ކުޅިވަރު

އޮމާންގެ ކޯޗް ބުނަނީ ރާއްޖޭގެ ފެންވަރު ނޭނގޭ ކަމަށް!

Feb 1, 2017

އޭޝިއަން ކަޕް ކޮލިފައިންގައި، އޮމާންއާ ދެކޮޅަށް ނުކުންނަ ރާއްޖޭގެ ޓީމުގެ ފެންވަރެއް ނޭނގޭ ކަމަށް، އޮމާންގެ ކޯޗް ހޮލެންޑްގެ ޕީމް ވާބީކް ބުނެފި އެވެ.

ރާއްޖެއާ އޮމާން ކުޅޭ ފުަރަތަމަ ލެގް މެޗް އޮންނާނީ މި އަހަރު ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު އޮމާންގަ އެވެ. ދެ ވަނަ ލެގް މެޗް އޮންނާނީ ރާއްޖޭގައި އޮކްޓޫބަރު މަހު 10 ވަނަ ދުވަހު އެވެ.

ކުރިން ސައުތު ކޮރެއާ އޮސްޓްރޭލިއާ އަށް ވެސް، ކޯޗް ކޮށްދިން ވާބީކް ބުނީ އޮމާން އަށް ޖެހުނީ ފަސޭހަ ގުރޫޕެއް ކަމަށާއި އެންމެ އުނދަގޫ ވާނެ ކަމަށް އޭނާ އަށް ބެލެވެނީ ފަލަސްތީން ކަމަށެވެ.

ރާއްޖޭގެ ރޭންކަށް ބަލައިފިނަމަ ރާއްޖެ އަތުން ދެ މެޗުގައި ވެސް މޮޅުވެވިދާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން ޖޫން 13 ގައި ބައްދަލު ކުރަން ޖެހޭ ފަލަސްތީނަކީ އުނދަގޫ ޓީމަކަށް ވެދާނެ، ނަމަވެސް އަހަންނަކަށް ނޭނގެ ރާއްޖޭގެ ގޮތެއް އެކަމަކު ރޭންކަށް ބަލައިފިނަމަ އަހަރެމެންނަށް އެ ޓީމު ދެ ލެގްގައި ވެސް ބަލި ކުރަން ޖެހޭނެ،" ވާބީކް ބުންޏެވެ.

ރާއްޖެ އޮތީ ފީފާ ރޭންކިންގެ 145 ވަނަ އިގައެވެ. އޮމާން އޮތީ 118 ވަނައިގަ އެވެ.

ރާއްޖެއިން މިހާތަނަށް ވަނީ އޮމާންއާ ދެކޮޅަށް ހަތް މެޗު ކުޅެފަ އެވެ. އެ ހަތް މެޗުގެ ތެރެއިން ހަ މެޗުން އޮމާން މޮޅުވެފައިވާ އިރު އެއް މެޗު ވަނީ އެއްވަރު ވެފައެވެ. އެއްވަރުވީ ދެހާސް ހަ ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިންއިން ޖާގަ ހޯދުމުގެ ގޮތުން ކުޅުނު ޕްލޭ އޮފް ދެ ވަނަ ލެގް މެޗުގައި މަލޭގައި ކުޅުނު މެޗުން ނެވެ. އެ މެޗް ނިމުނީ 1-1 އެއް ވަރުވެގެން ނެވެ.