ދުނިޔެ

ކެނެޑާގެ މިސްކިތަކަށް ހަމަލާދީ ނަމާދަށް ތިބި ބަޔަކު މަރާލައިފި

Jan 30, 2017
1

ކެނެޑާ ކިއުބެކް ސިޓީގެ މިސްކިތަކަށް ހަމަލާދީފައި ވަނީ ރޭ އެގައުމުގެ ގަޑިން 8:00 ގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ހަމާލާގައި އެ ވަގުތު ނަމާދަށް ތިބި ފަސް މީހަކު ވަނީ މަރާލާފަ އެވެ. އަދި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާވެ ހޮސްޕިޓަލަށް ގެންދަންޖެހުނެވެ. ނަމަވެސް އެކި ހޮސްޕިޓަލްތަކަށް މީހުންތައް ގެންގޮސްފައިވާތީ ޒަހަމްވި މީހުންގެ ތަފްސީލް ސާފުނުވާ ކަމަށް ވެއެވެ.

އެ ހަމަލާދިން ވަގުތު މިސްކަތުގައި 40 މީހުން ތިބި ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

އެ ހަމަލާއާ ގުޅިގެން ފުލުހުން ވަނީ ދެމީހަކު ހައްޔަރު ކޮށްފަ އެވެ.

މިސްކިތަށް ދިން ހަމަލާއާ ގުޅިގެން އެ މިސްކިތުގެ ރައީސް މުހައްމަދު ޔަންގުއި ވިދާޅުވެފައިވަނީ އެއީ ވަރަށް ރަހުމު ކުޑަ އަމަލެއް ކަމަށާއި މިސްކިތަަކަށް ހަމަލަދިނީ ކީއްވެގެންތޯ އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ.

އެ ހަމަލާއާ ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވެސް ވަނީ ހަމަލާގައި މަރުވި އަދި އަނިޔާ ލިބުނު ފަރާތްތަކުގެ އާއިލާއަށް ހަމްދަރުދީ ފޮނުވާފަ އެވެ. އަދި މިސްކިތައް ދިން ހަމަލާއަކީ ވަރަށް ފިނޑި އަމަލެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވާފަ އެވެ.

ކެނެޑާގެ މިސްކިތަކަށް ހަމަލާދީފައިވާއިރު، އެގައުމުގެ ބޮޑުވަޒީރު ވަނީ އެމެރިކާއަށް ރެފިއުޖީން ވަނުން ތިން މަސް ދުވަހަށް މަނާކުރުމާއި ގުޅުގެން ކެނެޑާއިން ރެފިއުޖީންނަށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވެ، ޓްރަމްޕަށް ގޮންޖއްސަވައިފަ އެވެ.