ކުޅިވަރު

މޮޅު ކުޅުންތެރިން އުފެއްދި އއ. ފަނޑުކޮށް!

އއ. އަތޮޅަކީ، ރާއްޖޭގެ ފުޓްބޯޅަ ދަނޑަށް މޮޅު ކުޅުންތެރިން ނެރުނު އެއް އަތޮޅެވެ. އެ އަތޮޅުން އައި ކުޅުންތެރިން، ގަލޮޅު ދަނޑުން ވިދާލީ އަތޮޅު މުބާރާތުން ފާހަގަ ކުރެވުމަށް ފަހު އެވެ. އަތޮޅު މުބާރާތްވީ އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް، ލިބުނު ރަނގަޅު ޕްލެޓްފޯމަކަ ށެވެ. ޒޯން މުބާރާތުގައި އެ އަތޮޅު ތޮއްޑޫ އާއި ރަސްދޫ އަކީ އަބަދުވެސް ފާހަގަ ކުރެވިފައި އޮންނަ ދެ ޓީމެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް ނުވަތަ މިނިވަން 50 ޗެމްޕިއަންޝިޕްގައި އެންމެ ފޯރިގަދަ ކޮށް ފެނުނީ ވެސް އއ. އަތޮޅުގެ ބުރެވެ. ނަމަވެސް މި މުބާރާތުން އއ. އަތޮޅު ގެއްލިއްޖެ އެވެ. މި ދެ އަހަރު، އއ. އަތޮޅު ފެނުނީ ފަނޑުކޮށެވެ. މިދިޔަ އަހަރު، އއ. ގެ އެއްވެސް ޓީމެއް މުބާރާތުގައި ވާދަ އެއް ނުކުރެ އެވެ. މިއަހަރު ވާދަ ކުރީ އެންމެ ޓީމެ ކެވެ. މާޅޮސް އެކަންޏެވެ. އެ ޓީމު އެކަނި ވާދަ ކުރުމުން، އޮޓަމެޓިކުން ޒޯން ބުރުގެ ޖާގަ ވަނީ ކަށަވަރު ވެފަ އެވެ.

ގައުމީ ޓީމަށް، ސާފް ޗެމްޕިއަންޝިޕް ހޯދައިދިން، ތޮއްޑޫ މުހްތާރު ނަސީރު (ޓޫކިލޯ) އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު ނިޒާމް (ތޮއްޑޫ) އާއި ކުރިން ވެލެންސިއާ އާއި ވިކްޓްރީ އަށް ކުޅުނު ތޮއްޑޫ ކައުންސިލްގެ މިހާރުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު (ބޮޑު ތޮއްޑޫ) އަކީ، އަތޮޅު މުބާރާތުން ވިދަޅި ކުޅުންތެރިޔެކެވެ. އަދި މިހާރުވެސް ގަލޮޅު ދަނޑުގައި ކުޅެމުންދާ އިބްރާހިމް ޝިޔާމް (ދޮނާ) އަކީވެސް އއ. ގެ މުޑުވަކެކެވެ.

އއ. އަތޮޅު ރާއްޖޭގެ ފުޓްބޯޅައިގެ ފަނޑުވީ ކިއްވެ ހެއްޔެވެ؟

އެންމެ ރަނގަޅު ކުޅުންތެރިން އުފައްދާ ކާދު އޮތީ އެ އަތޮޅުގައި ކަން ރާއްޖޭގެ ފުޓްބޯޅައިގެ ކާމިޔާބީން ބުނެދެ އެވެ. އެހެންވީ އިރު އެ އަތޮޅު މިނިވަން ޗެމްޕިއަންޝިޕްގައި ވާދަ ނުކުރާ ސަބަބު ބަލަން ޖެހެ އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން، ބޮޑު ތޮއްޑޫ ވިދާޅުވީ ޒުވާނުން ވަޒީފާ އާއި މަސައްކަތް ހުންނަ ގޮތުން، ޓީމެއް އެކުލަވާލަވާ ލެވޭ ވަރަށް އެއްބާރުލުން ލިބެމުން ނުދަ ކަމަށެވެ. އަދި މުބާރަތަށް ކުރަން ޖެހޭ ޚަރަދު ބޮޑުވުމުގެ މައްސަލައަކި ތޮއްޑޫ އަށް ކުރިމަތިވާ މައްސލަ އެއް ކަމަށް، އޭނާ ފާހަގަ ކުރެއްވި އެވެ.

"ނަމަވެސް ކުރިއަށް ތަނުގައި، މިކަމަށް ޒުވާނުން އަހުލުވެރި ކުރުވަން އަޅުގަނޑުމެން މަސައްކަތް ކުރާނަން، ތޮއްޑޫ ފުތްބޮޅައިގެ ރަން ދުވަސްތައް އަލުން އެބަޖެހޭ ގެންނަން." އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕްގައި މިފަހަރު 75 ޓީމެވެ. މި އަދަދު އިތުރުކޮށް، ގިނަ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން، ކުރީގެ ގިނަ ކުޅުންތެރިން އުފެއްދި ރަށްތަކަށް މުބާރާތުގެ ވަދަ ކުރުމުގެ ހިތްވަރު ދޭން ޖެހެއެވެ.

އެފްއޭއެމްގެ ޖެނަރަލްސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، މިފަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާތަން ފެނި، އަންނަ އަހަރު ގިނަ ޓީމުތައް ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ދިވެހި ޕްރިމިއާ ލީގަށް އަތޮޅު ތެރެއިން އަންނަ ގަދަ ހަތަރު ޓީމަށް ފައިސާ ފޯރުކޮށްދެއްވި، މިފަހަރު ދިވެހި ޕްރިމިއާ ލީގްގައި އެ ތީމުތައް ވާދަ ކުރާތަން ފެނުމަކި، އެހެން ރަށްރަށަށް މުބާރާތުގައި ވާދަ ކުރަން ލިބޭނެ ހިތްވަރަކަށް ކަމެއް، އެ އަށް ބަލާފައި އަންނަ އަހަރު އިތުރު ގިނަ ޓީމުތައް ބައިވެރިވާނެ ކަމަށް އުންމީދު ކުރަނީ." ޖަވާ ވިދާޅުވި އެވެ.

އަތޮޅު މުބާރަތް ތާރަފު ކުރެވުނީވެސް، ގައުމީ ޓީމަށް ކުޅޭނެ ކުލުންތެރިން ހޯދުމުގެ ނިޔަތުގަ އެވެ. އެހެންވީއިރު، ގިނަ ޓީމުތަކަށް ބައިވެރި ވެވޭނެ ގޮތަށް މުބާރާތް އިންތިޒާމުތައް ފަސޭހަ ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ.