާނީ ކޮންމެ ޕޫަލަކުން ވެސް އެއް ވަނަ އާއި ދެ ވަނަ ޓީމެވެ.

މުބާރާތް ބާއްވާ ގައުމުގެ ހައިސއްޔަތުން ޖަޕާނަށް މުބާރާތުގެ ފުރުސަތު ލިބިފައިވާއިރު، ދެން މުބާރާތުގެ ޖާގަ ޔަގީން ކޮށްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާ އާއި ދެކުނު އެމެރިކަގެ ވޮލީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ބްރެޒިލް އަށެވެ،