ކުޅިވަރު

ގަދަ ފިނީގައި ތިމްޕޫއާ ވެލެންސިއާ ވީއެއްވަރު

Jan 31, 2017

އޭއެފްސީ ކަޕް ޕްރިލިމިނަރީ ފުރަތަމަ ބުރުގެ ފުރަތަމަ ލެގް މެޗްގައި ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީއާ ދެކޮޅަށް ކުލަބު ވެލެންސިއާ ކުޅުނު މެޗް ލަނޑެއް ނުޖެހި އެއްވަރުވެގެން މިއަދު ނިމިއްޖެ އެވެ.

ފިނިމިން ފަހެއް ޑިގްރީ ސެލްސިއަސް ގައި ކުޅެމުން ދިޔަ، މެޗްގައި، ވެލެންސިއާ އަށްވުރެ ރަނގަޅަށް ކުޅެމުން ދިޔައީ އަމިއްލަ ރަށުގައި ކުޅެމުން ދިޔަ ތިމްޕޫ އެފްސީ އެވެ.

ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އަށް ނުރައްކާތެރި ހަމަލާ އެއް ދިފާއު ކުރަން ނެޖެހުނު ނަމަވެސް، ދެ ވަނަ ހާފު ޑޮމިނޭޓް ކޮށް ކުޅެމުން ދިޔައީ ތިމްޕޫގެ ކުޅުންތެރިން ނެވެ.

މެޗަށް ތައްޔާރުވުމަށް ވަގުތު ކުޑަތަން ވެފައި އޮތްއިރުވެސް، "ފުރިހަމަ ކުރަންޖެހޭ ކަންކަން ހަމަނުޖެހި ހުރުމުން" ކަމަށް ކަމަށްބުނެ، ޕްރެކްޓިސް ނުފަށައި އޮތް ވެލެންސިއާގެ ޓީމު މާލޭގައި ޕްރެކްޓިސް ކުރީ އެންމެ ހައެއްކަ ދުވަހު އެވެ.

ބިދޭސީ ކުލުންތެރިން ހަމަވެ މުޅި ޓީމަށް ޕްރެކްޓިސް ކުރެވުނީ އެންމެ ދެ ދުވަހު އެވެ.

މިދިޔަ ދެ އަހަރު ވިކްޓްރީ އަށް ކުޅުމަށްފަހު، މިއަހަރު ވެލެންސިއާ ބަދަލުވި ނައިޖީރިއާގެ އޮމަޑް ގޮޑް ފްރޭ ވެސްޓް ވަނީ މެޗްގައި ދެ ހަމަލާ ތިމްޕޫގެ ގޯލަށް ފޮނުވާލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އޭނާ އަށް އެދެވޭ ގޮތުގައި ފޮނުވާ ނުލެވުމުން ބޯޅަ ލިބުނީ ތިމްޕޫގެ ކީޕަރަށެވެ.

ވެލެންސިއާ އާއި ތިމްޕޫ އެފްސީ ކުޅޭ ދެ ވަނަ ލެގް މެޗް އޮންނާނީ އަންނަ އަންގަރަ ދުވަހު މާލެގަ އެވެ.