ޓީޓީގެ މި އަހަރު ގެ ފުރަތަމަ ރޭންކިން މުބާރާތުގެ އެއް ވަނަ އާމިނަތު ޝިއުރާ ޝަރީފް އާއި މޫސާ މުންސިފް އަހްމަދު ހޯދައިފި އެވެ.
އަންހެން ކެޓަގަރީގެ މިދިޔަ އަހަރުގެ ފަހު ރޭންކިންގެ އެއް ވަނަ ހޯދި ފާތިމަތު ޖުމާނާ ނިމާލްއާ ވާދަ ކުރުމަށްފަހު، ޝިއުރާ އެއްވަނަ ހޯދީ، 29 ޕޮއިންޓާ އެކު އެވެ. އޭނާ އަކީ އެންމެ ފަހުގެ ރޭންކިންގައި ތިން ވަނަ ހޯދި ކުޅުންތެރިޔާ އެވެ.
ޓްރެއިނިން ކޭމްޕެއްގައި، ޖަޕާނުގައި ހުރި ޒުވާން ކުޅުންތެރިޔާ ރަފާ ނާޒިމު އަށް ވަނީ މީގެ ކުރީގެ ރޭންކިންގައި ހޯދި މަގާމު ދީފަ އެވެ.
އެއީ ރޭންކިން މުބާރާތުގެ ގަވައިދު ހަމަޖެހިފައިވާ ގޮތުން، ރޭންކިން މުބާރާތް ކުރިއަށްދާ ދުވަސް ވަރު ބޭރުގެ ޓްރެއިނިން ކޭމްޕެއްގައި ނުވަތަ ގައުމީ ޓީމު ވާދަ ކުރާ ބޭރުގެ މުބާރާތެއްގައި ގައުމީ ޓީމާއެކު ކުޅުންތެރިޔަކު ވާދަ ކުރާނަމަ، އެންމެ ފަހުން ބޭއްވި ރޭންކިން މުބާރާތުގައި އެ ކުޅުންތެރިޔަކު ހޯދި މަގާމު އެ ކުޅުންތެރިޔަކު ދެމިހުންނާނެ އެވެ.
ޖުމާނާ އަށް މިފަހަރު ރޭންކިންގައި ލިބުނީ ތިން ވަނަ އެވެ.
ހަތަރު ވަނަ މަގާމު ހޯދީ، ޒުވާން ކުޅުންތެރިޔާ ލައިސާ ފަތުހުﷲ އެވެ. އޭނާ އަށް ކުރީގެ ރޭންކިންގައި ލިބުނީ ހަ ވަނަ އެވެ. ރޭންކިންގެ ފަސް ވަނަ މަގާމު މިފަހަރު ވެސް ހޯދީ، ފަދުވާ ރަޝީދެވެ.
ކަކުލު ހުޅަށް ލިބުނު އަނިޔާއެއްގައި ފަރުވާ ހޯދަމުންދާ، މުއިނާ މުހައްމަދު މިފަހަރު ވެސް ރޭންކިންގައި ވެސް ވާދަ ނުކުރެއެވެ. މިދިޔަ އަހަރު ލިބު އަނިޔާއާ ގުޅިގެން މިދިޔަ އަހަރު ބޭއްވި އެންމެ ފަހު ރޭންކިން މުބާރާތުގައި ވެސް އޭނާ ވާދަ އެއް ނުކުރެ އެވެ.
މިދިޔަ އަހަރުގެ އެންމެ ފަހު ދެ ރޭންކިން މުބާރާތުގެ ފިރިހެން ކެޓަގަރީގެ ގަދަ ހަތަރު މަގާމަށް ބަދަލު އައިސްފަ އެއް ނުވެއެވެ.
މުންސިފް އެއް ވަނަ ހޯދިއިރު މިފަހަރުވެސް ރޭންކިންގެ ދެ ވަނަ ލިބުނީ، ޒީސްތު ނަސީމެވެ. އަދި ތިން ވަނަ އަކީ މައިޒަރު އާދަމް ޒާހިރެވެ. ހަތަރު ވަނަ އަކީ ޝައްފާން އެވެ.
ނަމަވެސް ފިރިހެން ކެޓަގަރީގެ ފަސް ވަނަ މަގާމަށް މިފަހަރު ވަނީ ބަދަލު އައިސްފަ އެވެ. މިފަހަރު ރޭންކިންގެ ފަސް ވަނަ ހޯދީ ޝިފްނާން އެވެ. މިދިޔަ އަހަރުގެ ފަހު ރޭންކިންގައި ފަސް ވަނަ ހޯދި، މުންސިފް ކޮއްކޮ މުންތިފް މިފަހަރު ދިޔައީ ހަޔަކަ ށެވެ.
ރޭންކިންގެ ގަދަ ފަސް ކުޅުންތެރިން ނަކީ ގައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިން ނެވެ. ރޭންކިން މުބާރާތް އޮންނާނީ ކޮންމެ އަހަރަކުވެސް ތިން ފަހަރު އެވެ.