ކުޅިވަރު

އިންޑިއާއަށްވުރެ ރާއްޖޭގައި އަންހެން ފުޓްބޯޅައިގެ ފޯރި ގަދަ

Jan 31, 2017

އިންޑިއާއަށްވުރެ ރާއްޖޭގައި އަންހެނުންގެ ފުޓްބޯޅައިގެ ފޯރިގަދަ ކަމަށް އިންޑިއާގެ އަންހެން ގައުމީ ޓީމުގެ ކެޕްޓަން އޮއިނަމް ބެމްބެމް ޑޭވީ ބުނެފި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު، ރާއްޖޭގައި ބޭއްވި އެފްއޭއެމް އަންހެން ފުޓްބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓަށް ކުޅުނު ޑޭވީ ބުނީ، ކުޑަ ގައުމަކާ ބަލާފައި، ރާއްޖޭގައި އަންހެނުންގެ ފުޓްބޯޅަ މާ ފޯރިގަދަ ކަމަށެވެ.

މިދިޔަ މަހު އިންޑިއާގައި ބޭއްވި، ސާފް ޗެމްޕިއަންޝިޕް އިންޑިއާ އަށް ހޯދައިދިނުމަށްފަހު، އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ.

"އަހަންނަށް އިހްސާސް ކުރެވުނު ރާއްޖެ ކަހަލަ ގައުމެއްގައި ވެސް އަންހެން ފުޓްބޯޅަ ކީހާ މަޝްހޫރު ކަން، އެމީހުންގެ މެޗް ކުޅޭ ދަނޑު އެހާ ބޮޑެއް ވެސް ނޫން، ނަމަވެސް ވަރަށް ގިނަ މީހުން ދޭ މެޗްތައް ބަލަން، ބޭރު ގައުމުތަކުގެ އެހެން ކުޅުންތެރިން ވެސް ކުޅޭ، ސަޕޯޓް ވެސް ލިބޭ،" ރާއްޖޭގައި ކުޅުނު މުބާރާތުގެ ތަޖުރިބާ ހިއްސާ ކުރަމުން ޑޭވީ ބުންޏެވެ.

އޭނާ ބުނީ އިންޑިއާ ކަހަލަ ބޮޑު ގައުމަކާ ރާއްޖެ ކަހަލަ ކުޑަ ގައުމަކާ ބަލާފައި ރާއްޖޭގައި އަންހެން ފުޓްބޯޅަ އަށް އޮތް ފޯރި މާ ގަދަ ކަމަށެވެ. މިއަހަރު އިންޑިއާގައި ވަނީ އަންހެން ފުޓްބޯޅަ ލީގެއް ތައާރަފު ކޮށްފަ އެވެ.

އޭނަ ބުނީ އަންނަ އަހަރުން ފެށިގެން، އެ ލީގް ގައި، އަންނަ އހަރު ހޯމް އެންޑް އަވޭ އެސޫލުން ކުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.