ރިޕޯޓް

ބޯހިޔާވަހިކަމަށް ސަލާން ޖެހުން: މި ނޫން ދުވަހެއް ފެންނާނެތަ؟

Feb 1, 2017
6
  • ކުލި ކޮންޓްރޯލް ކުރަން އެޑްރެސް ނުކުރެވޭ
  • ހައުސިންގެ އާ ސިޔާސަތުތަކެއް ބޭނުންވޭ
  • މި ސަރުކާރުން މަސައްކަތްތަކެއް ވަނީ ކޮށްފައި

ތިން ދަރިންނާ އެކު އެކަނިމާ އެކަނި މާލޭގެ ކޮޓަރިގަނޑެއްގައި ދިރިއުޅެމުން އަންނަތާ އެތައް ޒަމާނެއްވީ ރަޝީދާ ހީކުރީ، ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކޮށް ފައްކާކޮށްފައި އެ ހެރަ ފްލެޓްތަކުން ހިޔާވަހި ކަމެއް ލިބި، ގަނެތެޅެމުން އަރައިގަނެވޭނެ ކަމަށެވެ. އެކަމަކު އެ އުންމީދު ވެސް އޭނާއަށް ވަނީ ގެއްލިފަ އެވެ. އެ ފްލެޓްތައް މިލްކް ކުރަން ހޯދަން ޖެހޭ ބޮޑު ލޯނުގެ ޑައުންޕޭމަންޓަށް ދައްކަން ޖެހޭ 400،000 ރުފިޔާ ހޯދާނެ ގޮތެއް ނުފެނުނެވެ. ރަނގަޅު ބޯހިޔާވަހިކަމަކަށް ފެންބޮވައިގެންފައި ތިބި، ރަޝީދާ ކަހަލަ އެތައް ބަޔަކު މިފަހަރުވެސް މިވަނީ މާޔޫސް ކަމެއްގެ ތެރެއަށް ގެނބިފަ އެވެ. ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ލިބުނު 266 މީހުންގެ ތެރެއިން ލޯނު ލިބި ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ހޯދުނީ އެންމެ 47 މީހުނަވެ.

ބޮޑު މިނުގައި 5.8 ކިލޯމީޓަރު ހުންނަ ވެރިރަށް މާލެއަށް މުޅި އާބާދީގެ 40 ޕަސެންޓް މީހުން ޖަމާވެ، ފިތި ބާރުވެ ތޮއްޖެހިފައި ވަނީ ފަސޭހަވެގެނެއް ނޫނެވެ. ތަނާއި ނުބައްދަލު އިންތިހާއަށް ބޮޑެތި ކުލިތައް ދައްކައިގެން، ކުދި ކުދި ގޮޅި ގޮޅީގައި ތިރީހަކަށް މީހުން އެކަކު ގައިމަތި އަނެކަކު ނިދައިގެން އުޅެމުން ދަނީ އަރާމު ދިރިއުޅުމަކަށް ވެގެނެއް ވެސް ނޫނެވެ. އެހެން ގޮތެއް ނެތި، މަޖުބޫރުވެގެންނެވެ. ހަގީގަތަކީ މިރަށުގައި އުޅެން ވެސް ޖެހެ އެވެ. އެކަމަކު އުޅެވޭކަށް ވެސް ނެތެވެ. އެއަށްވުރެ ބޮޑު ހަގީގަތަކީ ރާއްޖެއަށް ދިމާވެފައިވާ ހުރިހާ އިޖުތިމާއި މައްސަލަތަކެއްގެ އަސްލަކީ ވެސް މިއީ ކަމެވެ.

ޖުމްލަކޮށް އާންމު މީހެއްގެ މަހު މުސާރައަކީ 6،000- 9،000 ވަރަކަށް ރުފިޔާ ކަމަށްވާ އިރު، މަސް ނިމޭ އިރު ކުލި ދައްކާފައި އަނބިދަރިންނަށް އިތުރު ކަމެއް ކޮށްދޭ ވަރަށްވުރެ މީހާ ހަގީގަތުގައި ވެސް ހުންނަނީ އަތް މަތި ހުސްވެ ދަރާފަ އެވެ. މި ނިކަމެތި ކަމާއި ވޭނުގައި ގަނަތެޅި ތެޅި އެތައް ބަޔަކު މަރުވެގެން ވެސް ގޮސްފި އެވެ. ބޯހިޔާވަހިކޮށްލެވޭނެ ތަންކޮޅެއް ލިބޭނެ ކަމަށް ބުނެ، ކޮންމެ ސަރުކާރަކުން ވެސް ވައުދުތައް ވެއެވެ.

އެންމެ ބޮޑު ސުވާލަކީ ރައްޔިތުންގެ އެންމެ ބޮޑު އާދޭހާއި ވޭނާއި ތަކުލީފަށް ސަރުކާރުތަކަށް މިހާތަނަށް އެކަން އެކަށީގެންވާ ގޮތެއްގައި ހައްލެއް ނުހޯދި އޮތީ ކީއްވެ ހެއްޔެވެ؟

ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުންލައްވާ ފްލެޓަށް އެދި ފޯމު ލައްވަ އެވެ. ރައްޔިތުން ދިގު ކިޔޫތަކުގައި ޖައްސައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެށި ފަހި މާލެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެތައް ހާސް ބަޔަކު ފޯމުލި އެވެ. އެތައް ބަޔަކަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ހަވާލު ކުރި އެވެ. ނަމަވެސް، އެ މީހުން އަދިވެސް އެތިބީ ބޯހިޔާވަހިކަމެއްގެ އިންތިޒާރުގަ އެވެ. ފްލެޓެއް ލިބޭނެ ކަމުގެ ޔަގީންކަން އޮތީ އަތުގައި ފައިސާ ހުރި ތަނަވަސް މީހުންނަށް ކަމަށް ގަބޫލު ކުރެވޭ ހިސާބަށް މި މައްސަލަ ގޮސްފި އެވެ.

ގެދޮރުގެ ނިކަމެތިކަން ފިލުވައިލަން މި ސަރުކާރުން ވެސް ބޯހިޔާވަހިކަމަށް ވެފައިވާ ވައުދުތަކެއް ވެއެވެ.

  • މާލެ ދަފުތަތުގައި ޖެހިފައި ތިބި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން
  • މާލެ ނޫން އެހެން ރަށްރަށުގައި ވެސް ބޯހިޔާވަހިކަން ހޯދައިދިނުން
  • ބަޖެޓުން ހަރަދު ކުރާ ހައުސިން ފަންޑެއް ގާއިމް ކުރުން
  • 2007 ގައި ތައާރަފް ކުރި ލުއި ލޯނުގެ ނިޒާމް ހަރުދަނާކުރުން
  • ކުޑަ އިންޓަރެސްޓެއްގައި ހައުސިން ލޯން ލިބޭނެ ގޮތް ހެދުން
  • ހައުސިން ސަބްސިޑީޒް ނިޒާމް ގާއިމް ކުރުން
  • ހޯމް ސްޓާޓާ ލޯން ސްކީމް ތައާރަފް ކުރުން

މި ސަރުކާރަށް ތިން އަހަރު ވެފައިވާ އިރު މި ވައުދުތަކުގެ ތެރެއިން ބައެއް ކަންކަން ފުއްދައިފި އެވެ. ގެ އިމާރާތް ކުރުމަށް ދޫކުރާ އިންޓަރެސްޓް ރޭޓް ކުޑަކޮށްފި އެވެ. އޭގެ ސަބަބުން މާލޭގެ އެތައް އިމާރާތެއް ކޮޅަށް ނެގިއްޖެ އެވެ. ހުޅުމާލޭގައި ހާހުން ހާހުން ފްލެޓް އެޅޭ މަންޒަރު އެބަ ފެނެ އެވެ. އަދި އަތޮޅުތަކުގައި ހުރި ހައުސިން ޔުނިޓްތަކުގެ ބޮޑު ބައެއް ވެސް އެކީ ނިންމައި އެ ވަނީ ގުރުއަތަށް ހުޅުވާލައިފަ އެވެ. އެކަމަކު ސުވާލަކީ؛ ފްލެޓްތަކެއް އަދި އެޅުނަސް ރައްޔިތުން މިހާލަތުން ސަލާމަތް ކުރެވުނީ ހެއްޔެވެ؟

މާލޭގެ ކުލި ކުޑައެއް ނުވެ އެވެ. ފްލެޓްގެ ޑައުން ޕޭމަންޓް އަދި ކުޑަވިތަނެއް ވެސް ގައިމު ނުފެނެ އެވެ. އެހެން ވީމާ އެންމެ ބޭނުން ޖެހިފައި ތިބި ރައްޔިތު މީހާއަށް މީގެން ރާހަތެއް ކުރާތަނެއް އަދި ނުފެނެ އެވެ. ހައުސިން ސަބްސިޑީގެ ނިޒާމުގެ ވާހަކައެއް އަދި ނީވެ އެވެ. އެއީ ވެސް ކުޑަވަރެއްގެ އުންމީދެކެވެ.

މި ސަރުކާރުން ދެނީ ކޮން އުންމީދެއް؟

ބޯހިޔާވަހިކަން ސިޔާސަތުގެ ދަށުން މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއަކީ ޔޫތް ސިޓީގެ ގޮތުގައި ސަރުކާރުން ޕްރޮމޯޓް ކުރާ ހުޅުމާލެ އެވެ. ސަރުކާރުން އެ މަޝްރޫއު ފެށުމަށް އެ ރަށަށް އިތުރު 250 ހެކްޓަރުގެ ބިން ވަނީ މިހާރު ހިއްކައި ނިންމައިފަ އެވެ. ސަރުކާރުން ބުނެފައި ވަނީ، ހުޅުމާލޭގެ ޔޫތް ސިޓީގައި 20،000 ފްލެޓް އަޅާނެ ކަމަށެވެ. އެއީ ސޯޝަލް ހައުސިން އަށް ހާއްސަކޮށް 7،100 ޔުނިޓާއި މެދު ފަންތީގެ ބޯހިޔާވަހިކަމަށް 3،000 ފްލެޓް އަދި އެޗްޑީސީ އިން އަޅަން ނިންމާފައިވާ 9،900 ފްލެޓެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ޔޫތް ސިޓީ އަށް އާބާދީގެ 30 ޕަސެންޓް ގެނެވޭނެ ކަމަށެވެ. އަދި ހުޅުމާލެއަށް ހިޖުރަ ކުރާ ރަށްރަށުގެ މީހުންނަށް ހުޅުމާލެއިން ފްލެޓް ދޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރަށް ވެސް ހުޅުމާލޭގެ ފުރަތަމަ ފޭސްގައި 1،100 ފްލެޓް އެޅުމުގެ މަޝްރޫއުތައް ވެސް ހަމަ ދަނީ ކުރިއަށެވެ.

މައިގަނޑު ސުވާލަކީ މި މަޝްރޫއުތަކުގެ އަސަރު ރައްޔިތުންނަށް ކުރާނީ ކިހާ ދުވަހަކުން ހެއްޔެވެ؟ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ މި ސަރުކާރުން ހުޅުމާލޭގައި ކުރިއަށް ގެންދާ ހައުސިން މަޝްރޫއުތަކުގެ ސަބަބުން މާލޭގައި ދިރިއުޅެމުން އަންނަ އަތޮޅުތަކުގެ މީހުންނަށް ފްލެޓް ލިބި އެ މީހުންނަށް ލުޔެއް ލިބޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވަނީ ފްލެޓްތައް އެޅުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޓްގައި ކުރިއަށް ދާ ކަމަށެވެ. އަދި ބޯހިޔާވަހި ކަމުގެ ވައުދަކީ ސަރުކާރުން އެންމެ އިސްކަން ދޭ މަސައްކަތް ކަމަށެވެ. އެމަނިކުފާނު ލަފާ ކުރައްވާ ގޮތުގައި މިއަހަރުގެ ތެރޭގައި މި ސަރުކާރުން ވަރަށް ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ އެވެ.

"ސަރުކާރުން ފެށި ހައުސިން މަޝްރޫއެއް ވެއްޖިއްޔާ ބާރު ދުވެލީގައި ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ ޓާގެޓަށް ނިންމާލެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. އަޅުގަނޑުމެން މި ބަލަނީ ވާހަކަތަކެއް ދެއްކުމަށް ވުރެ މަސައްކަތްތަކެއް ވެސް ކޮށްފައި ދައްކަން. ހައުސިން ވައުދުގެ ތެރެއިން އަމަލީ މަސައްކަތްތައް އެހެރީ ފެށިފައި. ދެން ފެންނާނީ އެކަންކަން ތަންފީޒު ވެގެން އައިސް ރައްޔިތުންނަށް އޭގެ މަންފާ ކުރާތަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ އޮތް އެންމެ ބޮޑު ޝަކުވާ އަކީ ހައްގުވެރިންނަށް ފްލެޓް ނުލިބުމެވެ. ހައުސިން މިނިސްޓްރީ އިން ނިންމާފައި އޮތީ ފްލެޓަށް އެދި ފޯމުލީ ހުރިހާ ގޭގެއަށް ޒިޔާރަތް ކޮށް އެ މީހުންގެ ދިރިއުޅުމުގެ ސާވޭއެއް ކުރުމަށެވެ. އަދި އެއަށް ފަހު، ފްލެޓަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ހާއްސަ ސްކީމެއް ސަރުކާރުން ތައާރަފް ކުރަން ނިންމާފައިވެ އެވެ. ސަރުކާރުން ބުނަނީ އެ ސާވޭގެ ސަބަބުން ފްލެޓްތައް އޭގެ އެންމެ ހައްގުވެރިންނަށް ލިބޭނެ ކަމަށެވެ. އަދި ފްލެޓް ދިނުމުގައި މާކްސް ދޭ ކްރެއިޓީރިއާތަށް އަންނާނީ ވެސް އެ ސާވޭ އިން ފާހަގަ ކުރެވޭ ކަންކަމުގެ މައްޗަށް ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ ޕެންޝަން ގާނޫނަށް ބައެއް ބަދަލުތައް ގެނެސް، ޕެންޝަން ފަންޑްގައި ހުރި ފައިސާއިން ފްލެޓް ގަންނަ ލޯނުގެ ޑައުންޕޭމަންޓް ދެއްކޭނެ ގޮތްތަކެއް ހަމަޖައްސައިފަ އެވެ. މިއީ އެއްގޮތަކުން އުފާވެރި އުންމީދީ ކަމެކެވެ. އެކަމަކު މީގެން އެއްވެސް ގޮތެއް ނެތް މީހުން އެތައް ހާހަކުން އަދިވެސް ގުނާލެވެ އެވެ. ފްލެޓް ދިނުމުގައި ޕޮއިންޓް ދޭ އުސޫލުތަކާއި ބަލާ ކްރެޓީރިއާތަކަކީ ހަގީގަތުގައި އިންސާފުވެރި އެއްޗަކަށް ވުންވެސް މުހިންމެވެ. ހަމައެކަނި ދަރިން ތިބޭ މީހުންނަށް ގިނައިން މާކްސް ދީ އަލަށް ޒަވާޖީ ހަޔާތެއް ފްލެޓުން މަހުރޫމް ވުމަކީ ވެސް އުސޫލެއް ނޫނެވެ.

ހައްލަކީ ކޮބާ؟

އަބަދުވެސް މި ދެއްކެނީ ރައްޔިތުންނަށް ފްލެޓްތައް ބަހާލައި ވާހަކަ އެވެ. ހުޅުމާލެ އާއި މާލެއާ ދެމެދު ބްރިޖް އަޅައި ދެ ސިޓީ ގުޅާލުމުން ބޯހިޔާވަހިކަން ވެސް ފަސޭހަ ވާނެ ކަމަށް ސަރުކާރުން އެބަ ވިސްނައިދެ އެވެ. މިއީ ހަމަ ވަރަށް ރަނގަޅު ވާހަކަ އެކެވެ. އެކަމަކު ހުޅުލެ-މާލެ ބްރިޖާ އެކު މާލެއަށް މީހުން ހިޖުރަ ކުރާ އަދަދު މިހާރު ހުރި ގުނައަށް ވުރެ އެތައް ގުނައެއް އިތުރު ކުރާނެ އެވެ. ނަތީޖާއަކަށް ވާނީ ހައުސިން ޑިމާންޑް ހުޅުމާލެއާ މާލޭގައި ބޮޑުވުމެވެ. މާލޭގައި އެޕާޓްމަންޓްތައް ބުރި ބުރިއަށް ހަދައި ކުއްޔަށް ދޭ ތަންތަނުގެ ވެރިންގެ ބަހަނާ އަކީ، ފްލެޓްތައް އިމާރާތް ކުރުމަށް ހިނގާ އަގު ބޮޑުވުމާއި ޑިމާންޑް ބޮޑުވެ އެކަށީގެންވާ އަދަދަށް މާކެޓަށް ފްލެޓްތައް ނުނެރެވުމެވެ.

ސަރުކާރުން ހުޅުމާލެ ދެވަނަ ފޭސްގައި ފްލެޓް ބޮޑުވަރެއް އެޅިޔަސް މި އޮތް ޑިމާންޑަށް ކޭޓާ ކޮށްލެވޭނެއެކޭ ހިތެއް ނުބުނެވެ. އެއީ މާލޭގައި އެކަނިވެސް މިހާރު 200،000 އާ ގާތް ކުރާ އާބާދީއެއް އޮތް އިރު އޭގެ ތެރެއިން ގިނަ ބަޔަކީ ހިޖުރަ ކޮށްގެން ބޮޑު ކުލީގައި އުޅޭ މީހުންނެވެ. ސަރުކާރުން އެނބުނާ 20،000 ފްލެޓް އެޅުން ވާނީ ކަނޑަށް ތިނޯހެއް ކޮއްޕާލުން ކަހަލަ ކަމަކަށް ނޫން ހެއްޔެވެ؟ އެހެން ވީމާ ހައުސިންގެ އަގުތަކަށް އަންނާނެ ބަދަލު ހަމަ ވަރަށް ކުޑަ އެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ފްލެޓްތަކެއް އަޅައި ބްރިޖް ދަމާލެވޭ އިރު ހައުސިންގެ ކަންކަން ހަމަޔަކަށް އަޅުވަން މިހާރަށް ވުރެ ވަރުގަދަ ސިޔާސަތުތަކެއް ނެރެން ޖެހެ އެވެ. އެހެން ނޫނީ މާލޭގެ ތޮއްޖެހުމަށް އަދި ހައުސިންއަށް ހުރި މައްސަލަތަކަށް ހައްލެއް ލިބުން ދުރުވާނެއެވެ.