ހަބަރު

މުސާރަތައް ދޫކޮށްފި، ލަސްވީ ނިޒާމަށް ގެނައި ބަދަލަކުން

Feb 1, 2017
6
  • ފުލުހުން ނޫން މުއައްސަސާތަކަށް މުސާރަދީފި
  • ދައުލަތުގެ މާލީ ހާލަތު އޮތީ ވަރުގަދަކޮށް
  • މުސާރަ ދިނުން އޮޓަމޭޓެޑް ނިޒާމެއްގެ ތެރެއަށް

ދައުލަތުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ލަސްވީ، މުސާރަ ދިނުމުގެ ނިޒާމު އޮޓަމޭޓް ކޮށް ފަހުގެ މުޅިން އާ ނިޒާމެއްގެ ތެރެއިން މި މަހު މުސާރަ ދޭން ފަށާތީ ކަމަށާއި އެހެން ނަމަވެސް ފުލުހުން ނޫން ހުރިހާ މުއައްސަސާއަކަށް މުސާރަ ދީ ނިމިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.

ބައެއް މުއައްސަސާތަކުގެ މުސާރަތައް ނުދެވި ލަސްވާތީ އެކަމާ މެދު ބައެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ މައްސަލައިގައި މިއަދު، "އަވަސް" އިން ކުރި ސުވާލެއްގެ ޖަވާބުގައި ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މީގެ ކުރިން މުސާރަދެމުން އަންނަނީ އެމްއެމްއޭއަށް ކޮންމެ އޮފީހަކުން ވެސް ޗެކް ފޮނުވައިގެން ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް އަޅާ ފިޔަވަޅެއްގެ ދަށުން ޗެކް ބޭނުން ނުކޮށް އޮޓަމޭޓެޑް ޓްރާންސްފާ އިން މުސާރައިގެ ކަންކަން ހަމަޖެއްސުމަށް މިި މަހުން ފެށިގެން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބަދަލުތަކާ އެކު އިދާރީ ގޮތުން ބަދަލުވި ކަންތައްތަކެއްގެ ސަބަބުން މުސާރަ އެޕްރޫވް ކުރަން ބައެއް ތަންތަނުން ފޮނުވަން ޖެހޭ މައުލޫމާތުތައް ފޮނުވުން ލަސްވީ އެވެ.

އެހެން ނަމަވެސް މުސާރަޔާ ގުޅޭ ގޮތުން މިނިސްޓްރީއިން ބޭނުންވި މައުލޫމާތުތައް ދިން ހުރިހާ މުއައްސަސާއަކަށް މިއަދުގެ ނިޔަލަށް މުސާރަ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެންމެ މައްސަލަ ބޮޑުވި ފުލުހުންގެ މުސާރަ އަދިވެސް ދޫނުކުރެވި ވަނީ މިފަހުން ފުލުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލެއްގެ ސަބަބުން އިތުރު މައުލޫމާތުތަކެއް ފިނޭންސުން ހޯދަން ޖެހުމުންނެވެ. އެ މައުލޫމާތު އޮޅުންފިލިވަން މިނިސްޓްރީ އާއި ކަމާ ގުޅޭ މުއައްސަސާތަކުން މިހާރު މަސައްކަތް ކުރަމުން އަންނަކަން ވަނީ އެނގިފަ އެވެ.

"އިތުރު މައްސަލައެއް އުޅެގެނެއް ނޫން މުސާރަ ލަސްވެގެން މި އުޅެނީ. މިހާރު އޮޓަމޭޓެޑް ނިޒާމަކަށް މި ބަދަލު ކުރީ މުސާރަ ދިނުމުގެ ކަންކަން. ޗެކް ބޭނުން ނުކޮށް އެކަން ކުރެވޭ ގޮތަށް. މީގެ ސަބަބުން މި ޑިލޭއެއް އައީ. އެކަމަކު މިއަދު ހުރިހާ ތަނަކަށް ދީ ނިމިފައި ވަނީ މުސާރަ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ކޭޝްފްލޯ ހުރީ ވަރަށް ރަނގަޅަށް ކަމަށާއި ފައިސާގެ އެއްވެސް ތާށި ކަމެއް ނެތް ކަމަށެވެ. މި ޖެނުއަރީ މަހުވެސް ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ރެކޯޑް އަދަދަކަށް އާމްދަނީ ލިބުނު ކަމަށްވިދާޅުވި އެވެ. އެހެން ކަމުން، މާލީ މައްސަލައެއްގެ ސަބަބުން މުސާރަ ނުދެވޭ ކަހަލަ ހާލަތެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ދައުލަތުގެ މާލީ ކަންކަން މި ހުރީ ވަރަށް ވަރުގަދަކޮށް. ރެކޯޑް އަދަދެއްގެ އާމްދަނީއެއް މި ޖެނުއަރީ މަހުވެސް މި ވަނީ ލިބިފައި،" އޮފިޝަލް ވިދާޅުވި އެވެ.

އާ ނިޒާމާ އެކު ކުރިއަށް އޮތްތަނުގައި މުސާރަ ދިނުމުގައި ލަސްތަކެއް ނުވެ ކުރިން ވެސް ދެމުން އައި ގޮތަށް ދެވޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީއިން މިއަދު ދިނެވެ.