ދުނިޔެ

މިޔަންމާގެ ވެރިކަން ކުރާ ޕާޓީގެ މުސްލިމް ލޯޔަރު އަވަހާރަ ކޮށްލައިފި

Jan 30, 2017

މިޔަންމާގެ ވެރިކަން ކުރާ އަންސަން ސޫޗީ ޕާޓީ (އެން އެލްޑީ) ގެ މުސްލިމް މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު ކޯ ނީ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލައިފި އެވެ.

ކޯނީ ގަޔަށް އިއްޔެ ބަޑި ޖަހާފައިވަނީ ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު، އެނބުރި ގައުމަށް ވަޑައިގަތް ތަނުން ޔަންގުން އެއާޕޯޓުގެ ބޭރުންނެވެ. އެ ހަމަލާގައި ކޯނީގެ ޑްރައިވަރަށް ވެސް ވަނީ ހަމަލަދީ މަރާލާފަ އެވެ.

އެ ހަމަލާއާ ގުޅިގެން މިޔަންމާ ސިފައިން ވަނީ އުމުރުން 59 އަހަރުގެ މީހަކު ހައްޔަރު ކޮށްފަ އެވެ. ނަމަވެސް ކޯނީގަޔަށް ބަޑަޖަހައިފައިވަނީ ކޮން ސަބަބަކާ ހެދި ކަމެއް އަދި އެނގިފަ އެއް ނުވެ އެވެ.

ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާގެ ބައިމަދު މުސްލިމުންގެ ހައްގުތަކުގައި އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކޯނީ އަކީ އެ ގައުމުގެ މުސްލިމުންގެ މެދުގައި ވެސް މަޝްހޫރު ބޭފުޅެކެވެ.

ކޯނީ ވަނީ 1988 އަށް ވަނަ އަހަރު ކިޔަވަން އުޅުއްވި ދުވަސްވަރު ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓުމުން ހައްޔަރު ވެސް ކޮށްފަ އެވެ. އަދި ފަހުން މިނިވަންވެ ވަނީ އަންސަން ސޫ ކީ ޕާޓީގައި ސީނިއާ ލޯޔަރެއްގެ އިތުރުން އެޑްވައިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފައްޓަވާފަ އެވެ.