ކުޅިވަރު

ކެންސަރަށް ފަރުވާ ހޯދުމުގެ ފުރުސަތު ނިއުއާއި ކޭ ޕާކުން ދިވެއްސަކަށް ދެނީ

Jan 31, 2017

ދެކުނު ކޮރެއާގެ ކޭ ޕާކް ރެސިޑެންސާއި ނިއުރޭޑިއެންޓް ގުޅިގެން ހިންގާ ހަރަކާތެއްގެ ގޮތުގައި ކެންސަރު ބަލީގެ ދިވެއްސަކަށް ފަރުވާ ދިނުމަށް ދެކުނު ކޮރެއާ އަށް ފޮނުވަން ނިންމައިި އެވެ.

މި އަހަރުގެ ކެންސަރު ދުވަސް ފާހަގަ ކުރަން ނިއު އިން ވަނީ ހާއްސަ ހަރަކާތެއް، މިއަންނަ ހޮނިހިރު ދުވަހު ކުރިއަށް ގެންދަން ނިންމާފަ އެވެ. މި ހަރަކާތަކީ، ރާއްޖޭގެ ކެންސަރު ސޮސައިޓީ އަށް އެހީތެރިވުމަށް ހިންގާ ހަރަކާތެކެވެ. އެދުވަހު ނިއު އާއި އީގަލްސް ޕްރެކްޓިސް މެޗެއް ކުޅޭނެއެވެ.

ހޮނިހިރު ދުވަހުގެ ހަރަކާތުގައި ނިއުގެ ޕާޓްނަރެއްގެ ގޮތުގައި ކޭ ޕާކް ރެސިޑެންސްއާއެކު ސޮއި ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑައިރެކްޓާ ޖޭ ކިމް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން މިއަހަރު ދިވެއްސަކު ކެންސަރަށް ފަރުވާ ހޯދަން ކޮރެއާ އަށް ފޮނުވާނެ ކަމަށެވެ. ފަރުވާ ހޯދަން ފޮނުވާނީ ކޮރެއާގެ ގްރީން ކްރޮސް ސެންޓަރަށެވެ.

"މިއީ ދެކުނު ކޮރެއާގެ ވެސް އަދި ދުނިޔޭގައިވެސް އެންމެ މަތީ ފަންތީގައި ކެންސަރަށް ފަުރުވާދޭ އެއް މަރުކަޒު. ދޮޅު ގަޑިއރު ތެރޭގައި ފަރުވާ ނިމޭއިރު ޖިސްމާނީ ގޮތުން ހަށިގަނޑަށް އެއްވެސް ކަމެއް ނުކޮށް ފަރުވާގެ މަރުހަލާތައް ނިންމާލެވޭނެ،" ޖޭކިމް ވިދާޅުވި އެވެ.

ކޭ ރެސިޑެންސަކީ، ލަކްޒަރީ އެޕާޓްމެންޓްގެ ވިޔަފާރީ ކުރާ ރިއަލް އެސްޓޭޓް ކުންުންޏެކެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ ހުޅުމާލޭގައި ލަކްޒަރީ ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ވެސް ކުރަމުން ނެވެ.

ޖޭކިމް ވިދާޅުވީ ކޭ ރެސިޑެންސް ރާއްޖެ އައީ ހަމައެކަނި ވިޔަފާރި ކުރަން ނޫން ކަމަށާއި ސީއެސްއާރުގެ ދަށުން ދިވެހިންނަށް އެހިތެރިވުން ވެސް ހިމެނޭ ކަމަށެވެ.

"ސީއެސްއާރް ޕްރޮގްރާމް ސީދާ އަޅުގަނޑުމެން ވެސް ކުރިއަށް ގެންދަން މިތިބީ، ނަމަވެސް މިފަހަރު ސީދާ ދިވެހިން އިސް ނަގައިގެން ދިވެހިންނަށް އެހީތެރިވުމަށް އަޅުގަނޑުމެންގާތަށް އައުމުން އެކަމަށް މަރުހަބާ ކިޔަން."

ނިއުގެ އެގްޒެކެޓިވް ބޯޑްމެންބަރު އަބްދުލް މުއިއްޒު ވިދާޅުވީ ނިއުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން، މިއަހަރު ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހިޔާ އަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ނއިުގެ އަހަރީ ދުވހަ ގުޅިގެން ސީއެސްއާރު ހަރަކާތްތައް ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މުއިއްޒް ވިދާޅުވި އެވެ.