ފެބްރުއަރީ 05، 2012 ދުވަހު ސުޕްރީމް ކޯޓު ހިމެނޭ ގޮތުން މަތީ މަރުޙަލާގެ ދެ ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުނެވެ. މި އިޞްލާޙުގެ ބޭނުމަކީ، ފަނޑިޔާރުގެ ހަރުދަނާކޮށް ޢާންމުން އިތުބާރުކުރާ ތަނަކަށް އެތަން ހެދުމެވެ. މީގެ އިތުރުން، 2013 ވަނަ އަހަރު މާރޗް މަހުގެ ތެރޭގައި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމަށްޓަކައި، ހުށަހަޅަން ބޭނުންވާ އިޞްލާޙުތައް ތައްޔާރުކުރެވިފައިވާ ކަމަށާއި، އެކަމަށް މަސައްކަތްކުރާނެ ކަމަށް މީޑިއާގައި ބުނެފައިވެއެވެ. މިކަމާ ދެކޮޅަށް ނުސީދާ ގޮތެއްގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުالله ރައުޔު ފާޅުކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިކަމަކީ ފަނޑިޔާރުންނަށް ބިރު ދެއްކުންކަމުގައި ސިފަކޮށްފައިވެއެވެ. މި ސިލްސިލާއަށް ބޮޅެއް އިތުރުވެފައިވަނީ، 2014 ނޮވެމްބަރު 24 ދުވަހު ރައްޔިތުންގެ މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅުނު ހުށަހެޅުން 2014 ޑިސެމްބަރު 02 ދުވަހު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، 2014 ޑިސެމްބަރު 10 ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން އެ ބިލު ފާސްކޮށް 2014 ޑިސެމްބަރު 11 ދުވަހު އެބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ޤާނޫނަކަށްވުމުންނެވެ.
މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެންމެހައި ދިވެހިންނަށް ވަޢުދުވީ އެއްވަޢުދަކީ، މިނިވަން މުސްތަޤިއްލު ޝަރުޢީ ނިޒާމެކެވެ. އެ ނިޒާމުގައި މަސައްކަތްކުރާ ފަނޑިޔާރުންގެ މަޤާމުގެ މިނިވަންކަމާއި ރައްކާތެރިކަން، އެ ޤާނޫނުއަސާސީ ކަށަވަރު ކޮށްދީފައިވެއެވެ. މި ލިޔުމުގައި މި ބަލާލަނީ، ސުޕްރީމް ކޯޓަށް ދުސްތޫރީ ހަމަތަކުގެ މަތިން ޢައްޔަންކޮށްފައިވާ ފަނޑިޔާރުން، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނަށް ގެންނަ އިޞްލާޙެއްގެ ސަބަބުން ވަކިކުރެވިދާނެ ކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
ސުޕްރީމް ކޯޓަށް މިހާރު ޢައްޔަންކޮށްފައިވާ 07 ފަނޑިޔާރުންގެ ޢަދަދު މަދުކޮށް އެ ޢަދަދު 05 އަށް ތިރިކޮށްފިނަމަ، ބާކީވާ 02 ފަނޑިޔާރުންގެ މަޤާމު ގެއްލޭނެއެވެ. އެހެނީ ކޯޓުތަކަށް ޢައްޔަންކޮށްފައިވާ ފަނޑިޔާރުންގެ ޢަދަދު، ޢައްޔަންކުރުމުގެ ފަހުން މަދުކުރާނަމަ، ބާކީވާ ފަނޑިޔާރުންނާމެދު ޢަމަލުކުރާނެ ގޮތެއް ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންވެފައިނުވެއެވެ. އަދި މި ޙާލަތަކީ ޤާނޫނު ނަންބަރު 2010/10 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 45 ވަނަ މާއްދާގައިވާ މަސައްކަތްކުރާ ކޯޓު އުވޭ ޙާލަތުގައި އެ ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރުންނާ މެދު ޢަމަލުކުރާ އުސޫލަށްވެސް ނުމެ ފެތޭނެއެވެ. ހަމައެއާއެކު، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ މަޤާމަކަށް މީހަކު ޢައްޔަންކުރާ ފަރާތަށް އެ މަޤާމުން އެ ފަރާތް ވަކިކުރުމަށް ލިބޭ ބާރުގެ ދަށަށް ފެތޭ ކަމެއްވެސް ނުމެ ނޫންމެއެވެ. އިޖުމާލީ ގޮތެއްގައި މި އިޞްލާޙުގެ ސަބަބުން ސުޕްރީމް ކޯޓަށް މިހާރު ޢައްޔަން ކޮށްފައިވާ ފަނޑިޔާރުންކުރެ އެއްވެސް ފަނޑިޔާރެއްގެ މަޤާމު ގެއްލިއްޖެނަމަ، އެ މަޤާމު ގެއްލިގެންދާނީ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގައިވާ އިޖުރާއާތާ ކަނޑައެޅިގެން ޚިލާފަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނޭ ގޮތުން ފަނޑިޔާރުންނަކީ ވަކި މުއްދަތަކަށް ޢައްޔަންކޮށްފައިވާ ބައެއް ނޫނެވެ. މިކަން އެނގެނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާއިންނާއި، ޤާނޫނު ނަންބަރު 2010/10 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 06 ވަނަ މާއްދާއިންނާއި 21 ވަނަ މާއްދާއިންނެވެ. ފަނޑިޔާރުން މަޤާމުން ވަކިކުރެވޭނީ ދެ ޙާލަތެއް މެދުވެރިވުމުންނެވެ. ފުރަތަމަ ޙާލަތަކީ، ފަނޑިޔާރަކީ މަޤާމަށް ޤާބިލު ނޫންވުމެވެ. ދެވަނަ ޙާލަތަކީ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލެއް ކުރުމެވެ. މި ދެ ޙާލަތް މެދުވެރިވެއްޖެކަން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ. މި ދެ ޙާލަތު މެދުވެރިވެއްޖެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައެޅުމަށްފަހު، ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށްޓަކައި ފޮނުވަންޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ މަޖިލީހުގައި އެކަމާމެދު ބަހުސްކުރާ ޖަލްސާއަށް ޙާޟިރުވި މެމްބަރުންގެ ތިބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފަނޑިޔާރަކު މަޤާމުން ވަކިކުރަން ނިންމުމާއެކު މަޤާމުން ވަކިވާނެއެވެ. މިއީ ޤާނޫނުއަސާސީގެ 154 ވަަނަ މާއްދާގައިވާ ފަނޑިޔާރުން މަޤާމުން ވަކިކުރުމުގެ އުސޫލެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެންނަ އިޞްލާޙެއްގެ ސަބަބުން މަދުވާނަމަ، އެ އިޞްލާޙުގެ ނަތީޖާއަކީ 02 ފަނޑިޔާރަކު މަޤާމުން ވަކިކުރުމެވެ. މި ގޮތަށް ފަނޑިޔާރަކު މަޤާމުން ވަކިކުރުމަކީ، ޤާނޫނުއަސާސީގެ 154 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު ވަކިކުރުމަކަށްމެނުވީ ނުވާނެއެވެ. މީގެ އިތުރުން، މިގޮތަށް 02 ފަނޑިޔާރަކު ވަކިކުރާ ޙާލަތަކީ ޤާނޫނު ނަންބަރު 2010/10 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުކަމުގެ މަޤާމު ހުސްވާ ޙާލަތެއްކަމުގައިވެސް ނުބެލެވޭނެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދުސްތޫރީ ހަމަތަކުގެ މަތިން ވަކިކުރެވޭނެ ތިންވަނަ ގޮތްވެސް ސާފެވެ. އެ ގޮތަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތުގެ ތެރެއިން އެ ފަނޑިޔާރުން މަޤާމުން ވަކިކުރުމެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ، މިނިވަން މުސްތަޤިއްލު ކޮމިޝަނެއްގެ ގޮތުގައި ޤާނޫނުގައި ބަޔާންވެފައިވާ ކޮމިޝަނެއް ކަމުގައިވިޔަސް، ޤަބޫލުކުރަންޖެހޭ ހިތި ޙަޤީޤަތަކީ، އެ ކޮމިޝަނަކީ ސިޔާސީ ނުފޫޒާ އެއްގޮތަށް މަސައްކަތްކުރުމުގެ ފުރިހަމަ ބާރުލިބިފައިވާ ކޮމިޝަނެކެވެ. މިއީ ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް އިޢުތިރާފުވެފައިވާ ޙަޤީޤަތެކެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 10 މެމްބަރުންގެ ތެރެއިން 03 މެމްބަރުން (03 ފަނޑިޔާރުން) ފިޔަވައި ބާކީ 07 މެމްބަރުންނަކީ، ސިޔާސީ ނުފޫޛާ އެއްގޮތަށް މަސައްކަތްކުރުމުގެ ބާރުލިބިފައިވާ ނުވަތަ ފަނޑިޔާރުންނަށްވުރެ ބޮޑަށް ސިޔާސީ ނުފޫޒު ފޯރުމުގެ އިޙްތިމާލުއޮތް ބައެއްކަމުގައިވުމާއެކު، ވަކި ފަނޑިޔާރެއް ނުވަތަ ފަނޑިޔާރުންތަކެއްގެ މައްޗަށް ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބުނާ ޙާލަތެއް ގާއިމުކުރުމަކީ ކުރެވިދާނެކަމެކެވެ. މިފަދަ ގޮތަކަށް ޢަމަލުކުރެވިއްޖެނަމަ، ދުސްތޫރީ އިޖުރާއާތުތަކާ އެއްގޮތަށް ފަނޑިޔާރުންތަކެއް ވަކިކުރެވިދާނެއެވެ. އަދި އެ އަށްފަހު ޤާނޫނަށް ގެންނަ ބަދަލަކުން އޭގެ މައްޗަށް އަންނަ ކަންކަން ހަމަޖެއްސިދާނެއެވެ.
ޤާނޫނު ނަންބަރު 2014/40 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 01 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަކީ، ޤާނޫނީ ގޮތުން ގިނަ ސުވާލުތަކެއް އުފެދޭ ގޮތަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙެކެވެ. މި އިޞްލާޙަށް ބަލާއިރު، ސުޕްރީމް ކޯޓަށް ޢައްޔަން ކޮށްފައިވާ 07 ފަނޑިޔާރުންގެ ތެރެއިން 02 ފަނޑިޔާރުން، ފަނޑިޔާރުކަމުގެ މަޤާމަށް ޤާބިލު ނޫންކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަންޖެހެއެވެ. މިފަދަ ނިންމުމެއް ނިންމުމަށް ކަނޑައެޅިފައިވާ އިޖުރާއަތަކީ، ފަނޑިޔާރުންގެ ފެންވަރު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަޒަންކުރުމަށްފަހު ފަނޑިޔާރަކު މަޤާމަށް ޤާބިލު ނޫންކަމުގައި ނިންމުމެވެ. ނަމަވެސް، 2014 ފެބްރުއަރީ 18 ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢާންމުކޮށްފައިވާ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ޤާބިލުކަން ވަޒަންކުރުމުގެ ގަވާއިދުގެ ދަށުން އެއްވެސް ފަނޑިޔާރއްގެ ފެންވަރު ބެލިފައިނުވެއެވެ. ފަނޑިޔާރެއްގެ ކިބައިގައި ފަނޑިޔާރުކަމުގެ ފެންވަރު ނެތްނަމަ، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރެވިދާނެއެވެ.
ކޯޓުތަކާބެހޭ ޤާނޫނަށް ގެނެވުނު މި އިޞްލާހުގައިވާ ގޮތުން ސުޕްރީމް ކޯޓުން އެކަހެރިކުރާ ދެ ފަނޑިޔާރުންނަށް، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 24 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ކަނޑައަޅާފައިވާ ޚާއްޞަ ޢިނާޔަތްތަކާއި، އިމްތިޔާޒުތައް ދައުލަތުގެ ފަރާތުން ލިބިދޭންވާނެއެވެ. މި ތަނުގައި އުފެދޭ ސުވާލަކީ، ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަޤާމަށް ޤާބިލު ނޫންކަމަށް ކަނޑައަޅައި 'އެންމެ ހުތުރު ގޮތަށް' މަޤާމުން ދުރުކުރެވެމުން ދައުލަތުގެ މާލިއްޔާއިން އެފަދަ ފަނޑިޔާރުންނަށް ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ދިނުމަކީ އެންމެ އިންސާފުވެރި އިނާޔަތްތަކާއި އިމްތިޔާޒުތައްކަމާމެދު އުފެދޭ ސުވާލެވެ. އެހެނީ ކޮންމެ ފަނޑިޔާރަކީ މަޤާމުގެ މުއްދަތުގައި، މަޤާމަށް ބޭނުންވާނެ ހުނަރާއި ތަޖުރިބާ ޚުދު އަމިއްލައަށްވެސް ހޯދަންޖެހޭނެ މީހެކެވެ.
ދުސްތޫރީ ހަމަތަކުގެ މަތިން ޢައްޔަންކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޣައިރު ދުސްތޫރީ ގޮތެއްގައި މަޤާމުން ދުރުކުރުމަށް މަސައްކަތްކުރުމަކީ، ގައުމެއްގެ ދުސްތޫރީ ޙަޔާތުގައި މެދުވެރިވާނެ ޚުޠޫރަތްތެރި ހާލަތެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމަށް މަސައްކަތް މިކުރެވެނީ، އެ ފަނޑިޔާރުންގެ ގާބިލުކަމާއި، ސުލޫކާމެދު އުފެދޭ ސުވާލެއްގެ ޖަވާބުގައި ކަމަށްވާނަމަ، އެކަމަށް ޖަވާބުދޭނެ މިނިވަން މުސްތަޤިއްލު ކޮމިޝަނެއް އެބަ އޮތެވެ. ސުޕްރީމް ކޯޓުގެ މައްސަލަ ބެލުމުގެ ސްޕީޑާމެދު ސުވާލު އުފެދިގެން ކުރެވޭ މަސައްކަތެއްނަމަ، އެކަމުގެ ދިރާސާއެއް ކުރެވިފައި އޮތުން މުހިއްމެވެ. އަދި ކުރިމަތިވަމުން މިއަންނަ ބަދަލަކީ މިހާރު ސުޕްރީމް ކޯޓަށް ޢައްޔަންކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރެއްގެ މަޤާމު ގެއްލުމުން އެކަމުން ގައުމަށް ލިބޭނެ ކުރިއެރުމަކީ ކޮބައިކަންވެސް ސާފުވާންޖެހެއެވެ. އެހެނީ، މިގޮތަށް މި ބަދަލު އައުމާއެކު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބޭނެ 5 ފަނޑިޔާރުންގެ ހިއްސާ ޢަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއަށް 2008 އިން ފެށިގެން މިއަދާ ހަމައަށް އައިސްފައިވާ ކުރިއެރުމަކާއި ވެއްޓުމެއްގައި ހިމެނޭނެކަމީ ދެބަސްވެވޭވެ ކަމެއް ނޫނެވެ. އަދި ކޮންމެ ސަބަބަކާހުރެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރިނަމަވެސް، އެކަމުގެ ފަހަތުގައިވާ ސަބަބުތައް އެނގުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޙައްޤެކެވެ.
ގައުމުތަކުގެ ދުސްތޫރީ ހަޔާތުގައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ޢަދަދު މަދުކޮށްފައިހުރިތަން ފެންނަނީ، ޢައްޔަންކޮށްފައިވާ ފަނޑިޔާރެއް ނުވަތަ ފަނޑިޔާރުންތަކެއްގެ މަޤާމު އެކަށައެޅިފައިވާ ހަމަތަކާއި އުސޫލުތަކުގެ މަތިން ހުސްވުމުން، އިތުރަށް އެ މަޤާމުތަކަށް މީހުން ޢައްޔަންކުރުން ހުއްޓާލައިގެން ނުވަތަ މަޑުޖައްސައިލައިގެންނެވެ. މިނިވަން ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓައި ތަހުޒީބު މުޖުތަމަޢެއް ބިނާކުރަން މަސައްކަތްކުރާނަމަ، ރާއްޖެއަށްވެސް އޮތްގޮތަކީ މިއީ ކަމުގައި ބެލިދާނެއެވެ.
ޤާނޫނުގެ ވެރިކަން ނުވަތަ "ރޫލް އޮފް ލޯ" ކުރިއެރުވުމަށް މަސައްކަތްކުރާ ބައިނަލް އަޤްވާމީ ޖަމިއްޔާއެއް ކަމުގައިވާ "ވޯލްޑް ޖަސްޓިސް ޕްރޮޖެކްޓް" އިން ބަޔާންކުރާ ގޮތުން ޤާނޫނުގެ ވެރިކަމަކީ ޢާލަމީ ހަތަރު އަސާސެއްގެ މައްޗަށް ބިނާވެގެންވާ އެއްޗެކެވެ. މި ހަތަރު އަސާސްގެ ތެރެއިން އެންމެ ފުރަތަމަ އަސާސަކީ، ސަރުކާރާއި، ސަރުކާރުގެ މުވައްޒަފުންނާއި، އަމިއްލަ ފަރުދުންނާއި، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކަކީ، ޤާނޫނުން ޖަވާބުދާރީ ކުރެވުމެވެ. ތިންވަނަ އަސާސަކީ، ޤާނޫނު އެކަށައެޅުމާއި، ޤާނޫނުތައް ހިންގުމާއި، ތަންފީޛުކުރެވޭ ގޮތް އެންމެނަށްމެ އެނގުމާއި، މިހުރިހައި މަރުޙަލާއެއްގައި ހަމަހަމަކަމާއި އިންސާފު އޮތުމާއެކު، އެކަށީގެންވާ އަވަސްމިނެއްގައި މިކަންކަން ކުރެވުމެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ތަފާތު ހަތަރު ތަނެއްގައި، ޞަރީޙަ ނައްޞުން ތިން ފަރާތެއްގެ މަސްއޫލިއްޔަތެ ގޮތުގައި ޤާނޫނުގެ ވެރިކަން ނެގެހެއްޓުން ހިމެނިފައިވެއެވެ. މި ތިންފަރާތަކީ، ދިވެހި ރައްޔިތުންނާއި، ބަންޑާރަ ނައިބު ހިމެނޭ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައީސުލްޖުމްހޫރިއްޔާއެވެ.
އޮޑިޓް ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެވުނު އިޞްލާޙާއި، އިޞްލާޙުގެ ޤާނޫނީ ހައިސިއްޔަތު ކަނޑައެޅުމަށް ހުށަހެޅުނު މައްސަލަ ކޯޓަކުން ބަލައި ނުގަތުމާއި، އަދި އޭގެ ފަހުން ދުސްތޫރީ ހަމަތަކުގެ މަތިން ޢައްޔަންކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ޤާނޫނުގައި އެކަށައެޅިފައިވާ އިޖުރާއަތުގެ ބޭރުން ބަދަލުގެނައުމަށް ކުރެވޭ މަސައްކަތަކީ، ރާއްޖޭގައި ޤާނޫނުގެ ވެރިކަން ކުރިއަރުވައި ނެގެހެއްޓުމަށް ކުރެވޭ މަސައްކަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި ބާވަތުގެ ކަންކަމަކީ، ޒަމާނީ ކުރިއެރުންތައް ހޯދައި، ތަހްޒީބީ އުސޫލުތައް ގާއިމުކުރުމަށް، ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ކުރާ މަސައްކަތާމެދު ސުވާލު އުފެދޭނެ، އަދި ބައިނަލް އަޤްވާމީ މައިދާނުގައި މިކަންކަމަށް ކުރާ ދަޢުވާއަށް އެހެން ފަރާތްތަކުގެ ނުރުހުން ލިބޭނެ ކަމެއްކަމުގައި މެނުވީ ނުވާނެއެވެ. އަދި ތަކުރާރުކޮށް މިފަދަ ޣައިރު ދުސްތޫރީ ޢަމަލުތައް ގިނަވާނަމަ، މި މުޖުތަމަޢުގައި ޤާނޫނުގެ ވެރިކަން މުޅިން ނެތިގެން ދިއުމަކީވެސް ވުން އެކަށީގެންވާ ކަމެކެވެ.