ހަބަރު

ސިވިލް ކޯޓްގެ މައްސަލަތައް ނިންމަން ފަނޑިޔާރުންނަށް އެލަވަންސް ދޭން ހުށަހަޅައިފި

Mar 18, 2015
1

ސިވިލް ކޯޓުގައި ނުނިމި ދުވަސްވެފައި ހުރި މައްސަލަތައް ބަލައި ނިންމުމަށް، އެ ކޯޓުގެ ފަނޑިޔާރުންނަށް އިތުރު އެލަވަންސެއް ދިނުމަށް ސުޕްރީމް ކޯޓުން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓުން ހުށަހެޅި ސިޓީގައިވާ ގޮތުގައި އެޕްރީލް މަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ސިވިލް ކޯޓްގެ ފަނޑިޔާރުން ރޭގަނޑުގެ ވަގުތުތަކުގައި ވެސް މަސައްކަތަށް ނިކުމެ، ނުނިމި ހުރި މައްސަލަތައް ނިންމަން ވަނީ ހަމަޖެހިފަ އެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ނިކުމެ، މަސައްކަތް ކުރައްވާ ވަގުތުތަކަށް އެލަވަންސެއް ހަމަޖެއްސުމަށް އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.

އެ ސިޓީ ކޮމިޓީއަށް ހުށަހެޅުއްވުމަށް ފަހު މާލިއްޔަތު ކޮމިޓީގެ މެންބަރު ވިލިމާފަންނު ދާއިރާގެ މެންބަރު، އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ، އެ އެލަވަންސް ދޭ ނަމަ، ކޮންމެ ފަނޑިޔާރަކަށް މުސާރައިގެ ބޭރުން އިތުރު 20،000ރ. ދޭން ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެ މައްސަލަ ލަސްނުކޮށް ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެ މައްސަލަ ހުށަހެޅުމުން ކޮމިޓީގެ މެންބަރުން ވިދާޅުވީ، ގާޒީންނަކީ މިހާރު ވެސް ވަރަށް ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ ބައެއް ކަމަށެވެ. އަދި އެ މީހުންނަށް އިތުރު ފައިސާއެއް ދޭން ވާނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ. އަދި އިތުރުގަޑީގެ ފައިސާ ނަގައިގެން ދުވަހު މުސާރައަށް މަސައްކަތް ކުރައްވައި އުސޫލުން ފަނޑިޔާރުން މަސައްކަތް ކުރުމަކީ އެބޭފުޅުންގެ ޕްރޮފެޝަންއާ ނުގުޅޭ ކަމެއް ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރިޔާސަތުން ނިންމެވީ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ސަބް ކޮމިޓީއަށް ފޮނުވުމަށެވެ. މާލިއްޔަތު ކޮމިޓީގައި މިއަދު ދެން މަޝްވަރާކޮށްފައި ވަނީ ކައުންސިލަރުންނަށް ފޯން އެލަވަންސް ދިނުމުގެ މައްސަލައާ މެދުގަ އެވެ. އެ މައްސަލަ ވެސް އިތުރަށް ދިރާސާ ކުރުމަށް ސަބް ކޮމިޓީއަށް ފޮނުވުމަށް ނިންމި އެވެ.