ހުޅުމާލެ

މާލެ، ވިލިމާލޭން މަރުވާ މީހުން ވަޅުލުން ހުޅުމާލެއަށް

  • މާދަމާއިން ފެށިގެން އާ އުސޫލު ތަންފީޒު ކުރާނެ
  • މައްޔިތާ އުފުލުމުގެ ހަރަދު ސަރުކާރުން
  • މައްޔިތުން އުފުލުމަށް ހާއްސަ އުޅަނދެއް އޮންނާނެ

މާދަމާ އިން ފެށިގެން މާލެ އަދި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެ ސަހަރާގައި ވަޅުލަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ސްޓޭޓް މިނިސްޓަރު ލީ ވަހީދު ވިދާޅުވީ ކުރިން ނިންމާފައިވާ ގޮތަށް މީހުން ވަޅުލުމުގެ ހުރިހާ އިންތިޒާމެއް މިހާރު ނިމިފައިވާ ކަމަށާއި މާދަމާ ހެނދުނު 6:00 ގެ ފަހުން މާލެ އަދި ވިލިމާލެ އިން މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭގައި ކަމަށެވެ.

މާލެ އަދި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެ އަށް ގެންދިއުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ކުރާގޮތަށްވަނީ ހަމަޖައްސާފަ އެވެ. އަދި މައްޔިތާ ހުޅުމާލެއަށް ގެންދާނީ އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އުޅަނދެއްގަ އެވެ. މައްޔިތުން ހޮސްޕިޓަލުން ނެރެ ވެހިކަލަށް އަރުވަން ރެޑްކްރެސެންޓުން އެހީތެރިވެދޭއިރު އެކަމުގައި ހަރަކާތްތެރިވާނީ ތަމްރީނު ލިބިފައިވާ މީހުންނެވެ. އަދި ހުޅުމާލެ ސަހަރާއަށް ގެންދާނީ އެމްބިއުލާންސްގަ އެވެ.

މައްޔިތާ ހުޅުމާލެއަށް ގެންދާ އުޅަނދުގައި އެއްފަހަރާ ދެ މައްޔިތުން ގެންދެވޭނެ އެވެ. މައްޔިތާއާއެކު އެއުޅަނދުގައި ގެންދަން ހަމަޖެހިފައިވަނީ ގިނަވެގެން އާއިލާގެ ތިން މީހުންނެވެ. މައްޔިތުން ހިނަވާ ކަފުން ކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސަހަރާގަ އެވެ. އެ ސަހަރާގައި އެއް ފަހަރާ ހަތަރު މީހުން ހިނަވާ ކަފުން ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އެތަނުގައި އަންހެނުން ނަމާދު ކުރަން ހާއްސަ ކޮޓަރިއެއް އަދި މަޑުކޮށްލައިގެން ތިބެވޭގޮތަށް ކޮޓަރިއެއްވެސް ވަނީ ގާއިމްކޮށްފަ އެވެ.

މައްޔިތާގެ އާއިލާ މީހުން ހުޅުމާލެއަށް ދާން ބޭނުންނަމަ ދާން ޖެހޭނީ އާންމު ފެރީގަ އެވެ. އަދި ފެރީ ނޯންނަ ވަގުތެއްގައި ނަމަ ހުޅުމާލެ އަށް ދިއުމުގެ އިންތިޒާމް އެމްޓީސީސީން ހަމަޖައްސައިދޭނެ އެވެ.

ހުޅުމާލެ ސަހަރާއަކީ 21،000 އަކަފޫޓޫގެ ބޮޑު ސަހަރާ އެކެވެ. ވިލިމާލެ އާއި މާލެއިން މަރުވާ މީހުން ވަޅުލުން ހުޅުމާލެއަށް ބަދަލު ކުރީ މާފަންނު އާ ސަހަރާ ފުރިގެނެވެ.