ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ފެށި "އަހަރެންގެ ބޭންކް" މަޝްރޫއުގެ ދަށުން އެންމެ ރަނގަޅު ސީއެސްއާރް ޕްރޮގްރާމެއް ހިންގަން ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް އެ ބޭންކުން ދޭން ނިންމައިފި އެވެ.
ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް ބޭންކުން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގައި މުޖުތަމައަށް ފައިދާވާ ގޮތަށް މިހާރު ވެސް ދެމުން އަންނަ ހިދުމަތްތަކާއި އެ ހިދުމަތްތަކުގެ ފައިދާ އާންމުންނަށް ބުނެދިނުމަށް މި މަހުގެ ކޮންމެ ދުވަހަކު ހާއްސަ ހަރަކާތެއް ހިންގާނެ އެވެ.
ބީއެމްއެލްގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، "އަހަރެންގެ ބޭންކް" ކެމްޕެއިން ދަށުން ހިންގާ ކޮމިއުނިޓީ ޕްރޮޖެކްޓްގެ ބޭނުމަކީ މުޖުތަމައުއަށް ފައިދާވާނެ ހަރަކާތެއް ހިންގުން ކަމަށެވެ. އެގޮތުން އެކަމަށް އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތެއް ހޮވައި، ބީއެމްއެލްއިން އެހީވާނެ ކަމަށެވެ.
"ހުށަހަޅާ ޕްރޮޕޯސަލް އަޅުގަނޑުމެންގެ ޓީމަކުން އިވެލުއޭޓްކުރާނެ، އެއަށްފަހު އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖްގައި ޕަބްލިޝްކުރާނެ، އެ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ގިނައިން ލައިކްސް ލިބޭ މަޝްރޫއަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް މިވަނީ ހަމަޖެހިފަ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، ޕްރޮޕޯސަލް ހުށަހެޅުމުގެ މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓާއި ބޭންކްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ލިބިގެންދާނެ ކަމަށެވެ.
"ބީއެމްއެލްއިން މިހާރު ވެސް ދަނީ ތިމާވެށި، ކުޅިވަރު އަދި ރަށެއްގެ ތަރައްގީއަށް ކުރެވިގެންދާނެ ކަމަކާ ގުޅޭ ގޮތުން ޕްރޮގްރާމްތައް ހިންގަމުން، އެހެންކަމުން މިކަހަލަ ދާއިރާއަކުން އަޅުގަނޑުމެންނަށް ޕްރޮޕޯސަލް ހުށަހެޅޭނެ،" ސައީދު ވިދާޅުވި އެވެ.
ޕްރޮޕޯސަލްތައް އަމިއްލަ ފަރާތަކަށް ނުވަތަ އަމިއްލަ ޖަމިއްޔާއެއްގެ ފަރާތުން ވެސް ހުށަހެޅިދާނެ ކަމަށް ސައީދު ވިދާޅުވި އެވެ. މިކަމުގައި ސަރުކާރުގެ އިދާރާއަކަށް ބައިވެރިއެއް ނުވެވޭނެ އެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވިފަ އެވެ. މި މަހުގެ 28 ވަނަ ދުވަހު ބީއެމްއެލްއިން އެންމެ މޮޅު ފަސް ޕްރޮޕޯސަލް ފޭސްބުކްގައި އާންމުކުރާނެ އެވެ.