ވިޔަފާރި

އަހަރެންގެ ބޭންކް: މުޖުތަމައަށް އެހީވާން ބީއެމްއެލްގެ ބިޔަ ކެމްޕޭނެއް

  • މުޅިން އަލަށް 10 ސީއެސްއާރު މަޝްރޫއު
  • އެންމެ ރަނގަޅު ޕްރޮޕޯސަލަށް ދެ ލައްކަ ރުފިޔާ
  • ބީއެމްއެލް ވަނީ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައި

ތަފާތު ދާއިރާތަކުން ދިވެހި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ބޭންކް، ބީއެމްއެލް އިން މިއަހަރުގެ ތެރޭގައި ހިންގާނެ ގިނަ ގުނަ ހަރަކާތްތަކަކާ އެކު އެ ބޭންކްގެ ކޮމިޔުނިޓީ ޕްރޮގްރާމް، "އަހަރެންގެ ބޭންކް" މިރޭ އިފްތިތާހުކޮށްފި އެވެ.

ބޭންކުގެ ބައެއް ކަސްޓަމަރުންނާއި، ރާއްޖޭގެ ގިނަ ޖަމްއިއްޔާ ޖަމާއަތްތަކުގެ އިސްވެރިން ބައިވެރިވެގެން މިރޭ ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ލޯންޗްކޮށްދެއްވީ އެ ބޭންކްގެ ޗެއާމަން ފަރީހާ ޝަރީފާއި އެ ބޭންކްގެ ސީއީއޯ އެންޑްރޫ ޖޭ ހީލީ އެވެ.

ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް ބޭންކުން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭން ފެށުމުގެ ގޮތުން އެ ބޭންކުން މިރޭ އިއުލާން ކުރި ގޮތުގައި ބީއެމްއެލް އިން މުޖުތަމައަށް ފައިދާވާ ގޮތަށް މިހާރު ވެސް ދެމުން އަންނަ ހިދުމަތްތަކާއި އެ ހިދުމަތްތަކުގެ ފައިދާ އާންމުންނަށް ބުނެދިނުމަށް އަންނަ މަހުގެ ކޮންމެ ދުވަހަކު ހާއްސަ ހަރަކާތެއް ހިންގާނެ އެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން، ދެމެހެއްޓެނެވި މަޝްރޫއެއް ހިންގުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހޮވުމަށް ފަހު އެ މަޝްރޫއެއް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އެފަރާތަކަށް 200،000 ރުފިޔާ ދޭނެކަން ވެސް ބޭންކުން މިރޭ އިއުލާން ކުރި އެވެ.

ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވިދާޅުވީ، 270،000 ކަސްޓަމަރުންނާއެކު ބީއެމްއެލް މިހާރުވެސް ވަނީ ކޮންމެ ދިވެހި އާއިލާއެއްގެ ދިރިއުޅުމާ ގުޅިފައި ކަމަށެވެ. އެންޑްރޫ ވިދާޅުވި ގޮތުގައި "އަހަރެންގެ ބޭންކް" ޕްރޮގްރާމް ބުނެދޭނީ ބޭންކުގެ ތަސައްވުރާއި އަދި ބޭންކުން ހާސިލްކުރަން އަޒުމްކަނޑައަޅާފައިވާ ކަންތައްތަކާއި އެކަމުން މުޖުތަމައަށް ކުރާނެ ފައިދާ އެވެ. މީގެ އިތުރުން މި ޕްރޮގްރާމުން ދެން ބުނެދޭނެ މުހިންމު އަނެއް ކަމަކީ އެންޑްރޫ ވިދާޅުވި ގޮތުގައި ބީއެމްއެލްއަކީ އަބަދުވެސް ދިވެހިންގެ ބޭނުންތައް ފުއްދައިދިނުމުގައި ވަރުބަލިވުމެއް ނެތި، ހިދުމަތުގެ ފެންވަރު ރަނގަޅު ތެމި ތިބޭނެކަމެވެ. ބީއެމްއެލް އަބަދުވެސް އޮންނާނީ ދިވެހިންގެ ބޭންކެއްގެ ގޮތުގައި ކަމުގެ ޔަގީންކަން އެންޑްރޫ ދެއްވި އެވެ.

"އަޅުގަނޑުމެން ދެކެން ބޭނުންވަނީ ދެވަނައެއް ނުވާ މި ދިވެހި ބޭންކަކީ ތިޔަ ބޭފުޅުންގެ ބޭންކުގެ ގޮތުގައި ބަލައިގަތުމަށް. ތިޔަ ބޭފުޅުންގެ
ދަރިންނަށް ތައުލީމު ފޯރުކޮށްދޭން ޖެހުނަސް، ތިބޭފުޅުން ގެޔެއް ގަންނަން ބޭނުންވިޔަސް އަދި ތިބޭފުޅުން ވިޔަފާރިއެއް ފެށުމަށް ބޭނުންވިކަމުގައިވިޔަސް މި ބޭންކު ވަނީ ތިބޭފުޅުންނާއެކުގައި،" އެންޑްރޫ ވިދާޅުވި އެވެ.

އާންމުންނަށް އެހީތެރިވުމުގެ ގޮތުން މިދިޔަ ދެ އަހަރު ބީއެމްއެލް އިން ވަނީ އަހަރަކު 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައި ކަމަށް އެންޑްރޫ ވިދާޅުވި އެވެ. އެ އަދަދު މިއަހަރުގެ ތެރޭގައި ދެ ގުނަ ކުރަން ނިންމާފައިވާކަން ފާހަގަ ކުރައްވަމުން އެންޑްރޫ ވިދާޅުވީ، ހިލޭ ސާބަހަށް ކުރާ މަސައްކަތަށާއި، ތައުލީމީ ކަންކަމަށާއި ކުޅިވަރު ހަރަކާތްތަކަށް އަދި ތިމާވެށި ރައްކާތެރިކުރުން ފަދަ ކަންކަމަށް ހާއްސަކޮށްގެން މުޅިން އަލަށް މިއަހަރު 10 ސީއެސްއާރު ޕްރޮޖެކްޓެއް އަތޮޅުތަކުގައި ހިންގާނެ އެވެ.

"ދާދިފަހުން އަޅުގަނޑުމެން ވާނީ އެއަދަދު (އިންވެސްޓްމަންޓް) ދެ ގުނަކޮށް 2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް. 150 އާ ވަޒީފާ އުފައްދާނެކަން އިއުލާންކޮށްފައި. އަޅުގަނޑުމެން އަދި ބޭންކުގެ އާ ބްރާންޗްތަކާއި އޭޓީއެމް އަދި ބިޒްނަސް ސެންޓަރތައް ރާއްޖޭގެ 22 ރަށެއްގައި ގާއިމްކުރެވޭނެ. އަޅުގަނޑުމެންގެ އިންވެސްޓްމަންޓްތަކުގެ ފައިދާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ލިބިގެންދާނެ،" އެންޑްރޫ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކިން ނެޓްވޯކާ އެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 19 ސެލްފްސަވިސް ބޭންކިން ސެންޓަރު އަދި 5 ދޯނި ބޭންކިން ޔުނިޓް ބީއެމްއެލް އިން އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްތައް ދެމުން އަންނަނީ އެ ބޭންކުންނެވެ. ބީއެމްއެލްއަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާއެއްވެ، އެ ބޭންކްގެ ސާފު ފައިދާ ވަނީ މިދިޔަ އަހަރު 281.8 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ބޭންކުގެ ބައެއް ކަސްޓަމަރުންނާއި، ރާއްޖޭގެ ގިނަ ޖަމިއްޔާތަކެއްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ވަނީ ލައިވް ޕާފޯމަންސެއްވެސް ހުށަހަޅައިދީފަ އެވެ.

ފޮޓޯއިން: