ވިޔަފާރި

ބީއެމްއެލްގެ ކާޑް މެދުވެރިކޮށް 23 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މިދިޔަ އަހަރު 19 މިލިއަން ޓްރާންސެކްޝަނުން، ހަދާފައިވާ އިރު، ކާޑު މެދުވެރިކޮށް ކުރި މުއާމަލާތްތަކުގެ އަގު، 23 ބިލިއަން ރުފިޔާގެ އަރާނެ އެ ބޭންކުން ހާމަކޮށްފި އެވެ. ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ފެށީ 2000 ވަނަ އަހަރު އެވެ.

"އަހަރެންގެ ބޭންކް" ކެމްޕެއިން ފެށުމަށް މިރޭ ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، ބީއެމްއެލްއިން ރާއްޖެއަށް އޭޓީއެމްގެ ހިދުމަތް ދޭން ފެށި ފެށުމަކީ ދިވެހިން ފައިސާ ގެންގުޅޭ ގޮތާއި ވިޔަފާރީގެ މުއާމަލާތްތަކަށް ގެނެވުނު އިންގިލާބީ ބަދަލެއް ކަމަށެވެ. އަދި، ބީއެމްއެލްއިން ކާޑާއި ކާޑު މެޝިން ތައާރަފްކޮށް، ނަގުދު ފައިސާ ގެންގުޅުން ވެސް ދިވެހިންގެ މެދުގައި މަދުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްގެ އެ ހިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ޝަރީފު ވަނީ މިދިޔަ އަހަރު އެކަނި ވެސް ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން 19 މިލިއަން ޓްރާންސް ސެކްޝަން ހަދާފައިވާކަން ހާމަކުރައްވާފަ އެވެ. އެ ޓްރާންސް ސެކްޝަންގެ ޖުމްލަ އަދަދަކީ 23 ބިލިއަން ރުފިޔާ އެވެ. އެއީ ކޮންމެ މިނެޓަކުން 40،000 ރުފިޔާގެ ވިޔަފާރި އެވެ.

މީގެއިތުރުން ބީއެމްއެލްއިން ތައާރަފްކުރި ސެލްފް ސާވިސް އޭޓީއެމްތައް ބޭނުންކޮށްގެން މިދިޔަ އަހަރު ހަތަރު މިލިއަން ޓްރާންސް ސެކްޝަން ހަދާފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި އިންޓަނެޓް ބޭންކިންއަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކޮންމެ ތާކު ހުރެގެން ވެސް ބޭންކިންގެ ހިދުމަތް ހޯދޭ އިންޓަނެޓް ބޭންކިންނަކީ ވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ހިދުމަތަކަށް ވަނީވެފަ، އިންޓަނެޓް ބޭންކިން ބޭނުންކުރާ އެއް ލައްކައަށްވުރެ ގިނަ ކަސްޓަމަރުން އެބަތިބި،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ރައްޔިތުންނަށް ލުއި ފަސޭހަ އެތައް ހިދުމަތްތަކާއެކު ބީއެމްއެލްއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ބޭންކިން ވިޔުގަ ކަމަށެވެ. ރާއްޖޭގައި ހުޅުވިފައިވާ އެހެން ހުރިހާ ބޭންކްތަކުގެ ވިޔުގާ އެއްކުރުމުން ވެސް ބީއެމްއެލްގެ ވިޔުގާއާ އެއްވަރުނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިޔުގާ މެދުވެރިކޮށް ދިވެހި ކޮންމެ އާއިލާއަކަށް މިދަނީ ހިދުމަތް ދެމުން، ކޮންމެ ދިވެހި ރައްޔިތެއްގެ ދިރިއުޅުމާ މި ވިޔުގާ މިވަނީ ގުޅިފަ، މި ބޭންކް ވަނީ ފަހުރުވެރި ދިވެހިންގެ ބޭންކަކަށް މިވަނީވެފަ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ބީއެމްއެލްއިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ހިއްސާދާރުންނާއި ކަސްޓަމަރުން ފަހުރުވެރިވާފަދަ ބޭންކަކަށް އެ ބޭންކް ހެދުމަށް ކަމަށެވެ. ކުރިއަށް އޮތްތާ ވެސް ބޭންކްގެ މިސްރާބު ބައްޓަން ކުރާނީ ދިވެހިންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އެގޮތުން މުޅި ގައުމަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް އިންވެސްޓްކުރުމާއި ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނާއި އާއިލާތަކުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވުމާއި ކަސްޓަމަރުންނަށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރާނަން،" ޝަރީފު ވިދާޅުވި އެވެ.