ވިޔަފާރި

އެމެރިކާ ކުންފުންޏަކުން ރާއްޖޭގައި ދެ ރިސޯޓް ތަރައްގީ ކުރަނީ

  • މ އަތޮޅުގައި ހުޅުވަނީ މުޅިން ތަފާތު ރިސޯޓެއް
  • އިންޑިއާ ކަނޑުގެ އެންމެ ބޮޑު ރިސޯޓް ހަދާނެ
  • ވިޔަފާރި ޕާޓްނަރަކީ އެއްލައިދޫ މަނިކު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހޮޓާތައް ހިންގަމުން އަންނަ، އެމެރިކާގެ ހޮޓަލް ޗެއިންއެއް ކަމަށްވާ، ޑްރީމް ހޮޓެލް ގްރޫޕުން ރާއްޖޭގައި ދެ ރިސޯޓެއް ތަރައްގީކުރުމަށްޓަކައި ނަސަންދުރާ ޕެލަސް ހޮޓަލް ވެސް ތަރައްގީ ކުރަމުން އަންނަ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ ކުންފުނިން ރިސޯޓް ތަރައްގީ ކުރަން ނިންމާފައި ވަނީ، އއ. މާގަ އިގައި "ދި ޗަޓްވަލް މާގަ މޯލްޑިވްސް" އަދި މ. ގަސްވެލީގައި "ޑްރީމް ގަސްވެލި މޯލްޑިވްސް ރިސޯޓް" އެވެ. ޑްރީމް ހޮޓެލް ގްރޫޕުން ބުނި ގޮތުގައި މި ދެ ރިސޯޓް ތަރައްގީ ކުރަނީ އެއްލައިދޫ މަނިކުގެ ހިއްސާ އޮންނަ އަލްފަ ކިނާމް ހޯލްޑިންސްއާ ގުޅިގެންނެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން ޑްރީމް ހޮޓަލް ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ގަސްވެލި ކައިރީގައި އޮންނަ އިތުރު ދެ ފަޅު ރަށްކަމަށްވާ ބޮޑުވެއްޔާއި ކުޑައުސްފުއްޓާ ގުޅުވައިގެން އެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ "ޑްރީމް ގަސްވެލި ރިސޯޓަކީ" އިންޑިއާ ކަނޑުގައި މިހާތަނަށް ތަރައްގީ ކުރާ އެންމެ ބޮޑު އިންޓަގްރޭޓެޑް ރިސޯޓެވެ. އެންމެ މަތީ ފެންވަރުގެ 500 ވިލާގެ އެ ރިސޯޓަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް ބާޒާރު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ދުނިޔޭގެ އެންމެ މަތީ ބްރޭންޑްތަކުގެ ފިހާރަތައް ހިމެނޭ ގޮތަށް ޑިއުޓީ ފްރީ ޝޮޕިން ކޮމްޕްލެކްސްއެއް ތަރައްގީ ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ރިސޯޓް ހުޅުވާނީ 2022 ވަނަ އަހަރު އެވެ.

ގަސްވެލީގައި ތަރައްގީ ކުރާ ރިސޯޓްގައި ވެސް އެންމެ މަތީ ފެންވަރުގެ 80 ވިލާ އާއި ދުނިޔޭގެ މަޝްހޫރު ކެއުންތައް ވިއްކާ ތިން ރެސްޓޯރަންޓް ހުންނާނެ ކަމަށް ޑްރީމް ހޮޓެލް އިން ބުނެ އެވެ. އެ ރިސޯޓް ހުޅުވަން ނިންމާފައި ވަނީ 2019ގަ އެވެ.

މި ހޮޓެލްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑްރީމް ހޮޓެލް ގްރޫޕްގެ ސީއީއޯ ޖޭ ސްޓެއިން ވިދާޅުވީ ޗަޓްވަލް މާގަ ރިސޯޓް އަދި ޑްރީމްސް ގަސްވެލި މޯލްޑިވްސް ރިސޯޓުގައި ތަރައްގީކުރާ ހޮޓެލްތައް ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ލަގްޒަރީ ހޮޓެލްތަކަށް ވެގެންދާނެ ކަމަށެވެ. އަދި . މިއީ އެ ކުންފުނީގެ ވިޔަފާރި އޭޝިޔާ ސަރަހައްދުގައި ފުޅާކުރުމަށް އެ ކުންފުނިން ފަށާފައިވާ މަސައްކަތަށް ލިބިގެން ދާނެ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ޑްރީމް ހޮޓެލް ގްރޫޕުން މިދޔައަހަރުގެ ޖޫން މަހުގެ ތެރޭގއި ވިއެޓްނާމްގައިވެސް ހޮޓެލްތަކެއްވަނީ ތަރައްގީ ކޮށްފަ އެވެ. ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި 150 ހޮޓާ އެކި ގައުމުތަކުގައި ތަރައްގީކުރަން އެ ކުންފުނިން މިހާރު ދަނި ތައްޔާރުވަމުންނެވެ.

މިދިޔަ އަހަރަކީ ވެސް ރާއްޖޭގައި ރެކޯޑް އަދަދަކަށް މުޅިން އާ ރިސޯޓްތައް ހުޅުވި އަހަރެކެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ވެސް މުޅިން އަލަށް 22 ރިސޯޓް ހުޅުވިފައިވެ އެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގައި 30 ނޫނ 40 ރިސޯޓް މުޅިން އަލަށް ހުޅުވުމެވެ.