ކުޅިވަރު

އަތޮޅުތަކުން ލީގަށް އަންނަ ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ

Feb 2, 2017
1

ދިވެހި ޕްރިމިއާ ލީގަށް އަތޮޅުތެރެއިން އަންނަ ހަތަރު ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ. އަތޮޅުތަކުން ލީގަށް އަންނާނީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ.

އެއިން ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ދޭ އިރު، އެއީ ހަ މިލިއަން ރުފިޔާ އެވެ. މީގެ ކުރިން އަވަސް އަށް ދެއްވި އިންޓަވިއުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަތޮޅުތަކުން އަންނަ ހަތަރު ޓީމަށްވެސް ފައިސާ ދޭނީ އެފްއޭއެމްއާ އެކު އެއްބަސްވާ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކަމަށެވެ.

"އަތޮޅު ތަކުން އަންނަ ހަތަރު ޓީމު އައުމުން، އިތުރު ހަތަރު ކުންފުންޏެއް ގުޅޭނެ، އެފްއޭއެމް މެދުވެރިކޮށް ޖުމުލަ 12 ކުންފުނިން މި ކަމުގައި ބައިވެރި ވާނެ،" ބައްސާމް ވިދާޅުވު ވެފައި ވެއެވެ.

ފުރަތަމަ ޑިވިޝަންގެ އަށް ޓީމަށް ކުންފުނިތައް މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައި ވަނީ ތިން މިލިއަން ރުފިޔާ އެވެ. އެ ފައިސާއާ އެކު، ކުލަބުތަކަށް ޝަރުތު ތަކެއް އެފްއޭއެމުން ވަނީ ކަނޑައަޅާފަ އެވެ.

ކުންފުނިތައް މެދުވެރިކޮށް، އަތޮޅު ތެރެއިން އަންނަ ހަތަރު ޓީމަށް ދޫކުރާ ފައިސާގެ ތެރެއިން އަތޮޅު ތެރެއިން އަންނަ ހަތަރު ޓީމަށް ވެސް ބައެއް ޝަރުތު ތައް ހިމެނެ އެވެ. އަދި އެ ފައިސާ ހޭދަ ކުރި ގޮތުގެ ރިޕޯޓް އެ ހަތަރު ޓީމުން ވެސް އެފްއޭއެމް އަށް ހުށަހަޅަން ޖެހޭނެ އެވެ.