ހަބަރު

ސަލްމާން ރަސްގެފާނު، ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ސައުދީ އަރަބިއްޔާއަށް ވަޑައިގަތުމުން އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ސައުދީ ސަރުކާރުން ފޮނުއްވި ހާއްސަ ފްލައިޓެއްގައި ރައީސްގެ ދެކަނބަލުން ރާއްޖެއިން ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ރާއްޖެ ގަނޑިން ހަވީރުގެ ވަގުތުގައި ރައީސްގެ ދެކަނބަލުން ވަނީ ސައުދީ އަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެ ކަނބަލުންނަށް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް ދެންނެވީ ރަސްގެފާނު ސަލްމާން އެވެ.

ރައީސް ޔާމީން ސައުދީއަށް ވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފުގައި، ‏ސަޢޫދީ ރަސްގެފާނުވަނީ ފުރަމާނަ ޖާފަތެއް ‏‏ބާއްވާފަ އެވެ. މި ޖާފަތް އޮތީ މިއަދު މެންދުރުފަހު ‏ރަސްގެފާނުގެ ޝާހީ ގަނޑުވަރުގައެވެ.‏

ރައީސްގެ ދަތުރުފުޅުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަދި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސްގެ ދެ ކަނބަލުން ސައުދީއަށް ދަތުރުފުޅެއް މި ކުރައްވަނީ، ރަސްގެފާނު ސަލްމާންގެ ދައުވަތަކަށެވެ.

ރަސްގެފާނު ސަލްމާން ތަހުތައް އިސްވުމުގެ ކުރިން ރާއްޖެއަށް ވަނީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. ކްރައުން ޕްރިންސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އޭނާ ރާއްޖެ ވަޑައިގެން އެއް ހަފްތާގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަ ކުރެއްވި އެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ އާއި ދީނީ ކަންކަމަށް ސަލްމާން ބޮޑު އެހީތެރިކަމެއް ދެއްވި އެވެ.